މަނީ ލޯންޑާކުރިކަމުުގެ ކުށުގައި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމްގެ މައްޗަށް ހުކުމްކޮށް، އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލައިގައި އެމަނިކުފާނުގެ މައްޗަށް ދައުވާ ކުރަަނީ އިދިކޮޅު ފަރާތްތަކުގެ އަޑުކަނޑުވާލުމަށް ކަމަށް ރައީސް ޔާމީންގެ ގާނޫނީ ވަކީލު، އަދި އެމަނިކުފާނުގެ ފުރަތަމަ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލު އަހުމަދު ވިދާޅުވެއްޖެއެވެ.
ހައިކޯޓުގައި މިއަދު ކުރިއަށްދިޔަ ރައީސް ޔާމީންގެ އިސްތިއުނާފު މައްސަލައަށްފަހު، ނޫސްވެރިންނަށް މައުލޫމާތުދެއްްވަމުން ޑރ. ޖަމީލު ވިދާޅުވީ އެކަންކަމަކީ ރައީސް ޔާމީން އަމާޒު ފަތްގަނޑަކަށް ހަދައިގެން ސަރުކާރުން ކުރާ ކަމެއް ކަމަށެވެ.
ޖަމީލު ވިދާޅުވީ، ރައީސް ޔާމީންގެ މައްސަލައިގައި ފުލުހުންނާއި ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ)ގެ ފަރާތުން އެމަނިކުފާނުގެ މައްޗަށް އިންސާފުން ތަހުގީގެއްކޮށް މައްސަލަ ހުށަހަޅައި، އިންސާފު ލިބޭނެ ކަމަށް ގަބޫލުނުކުރައްވާ ކަމަށެވެ.
ޖަމީލު ވިދާޅުވީ، އޭސީސީން ފުލުހުންނަށް ފޮނުވައިގެން ތަހުގީގުކޮށް ދައުވާ އުފުލައިގެން، މަނީ ލޯންޑާކުރިކަމުގެ ކުށުގައި ފަސް މިލިއަން ޑޮލަރުން ޖޫރިމަނާކޮށް ފަސް އަހަރު ދުވަހަށް ޖަލަށްލުމަށް ރައީސް ޔާމީންގެ މައްޗަށް ކޮށްފައިވާ މައްސަލައަކީ 2017 ވަނަ އަހަރު އޭސީސީން ނިންމާފައިވާ މައްސަލައެއް ކަމަށެވެ.
އޭރު އޭސީސީން އެ މައްސަލަ ނިންމި ރިޕޯޓުގެ އެއްވެސް ތަނެއްގައި ރައީސް ޔާމީންގެ ނަންވެސް ހިމެނިފައިނުވާ ކަމަށް ވިދާޅުވިއެވެ. ނަމަވެސް 2018 ގައި ވެރިކަން ބަދަލުވިތާ އެއްދުވަސް ފަހުން އޭސީސީގެ އޭރުގެ ނާއިބު ރައީސް މުއައްވިޒް ރަޝީދު، އެ މައްސަލަ އަލުން ބެލުމަށް ފުލުހުންނަށް ފޮނުވުމަކީ ސަރުކާރުން ރާވައިގެން، ރައީސް ޔާމީނަށް އަމާޒުކޮށްގެން ކުރިކަމެއް ކަމަށްވެސް ޖަމީލު ތުހުމަތުކުރެއްވިއެވެ.
ޖަމީލު ވިދާޅުވިގޮތުގައި އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ލިސްޓުގައި 200 އަށްވުރެ ގިނަ މީހުން ހިމެނޭއިރު އެފަރާތްތަކުގެ މައްސަލަތައް ބަލަމުންދާތަން ނުފެންނަ ކަމަށެވެ. އަދި އެ ހިޔާނާތުގެ އެންމެ އިސް ފަރާތްތައް ތިބީ ސަރުކާރުން ގެއަށް ބަދލުކޮށްފައި ކަމަށާއި އެ ހިޔާނާތުގައި ގެއްލުނު ފައިސާ ހޯދުމަށް ސަރުކާރުން އެއްވެސް ކަމެއް ކޮށްފައިނުވާ ކަމަށްވެސް ޑރ. ޖަމީލު ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު