ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ މުވައްޒަފަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެއެވެ.

ބީއެމްއެލުން ބުނީ، ޕޮޒިޓިވްވީ އެކުންފުނީގެ މުވައްޒަފަކީ ސީޓްރެކްސް އިމާރާތުގައި ހުންނަ ބީއެމްއެލް ޑިޕާޓްމަންޓެއްގައި މަސައްކަތްކުރާ އިދާރީ މުވައްޒަފެއް ކަމަށެވެ. އެކަމާ ގުޅިގެން އެޗްޕީއޭ އާއި ގުޅިގެން ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް ކުރަމުން އަންނަ ކަމަށާއި އަދި އެ އިމާރާތުގެ އާންމު ތަންތަން ޑީޕް ކްލީންކޮށް ޑިސްއިންފެކްޓް ކުރުމުގެ މަސައްކަތްތައް ވެސް ކުރަމުން އަންނަ ކަމަށް ބީއެމްއެލުން ބުނެއެވެ.

އެ ބޭންކުން އިތުރަށް ބުނީ، އެ ބޭންކުން އެންމެ އިސްކަމެއް ދެނީ ކަސްޓަމަރުންނާއި މުވައްޒަފުންގެ ރައްކާތެރިކަމަށް ކަމަށެވެ. އަދި ބަދަލުވަމުންދާ ހާލަތު ގާތުން ބަލައި، ކަމާބެހޭ އިދާރާތަކުގެ ލަފަޔާއި އިރުޝާދާ އެއްގޮތްވާ ގޮތުގެ މަތީން ބޭންކުން އަމަލު ކުރަމުންދާނެ ކަމަށް ބީއެމްއެލުން ބުނެއެވެ.

މިދިޔަ މާޗް މަހުން ފެށިގެން ބީއެމްއެލް ހިންގަމުން އަންނަނީ ބިޒްނަސް ކޮންޓިއުނިޓީ ޕްލޭންއާ އެއްގޮތަށެވެ. މި ޕްލޭންގެ ދަށުން މަސައްކަތް ކުރަނީ މުވައްޒަފުން ޓީމް ތަކަކަށް ބަހާލައިގެން ރައްކާތެރިކަމުގެ އެންމެހާ ފިޔަވަޅުތައް އަޅައިގެންނެވެ.

ބީއެމްއެލުން ބުނީ، އެ ބޭންކުގެ މުވައްޒަފަކު ކޮވިޑަށް ޕޮޒިޓިވް ވިޔަސް ބޭންކުން ދެމުން އަންނަ އެންމެހާ މަސައްކަތްތައް ކުރިއެކޭ އެއްގޮތަށް ހިނގަމުންދާނެ ކަމަށެވެ.