ޗިލްޑްރަންސް އޮމްބަޑްސްޕާސަންގެ މަގާމަށް އައްޔަން ކުރުމަށް، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ރައްޔިތުންގެ މަޖިލީހަށް ފޮނުއްވި މ.މާފުށީގޭ/ ނިއުމަތު ޝަފީގަށް މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމިޓީން ރުހުން ދީފިއެވެ.

ނިއުމަތުގެ ނަން އެ ކޮމިޓީން ދިރާސާ ކުރުމަށްފަހު، ރުހުން ދިނުމަށް ފާސްކޮށް، އެކުލަވައިލި ކޮމިޓީގެ ރިޕޯޓާމެދު މުޅި މަޖިލީހުން ގޮތެއް ނިންމުމަށް މިހާރު ކޮމިޓީ ރިޕޯޓް ވަނީ މަޖިލީހުގެ ތަޅުމަށް ފޮނުވައިފައެވެ.

ޗިލްޑްރަންސް އޮންބަޑްސްޕާސަންގެ މަގާމަށް އައްޔަން ކުރުމަށް، ޖޫން 15 ގައި ނިއުމަތުގެ ނަން މަޖިލީހަށް ފޮނުއްވީ، މީގެ ކުރިން އެ މަގާމަށް އައްޔަން ކުރުމަށް ކޮމިޓީން ރުހުން ދިން، ގދ. ތިނަދޫ/ ހިރިޔާ، ސިޔާނަތު ހާޝިމް، އެކަމަށް އުޒުރުވެރިވެވަޑައިގެން އެމަގާމު ބޭނުންފުޅު ނޫން ކަމަށް އެންގެވުމާ ގުޅިގެންނެވެ.

ޗިލްޑްރަންސް އޮމްބަޑްސްޕާސަންގެ މަގާމަކީ ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ ގާނޫނުގެ ދަށުން އުފައްދަންޖެހޭ މަގާމެކެވެ. ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ ގާނޫނުގެ 113 ވަނަ މާއްދާގައި ބުނެފައިވަނީ، އެ ގާނޫނުގައި ބަޔާންކޮށްފައިވާ ކަންކަން ތަންފީޒުކުރާ މިިންވަރު މޮނިޓާ ކުރުމަށްޓަކައި އައްޔަންކުރެވޭ، މިނިވަން މުސްތަގިއްލު ޗިލްޑްރަންސް އޮމްބަޑްސްޕާސަނެއް ހުންނަންވާނެ ކަމަށެވެ.

ގާނޫނުގައި ބުނެފައިވާ ގޮތުން އޮމްބަޑްސްޕާސަންގެ ޒިންމާތަކާއި މަސްއޫލިއްޔަތުތައް އަދާކުރުމުގައި ދިމާވާ ކަންކަމާއި ހިންގާ ތަހުގީގުތަކުގެ ނަތީޖާތަކާ ގުޅޭގޮތުން ޖަވާބުދާރީ ވާނީ މަޖިލީހަށެވެ.

އޮމްބަޑްސްޕާސަންގެ މަސްއޫލިއްޔަތުގެ ގޮތުގައި ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ ގާނޫނުގައި ހިމަނާފައިވަނީ، ދައުލަތުގެ އިދާރާތަކުން އެ ގާނޫނަށް އަމަލުކުރާ މިންވަރު ދެނެގަނެ އެ ގާނޫނު ތަންފީޒު ކުރުމަށް ކުރަންޖެހޭ އެންމެހައި ކަންކަން ކުރުމަށް ބާރުއެޅުމާއި ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމާ ބެހޭ މުއާހަދާއާ އެއްގޮތަށް ދައުލަތުގެ އިދާރާތަކުން އަމަލުކުރާ މިންވަރު ދެނެގަނެ އެ މުއާހަދާއާ އެއްގޮތަށް އަމަލު ކުރާކަން ކަށަވަރުކުރުމުގެ ގޮތުން ކުރަންޖެހޭ އެންމެހައި ކަންކަން ކުރުމެވެ.

މީގެ އިތުރުން ރާއްޖޭގެ ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކޮށްދިނުމުގައި ހަރަކާތްތެރިވާ އިދާރާތަކާއި މުވައްޒަފުން މޮނިޓާކޮށް އިވެލުއޭޓް ކުރުމާއި އެފަދަ އިދާރާތަކާއި މުވައްޒަފުންގެ އަމަލުތައް ތަހުގީގުކޮށް މުތާލިއާކުރުން ވެސް އޮމްބަޑްސްޕާސަންގެ މަސްއޫލިއްޔަތުތަކުގެ ތެރޭގައި ހިމެނެއެވެ.