ނޫސްވެރިންނަށް ތަމްރީނުގެ ފުރުސަތު ހޯދައިދީ، މިރާއްޖޭގައި ޒިންމާދާރު ނޫސްވެރިކަމެއް ކުރުމަށް މަގުފަހި ކޮށްދޭން އޮތް މީޑިއާ ކައުންސިލާއި ބްރޯޑްކާސްޓިން ކޮމިޝަން "ހިހޫ ތަނުން ކައިގެން" އޮތް އޮތުން ބަދަލު ކުރަން ޖެހޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ގަމު ދާއިރާގެ މެންބަރު މުހައްމަދު ވިސާމް ވިދާޅުވެއްޖެއެވެ.

މެންބަރު ވިސާމް މިހެން ވިދާޅުވީ އޭނާ އިއްޔެ ކުރެއްވި ޓުވީޓެއްގަ އެވެ.

މަޖިލީހަށް ހޮވިވަޑައިގަތުމުގެ ކުރީން ނޫސްވެރިޔެއްގެ ގޮތުގައި ހަރަކާތްތެރިވެވަޑައިގެންނެވި، ވިސާމް ވިދާޅުވީ ކުރީން ނޫސްވެރިކަމުގެ މިނިވަންކަމަށް ވަކާލާތު ކުރެއްވި ފަދައިން މިއަދުވެސް އެކަމަށް ވަކާލާތު ކުރުން މަތީ ހުންނެވި ކަމަށެވެ.

މީޑިއާތަކަށް ފަހި ފުރުސަތުތައް ހޯދައިނީ މިނިވަން ނޫސްވެރިކަމަށް އޮތް މަގު ފުޅާކޮށް، ހަތަރުވަނު ބާރުގެ ގޮތުގައި މީޑިއާ ހަރަކާތްތެރިވުމަށް ހުރި އިދާރީ ގޮންޖެހުންތަކާއި ހުރަސްތައް ނައްތައިލުމަށް މިހާރު ހުރި މުއައްސަސާތަކަށް ގެންނަން ޖެހޭ ބަދަލުތަކާ ގުޅޭ ގޮތުން ވެސް ވިސާމް ވަނީ ވާހަކަދައްކަވައިފަ އެވެ.

"މީޑިއާތައް ރެގިއުލޭޓް ކުރުމާއި، މި ފަންނު ކުރި އަރުވަން މަސައްކަތް ކުރުން އެއް ފުރާޅެއްގެ ދަށަށް ބަދަލު ކޮށް، ބްރޯޑްކޮމް އާއި މީޑިއާ ކައުންސިލް އެއްކޮށްލުމަށް ފަހު، މީޑިއާ ކޮމިޝަނެއް އުފެއްދުން އަވަސް ކުރަން ޖެހޭ" ވިސާމް ވިދާޅުވިއެވެ.

ވިސާމް މިހެން ވިދާޅުވެފައި މިވަނީ ރައްޔިތުންގެ މަޖިލީހުގެ އަމީން އާއްމު ސޮއި ކުރައްވައި، މީޑިއާ ކައުންސިލަށް ފޮނުއްވި ސިޓީއެއްގައި، މީޑިއާތަކާ މެދު ފިޔަވަޅު އެޅޭނެ އިޖުރާއަތުތައް ގަވާއިދުގައި ހިމެނުމަށް އެ ކައުންސިލަށް އަންގާފައި ވަނިކޮށެވެ.

އެ ސިޓީގައި ބުނެފައި ވަނީ ވަކި ގާނޫނެއްގެ ދަށުން ގަވާއިދު ހެދުމުގެ ބާރު ވަކި ފަރާތަކަށް ދީފައިވާ ނަމަ، އެހެން ގޮތަކަށް އެ ގާނޫނުގައި ބަޔާންކޮށްފައި ނުވާހާ ހިނދަކު، ގަވާއިދު ހެދުމަށް ދެވޭ ބާރުތަކުގެ ތެރޭގައި، އެ ގަވާއިދާ ހިލާފުވެއްޖެ ނަމަ 2،000 ރުފިޔާއަށް ވުރެ ބޮޑު ނޫން އަދަދަކުން ޖޫރިމަނާކުރުމަށް އެ ގަވާއިދުގައި ހިމެނިދާނެ ކަމަށެވެ. އަދި އެ ފަދަ ގަވައިދެއް ހަދައި، މި މަހުގެ 8 ވަނަ ދުވަހުގެ ހެނދުނު 10:00 ގެ ކުރީން މަޖިލީހުގެ އިދާރާއަށް ފޮނުވަން ވެސް، މަޖިލީހުގެ އަމީން އާންމު މިމަހުގެ އެއް ވަނަ ދުވަހު މީޑިއާ ކައުންސިލަށް ފޮނުއްވި ސިޓީގައި އަންގަވައިފައި ވެއެވެ.

މެންބަރު ވިސާމް މި މޭރުމުން ވާހަކަދެއްކެވި އިރު، އޭނާއަކީ މިނިވަން މުއައްސަސާތަކުގެ މިފަދަ މައްސަލަތައް ބަލަން ރައްޔިތުންގެ މަޖިލީހުގައި އޮންނަ މިނިވަން މުއައްސަސާތަކުގެ ކޮމެޓީގައިވެސް ހިމެނިވަޑައިގަންނަވާ ބޭފުޅެކެވެ.