ކ. ހިންމަފުށީގައި ހޯމް ކަރަންޓީނުގައި ހުރި މީހަކު ކޮވިޑް 19އަށް ޕޮޒިޓިވް ވެއްޖެ އެވެ.

މިކަން ހެލްތު މިނިސްޓްރީގެ ޑެޕިއުޓީ ޑިރެކްޓާ ޖެނެރަލް ތަސްލީމާ އުސްމާން ވަނީ "ވަން" އަށް ކަށަވަރުކޮށްދެއްވައިފައެވެ.

ތަސްލީމާ ވިދާޅުވީ މިމީހާ ޕޮޒިޓިވް ވިކަން އެނގިފައިވަނީ އިއްޔެ ކަމަށެވެ. މި އެމީހާ ޕޮޒިޓިވް ވުމާއި ގުޅިގެން ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ތަސްލީމާ ވިދާޅުވިއެވެ.

މިދިޔަ ހަފްތާގައި ތޮއްޑޫ ހޯމް ކަރަންޓީނުގައި ހުރި ކުއްޖަކު އަދި ނޮޅިވަރަމް ހޯމް ކަރަންޓީނުގައި ހުރި މީހަކުވެސް ވަނީ ކޮވިޑަށް ޕޮޒިޓިވް ވެފައެވެ.

ރާއްޖެއިން އިއްޔެ 64 މީހަކު ކޮވިޑަށް ޕޮޒިޓިވް ވެ، ކޮވިޑަށް ޕޮޒިޓިވް ވީ މީހުންގެ ޖުމްލަ އަދަދު 2553 އަށް އަރައިފި ކަމަށް އެޗްޕީއޭއިން ވަނީ ބުނެފައެވެ.