ދުނިޔެ

މީގެ ދެމަސްކުރިން އަހަންނަށް ކޮވިޑް ޖެހުނު، އަދިވެސް އޭގެން ސަލާމަތް ނުވެވޭ: ރިޗަޑް ކުއެސްޓް

މުހައްމަދު އައުޒަމް

މީގެ ދެމަސްކުރިން އޭނާއަށް ކޮވިޑް ޖެހުނު ކަމަށާއި އަދިވެސް އޭގެން ސަލާމަތް ނުވެވޭ ކަމަށް ބުނެ ރިޗަޑް ކުއެސްޓް އޭނާގެ ތަޖުރިބާ ހިއްސާކޮށްފިއެވެ.

ސީއެންއެންގެ މަޝްހޫރު ޕްރެޒެންޓަރު ރިޗަޑް ކުއެސްޓް ވަނީ ކޮވިޑުން ރަނގަޅުވިޔަސް މިއީ ވޭން ހުރި ކަމެއް ކަމުގައި ސިފަކޮށްފައެވެ. ރިޗަޑް ބުނީ އޭނާއަށް ކޮވިޑް ޖެހިފައިވާކަން އެނގިފައި ވަނީ މާޗް މަހުގެ 20 ވަނަ ދުވަހު ކަމަށާއި މޭ މަހުގެ ފަސް ވަނަ ދުވަހު ކޮވިޑުން ރަނގަޅުވެފައިވާ ކަމަށެވެ.

ރިޗަޑް ކުއެސްޓް ބުނެފައިވަނީ މި ކޮވިޑަކީ ނަގޫ ރޯޅިއެއް ކަމަށެވެ. ހަށިގަނޑުގެ ހުރިހާ ހިސާބަކަށް މީގެ އަސަރު ކޮށްފައިވާ ކަމަށް އޭނާ ބުނެއެވެ.

ރިޗަޑް ކުއެސްޓް ބުނީ ކޮވިޑުން ނެގެޓިވް ވެފައިވާތާ މިހާރު ދެމަސްވެފައި ވީ ނަމަވެސް އަދިވެސް ކެއްސުމާއި ވަރުބަލިވުމުގެ އިހުސާސު ކުރެވޭ ކަމަށެވެ. އޭނާ ބުނީ މިހާރުވެސް މުޅި ގައިގައި ރިއްސައި ބައެއް ދުވަސް ދުވަހު ކުރެވޭ ނުކުރެވޭ ކަންތައްތައްވެސް ނޭނގޭ ހިސާބަށް ދާ ކަމަށެވެ. މިއީ ކޮވިޑް ޖެހިފައި ހުރި އިރުވެސް އޭނާގެ ހަށިގަނޑުން ފެނިފައިވާ އަލާމާތްތަކެއްކަން ރިޗަޑް ކުއެސްޓް ފާހަގަ ކުރެއެވެ.

ރިޗަޑް ކުއެސްޓް ބުނީ ކޮވިޑް ޖެހިފައި ނުވާ މީހުން މިކަމުން ސަލާމަތް ވެވެން އޮތް ކޮންމެ ގޮތަކުން ސަލާމަތް ވުމަށް އެދޭ ކަމަށެވެ.