މިދިޔަ އަހަރު ފަހުކޮޅު ކަލަރސް ޓީވީން ބޭއްވި ބިގްބޮސްގެ 13 ވަނަ ސީޒަން ނިމުނުތާ މިހާރު ދެތިން ހަތަރު މަސް ފާއިތުވެފައިވާއިރު، އަދިވެސް ބިގްބޮސްގެ އެންމެ ކާމިޔާބު އެއް ސީޒަންގޮތުގައި ސިފަކުރާ 13 ވަނަ ސީޒަންގެ ވާހަކަތައް ދައްކައި ނުނިމެއެވެ.

ބިގްބޮސް 13 އިން ފާހަގަކޮށްލެވޭ އެއް ވާހަކައަކީ އެ ޝޯގެ ފައިނަލިސްޓެއް ކަމަށްވާ ރަޝްމީ ދެސާއީ އާއި ޝޯގެ ބައިވެރިއެއް ކަމަށްވާ އަރުހާން ހާން ގެ ވާހަކައެވެ. އެދެމީހުން އެކީ ޝޯގައި އުޅެމުން ލޯބީގެ ގޮތުން ގުޅުނު ނަމަވެސް ފަހުން ވަނީ ޝޯގެ ތެރެއިން ދެ މީހުންގެ މެދުގައި އޮތް ގުޅުން ރަޝްމީ އަމިއްލަޔަށް ނިންމައިލައިފައެވެ.

ވަރަށް ލޯބިން ޝޯގެ ތެރޭގައި އެކަކު އެނެކަކުގެ ހިތްވަރަށް ވެގެން އުޅުނު ރަޝްމީ އަދި އަރުހާނުގެ ދެމެދުގައި މައްސަލަތައް ޖެހެން ފެށީ ޝޯގެ ހޯސްޓް ސަލްމާނު ހާނު އަރުހާނު ކުރިން ކައިވެންޏެއް ކޮށްގެން ދަރިޔަކު ހުންނަ ވާހަކަ ރަޝްމީ ގާތު ބުނުމުން ކަމަށް ވެއެވެ. އަރުހާނު ކައިވެންޏެއް ކޮށް ދަރިޔަކު ހުންނަކަން ނޭނގޭ ކަމަށް ރަޝްމީ ބުންޏެވެ. އެހެންނަމަވެސް އަރުހާން ވަނީ ރަޝްމީ އަށް ހުރިހާ ވާހަކަތަކެއް އެނގޭނެ ކަމަށް ބުނެފައެވެ.

ދާދިފަހުން ޕިންކު ވިލާއަށް ދިން އިންޓިވިއުއެއްގައި އަރުހާނު ބުނީ މިހާރު އޭނާއާ ރަޝްމީއާ އެއްވެސް ގުޅުމެއް ނޯންނަ ކަމަށެވެ. ކުރިން 4 އަހަރާއި ބައި އެކީ ދިރިއުޅުމުން ވަރަށް ފޮނި ހަނދާންތަކެއް ރަޝްމީއާއިއެކު އެބަހުރިކަމަށް އަރުހާނު ފާހަގަކުރިއެވެ. މީގެ އިތުރުން އަރުހާނު ބުނީ ބިގްބޮސްގެ ގޭތެރޭގައި ރަޝްމީ އޭނާގެ ވާހަކަތައް އެކި ގޮތްގޮތަށް ބަދަލުކޮށްގެން ދައްކާ ސަބަބެއް ނުވިސްނޭ ކަމަށެވެ. ރަޝްމީ އަކީ އަބަދުވެސް އެއްފަހަރު ދައްކާ ވާހަކައާއި އަނެއްފަހަރު ދައްކާ ވާހަކަ ދިމާނުވާ މީހެއް ކަމަށް އަރުހާނު ބުންޏެވެ.