ސިވިލްސާވިސް ކޮމިޝަން (ސީއެސްސީ)ގެ ރައީސް ޑރ. އަލީ ޝަމީމާއި، ނައިބު ރައީސް ޝަހީދު މުހައްމަދުގެ އިތުރުން މެންބަރު ޒަކަރިއްޔާ ހުސައިން އާއި އިބްރާހީމް ޝަހީގު ކޮމިޝަނުން ވަކި ކުރުމުގެ މައްސަލަ ރައްޔިތުންގެ މަޖިލީހުގެ މާދަމާގެ ޖަލްސާއަށް އެޖެންޑާ ކޮށްފިއެވެ.

އެ ބޭފުޅުން ކޮމިޝަނުން ވަކި ކުރަން ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާބެހޭ ކޮމިޓީން ފާސްކޮށް އެ ކަމާބެހޭގޮތުން ގޮތެއް ނިންމަން މަޖިލީހުގެ ތަޅުމަށް ފޮނުވީ، މިދިޔަ މަހުގެ 29 ގައެވެ.

ކޮމިޝަންގެ މެންބަރުކަމުން، އެ ހަތަރު ބޭފުޅުުން ވަކި ކުރުމަށް ކޮމިޓީިން ފާސްކުރީ، ސިވިލް ސާވިސްގެ ބައެއް މުވައްޒަފުން ވަކިކުރުން ފަދަ މައްސަލަތަކާ ގުޅިގެންނެވެ. ކޮމިޝަންގެ ރައީސާއި މެންބަރު ޒަކަރިއްޔާ އާއި ޝަހީގު ވަކިކުރަން ފާސްކުރީ ކޮމިޓީގައި ތިއްބެވި ނުވަ މެންބަރުންގެ ތެރެއިން ހަތް މެންބަރުން ވޯޓު ދެއްވައިގެންނެވެ. ކޮމިޝަންގެ ނާއިބު ރައީސް ވަކިކުރަން ފާސްކުރީ ނުވަ މެންބަރުންގެ ތެރެއިން ފަސް މެންބަރުން ވޯޓު ދެއްވައިގެންނެވެ.

ކޮމިޝަންގެ މެންބަރުކަމުގެ މަގާމުން ފާތުމަތު އާމިރާ ވަކިކުރުމުގެ ވާހަކަ ކޮމިޓީގައި ދެއްކި ނަމަވެސް އެގޮތަށް ކޮމިޓީން ފާސްކޮށްފައެއް ނުވެއެވެ.

ކޮވިޑާ ގުޅިގެން ސަރުކާރުން ދެއްވާފައިވާ ލުއިތަކާއެކު، އާއްމު ހާލަތުގެ ދަށުން ރާއްޖެ، ފަތުރުވެރިންނަށް ހުޅުވާލެވިގެންދާއިރު، އިންޓަނޭޝަނަލް އެއާޕޯޓުތަކުން ތައްޔާރުވެފައިވާ މިންވަރު، ސްޓޭޓް އޯންޑް އެންޓަޕްރައިސަސް ކޮމިޓީން ދިރާސާ ކޮށް ނިންމި ގޮތުގެ ރިޕޯޓަށް ވެސް މާދަމާ ބަހުސް ކުރުމަށް ވަނީ ހަމަޖެހިފައެވެ.

މީގެ އިތުން 1441 ވަނަ އަހަރުގެ ފިތުރު ޒަކާތް ބެހުމުގައި، 1439 ވަނަ އަހަރު ފަގީރުންގެ ގޮތުގައި ރަޖިސްޓަރީވެފައިވާ ފަރާތްތަކުގެ ލިސްޓަށް، މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުން ބައްލަވާފައިވާތީ، ގިނަ އަދަދެއްގެ ފަގީރުންގެ ހައްގުތައް ގެއްލިގެން ގޮސްފައިވާކަމަށް ބަޔާންކޮށް، ތޮއްޑޫ ދާއިރާގެ މެންބަރު ހަސަން ޝިޔާން ހުށަހަޅުއްވާފައިވާ މައްސަލަ އިޖުތިމާއީ ކޮމިޓީން ދިރާސާކޮށް ނިންމިގޮތުގެ ރިޕޯޓަށް ބަހުސް ކުރުމަށްވެސް ރައްޔިތުންގެ މަޖިލީހުގެ މާދަމާގެ ޖަލްސާއަށް ވަނީ އެޖެންޑާ ކޮށްފައެވެ.