މުނިފޫހިފިލުވުން

ނަފުސާނީ ބަލިތަކުގެ ވާހަކަ ދައްކަން ލަދުގަންނަ ސަބަބު ނުވިސްނުނު: އަބީޝެކް

އީމާ މުހައްމަދު ވަހީދު

އަބީޝެކް ބަޗަންއަކީ ބޮލީވުޑްގައި ވަރަށް ވަރުގަދަ ޝަހުސިއްޔަތެކެވެ. އަބީޝެކް ވަނީ "އެމޭޒަން ޕްރައިމް ސީރީޒް ބްރީތު: އިންޓު ދަ ޝެޑޯ ޓުޑޭ" އިން އޭނާގެ ފުރަތަމަ ޑިޖިޓަލް ޑެބިއު ކުޅެފައެވެ. ޕިންކު ވިލާއަށް ދިން އިންޓަވިއުއެއްގައި އަބީޝެކް ވަނީ އޭނާގެ ފުރަތަމަ ޑިޖިޓަލް ފިލްމުގެ ކެރެކްޓަރާއި ނަފުސާނީ ބައްޔާއި ބެހޭގޮތުންވެސް ވާހަކަދައްކައިފައެވެ.

ނަފުސާނީ ބައްޔާ ބެހޭގޮތުން އަބީޝެކް ބުނީ، މީހުން ނަފުސާނީ ބަލިތަކާ ބެހޭގޮތުން ވާހަކަދައްކަން ފަސްޖެހޭ ސަބަބެއް ނުވިސްނުނު ކަމަށެވެ. ހުން އައިސްގެން ނުވަތަ ރޯގާ ޖެހިގެން އެއްވެސް ޖެހިލުމެއްނެތި ޑޮކްޓަރަށް ދައްކާ ބޭސް ނަގާ ފަދައިން ނަފުސާނީ ބަލިތައް ޖެހުނީމަ ޑޮކްޓަރަށް ދައްކަން ނުކުރޭ ކަމަށާއި ސިކުނޑިއަކީ ވެސް ހަށިގަނޑުގެ ވަރަށް މުހިންމު ގުނަވަނަކަށްވެފައި މީހުން ފަސްޖެހޭ ސަބަބެއް ނޭނގޭ ކަމަށް ބުންޏެވެ.

އަބީޝެކު ބުނީ ނަފުސާނީ ބަލިތައް މަދުކުރެވޭނީ ފުރަތަމަ މުޖުތަމައުގައި ނަފުސާނީ ބަލިތަކާ ބެހޭގޮތުން ދެކޭ ގޮތް ބަދަލުކޮށް، ނަފުސާނީ ބައްޔަކީ އާދައިގެ އެހެން ބަލިތައް ފަދަ ބައްޔެއްގެ ގޮތުގައި ދެކެގެން ކަމަށެވެ.

އަބީޝެކް ބުނީ އާދައިގެ ބައްޔެއް ޖެހިގެން ވަޒީފާއިން ޗުއްޓީ ނަގަން ބުނަން އެކަކުވެސް ލަދު ނުގަންނަ ކަމަށެވެ. އެހެންނަމަވެސް، ނަފުސާނީ ބައްޔަކަށް ފަރުވާކުރާތީ ވަޒީފާއިން ޗުއްޓީ ނަގަން ޖެހިލުންވަނީ ކީއްވެކަމެއް ނޭނގޭ ކަމަށް އޭނާ ބުންޏެވެ.