އަހަރީ ފީ ނުދައްކައިގެން 4924 ކުންފުންޏެއް އިކޮނޮމިކް މިނިސްޓްރީން އުވާލައިިފި އެވެ.
އިކޮނޮމިކް މިނިސްޓްރީން ކުރި އިއުލާނެއްގައި ވަނީ އަހަރީ ފީ ދައްކާފައި ނުވާ ކުންފުނިތައް ކަނޑައަޅައި، 1979 އިން 2018 ގެ ނިޔަލަށް ޖުމުލަ 6050 ކުންފުންޏެއް ރެކޯޑުކުރެވިފައިވާ ކަމަށެވެ. އެކުންފުނިތައް ހިންގަން ބޭނުންވާ ނަމަ، އެކުންފުންޏަކުން ފުރިހަމަ ކުރަންޖެހޭ ހުރިހާ ކަމެއް ފުރިހަމަކުރުމަށްފަހު، މިނިސްޓްރީއަށް އެންގުމަށް މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ ނިޔަލަށް އިއުލާނުކޮށްފައި ވާނެ ކަމަށް އެ މިނިސްޓްރީން ބުނެއެވެ.
"އުވާލުމަށް ރެކޯޑުކުރެވިފައިވާ 6050 ކުންފުނީގެ ތެރެއިން 4924 ކުންފުނި އުވާލުމަށް ފުރިހަމަ ކުރަންޖެހޭ ކަންތައްތައް ފުރިހަމަކުރުމަށްފަހު، އުވާލިކަން އަންގައި، އުވާލި ކުންފުނިތަކުގެ ނަން އާންމުކޮށް ޝާއިއުކުރެވިފައިވާނެ،" މިނިސްޓްރީގެ އިއުލާންގައި ވެއެވެ.
އިކޮނޮމިކް މިނިސްޓްރީން ބުނީ 6050 ކުންފުނީގެ ތެރެއިން، އެއްވެސް ކުންފުންޏެއްގެ މައްޗަށް އެއްވެސް ދަރަންޏެއް ނުވަތަ ދައުވާއެއް އޮތްނަމަ، އެކަމާގުޅޭ ތަފްސީލު މިނިސްޓްރީއަށް ފޮނުވުމަށް މުހުލަތުތަކެއް ދެވިފައިވާ ކަމަށެވެ. އެގޮތުން ޖުމްލަ 111 ކުންފުންޏަކުން ހިންގުމަށް ބޭނުންވާ ކަމަށް އެ ކުންފުނިތަކުން އަންގާފައިވާ ކަމަށެވެ.
މީގެ އިތުރުން، މިނިސްޓްރީން ކުރި އިއުލާނުތަކާ ގުޅިގެން 1017 ކުންފުންޏަކާ ގުޅޭ އެކި ކަހަލަ މައްސަލަތައް މިނިސްޓްރީއަށް ހުށަހަޅާފައިވާ ކަމަށެވެ. އޭގެ ތެރޭގައި ބިދޭސީން ރާއްޖެއަށް ގެނައުމަށްފަހު ފުރިހަމަ ކުރަންޖެހޭ ކަންކަން ފުރިހަމަ ކޮށްފައި ނެތް ކުންފުނިތަކާއި އެއްގަމުގައި ދުއްވާ އުޅަނދާއި ކަނޑުގައި ދުއްވާ އުޅަނދާ ގުޅޭ މައްސަލަތައް ހުރި ކުންފުނިތަކާއި އެކި ހިދުމަތްތަކަށް ފައިސާ ނުދައްކާ ކުންފުނިތަކާއި ޝަރުއީ ކޯޓެއްގައި މައްސަލައެއް ބަލަމުން އަންނަ ކުންފުނިތައް ހިމެނޭ ކަމަށެވެ.
"އެފަދަ ކުންފުނިތައް އުވައިލުމުގެ މަސައްކަތް ކުރިޔަށް ގެންދިޔުމަށް ހަމަޖެހިފައިވަނީ، ކުންފުންޏާ ބެހޭ ގާނޫނުގެ 75 ވަނަ މާއްދާގެ (ށ) (3) ގައިވާ ގޮތުގެ މަތިން ކަމާބެހޭ މައްސަލަތައް ކޯޓަށް ހުށަހަޅައިގެނ"' މިނިސްޓްރީން ބުންޏެވެ.
އިކޮނޮމިކް މިނިސްޓްރީން ވަނީ މިދިޔަ އަހަރު ދެވަނަ ބުރެއްގެ މަތިން އުވާލަން 1،597 ކުންފުންޏެއް ހިމެނޭ ލިސްޓެއް އާއްމުކޮށްފައެވެ. އަދި މިއަހަރުވެސް ވަނީ 35 ކުންފުންޏެއް މީގެ ކުރިން އުވާލައިފަ އެވެ.
ޚަބަރު
ޚަބަރު
ޚަބަރު