ދަ ގްރާންޑޭ ސްޕޯޓްސް ކްލަބުގެ ހެޑްކޯޗް އިސްމާއިލް މެހެފޫޒު (އިންމަ) ކޮންޓްރެކްޓް އާ ކޮށް މިސީޒަނުގައިވެސް އެޓީމުގައި މަޑުކުރަން ނިންމައިފި އެވެ.
ކުރިޔަށް އޮތް ސީޒަނަށް އިންމަގެ ކޮންޓްރެކްޓް އާކޮށް އެޓީމުގެ ހެޑް ކޯޗަކަށް އިންމަ ހަމަޖައްސާފައިވާކަން ދަ ގްރާންޑޭއިން ވަނީ އެކްލަބުގެ ފޭސްބުކް ފޭޖްގައި ހިއްސާކޮށްފައެވެ. އިންމަގެ ހެޑް ކޯޗުކަމުގެ ދަށުން ދަ ގްރާންޑޭ އިން ވަނީ މި ދިޔަ ސީޒަނުގައި ދިވެހި ޕްރިމިއާ ލީގުގައި މުޅިން އަލަށް ވާދަކޮށް ބޮޑެތި ޓީމްތަކާ ދެކޮޅަށް މޮޅު ކުޅުމެއް ދައްކައިފައެވެ.
އެގޮތުން އެ ކްލަބުން ސީޒަން ނިންމާލީ ލީގުގައި ކުޅުނު 16 މެޗުގެ ތެރެއިން ފަސް މެޗުން މޮޅުވެ ހަމެޗުން އެއްވަރުވެގެންނެވެ. ދިވެހި ޕްރިމިއާ ލީގުގައި ދަ ގްރާންޑޭ ކުޅުނު ފުރަތަމަ ހަތަރު މެޗުންވެސް އެޓީމު ވަނީ މޮޅުވެފައެވެ. ސީޒަން ނިންމާލިއިރު ދަ ގްރާންޑޭ އޮތީ ލީގުގެ 5 ވަނައިގައެވެ.
އިންމަ ވަނީ 2006-2014 އާއި ހަމަޔަށް މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބުގެ ހެޑްކޯޗުގެ ގޮތުގައިވެސް މަސައްކަތް ކޮށްފައެވެ. 2012 ވަނަ އަހަރުގެ އެފްއޭކަޕް މާޒިޔާއަށް ކާމިޔާބުކޮށްދިނީވެސް އިންމަގެ ކޯޗުކަމުގެ ދަށުންނެވެ. 2017 ވަނަ އަހަރުވެސް އިންމަ ވަނީ މާޒިޔާއަށް ކޯޗު ކޮށްދީފައެވެ. ގައުމީ ފުޓްބޯޅަ ޓީމުގެ ކުރީގެ ތަޖުރިބާކާރު ކުޅުންތެރިޔާ އިންމަ އަކީ ގައުމީ ޓީމުގެ އެސިސްޓެންޓް ކޯޗުކަންވެސް ކޮށްފައިވާ ތަޖްރިބާކާރު ކޯޗެކެވެ.
ރާއްޖޭގެ ފުޓްބޯޅައިގެ އާ ސީޒަން ޑިސެމްބަރު މަހު ފަށަން އެފްއޭއެމުން މަސައްކަތް ކުރާއިރު ކްލަބްތަކުން މިހާރު އަންނަނީ ކުޅުންތެރިން ހޯދައި ސްކޮޑް ވަރުގަދަ ކުރުމުގެ މަސައްކަތް ކުރަމުންނެވެ.
ކުޅިވަރު
ކުޅިވަރު
ކުޅިވަރު
ކުޅިވަރު