ދެކޮޅު ޖެހޭނެ ގޮތަކަށް، ހުޅުމާލޭގައި އިމާރާތް ކުރުމަށް ހަމަޖެހިފައިވާ ފިނޭންސް މިނިސްޓްރީގެ 25 ބުރީގެ އިމާރާތުގެ މަސައްކަތް ކުރިއަށް ގެންދިއުމަށް އެ މަސައްކަތް ހަވާލުކޮށްފައިވާ މެލޭޝިއާގެ ޑަބްލިޔުޒެޑްއާރު ޕްރޮޕަޓީއާއެކު މަސައްކަތް ކުރަމުން އަންނަ ކަމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ބުނެފިއެވެ.
"ޔޫ ބިލްޑިންގް"ގެ ނަމުގައި ފިނޭންސް މިނިސްޓްރީގެ އާ އިމާރާތުގެ މަސައްކަތް ޑަބްލިޔުޒެޑްއާރު ހަވާލުކޮށްފައިވަނީ ރައީސް އަބްދުﷲ ޔާމީން ސަރުކާރުގައި 2016 ވަނަ އަހަރުގެ މާޗް މަހުގައެވެ. މި އިމާރާތް އެންމެ ފުރަތަމަ ހަދަން ނިންމާފައިވަނީ މިހާރު ފިނޭންސް މިނިސްޓްރީ ހުރި ބިމުގައެވެ. އެއީ ކޮންޓްރެކްޓަރުގެ ފައިސާއިން 122.7 މިލިއަން ޑޮލަރު ހަރަދު ކޮށްގެންނެވެ.
އެ އިމާރާތުގެ މަސައްކަތް ފަހުން ހުޅުމާލެ ދެވަނަ ފިޔަވައްސަށް ބަދަލުކޮށް، މަސައްކަތްތަކެއް ކުރި ނަމަވެސް ކުރި މަސައްކަތަށް ފައިސާ ނުލިބޭތީ 2018 ވަނަ އަހަރު އެ މަސައްކަތް ވަނީ މެދުކަނޑާލައިފައެވެ. އަދި ފައިސާ ނުލިބޭ މައްސަލަ ޑަބްލިޔުޒެޑްއާރުން މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައި އޭޝިއަން އިންޓަނޭޝަނަލް އާބިޓްރޭޝަން ސެންޓަރު (އޭއައިއޭސީ) އަށް ހުށަހެޅިއެވެ. އެކުންފުނިން ހުށަހެޅީ ކުރި މަސައްކަތުގެ އަގުގައި 30 މިލިއަން ޑޮލަރު ހޯދާށެވެ.
ނަމަވެސް އެ މައްސަލަ ދިރާސާ ކުރުމަށް އާބިޓްރޭޝަން ސެންޓަރުން މިމަހުގެ ފަސް ވަނަ ދުވަހު ކުރި ވަނީ، ޑަބްލިޔުޒެޑްއާރުން ކުރި މަސައްކަތަށް އެކުންފުންޏަށް 22 މިލިއަން ޑޮލަރު، ހަސް ދުވަސް ތެރޭގައި ދެއްކުމަށް އެޗްޑީސީގެ މައްޗަށް އަންގައިފައެވެ.
އެކަމާ ގުޅިގެން އެޗްޑީސީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، އެ އިމާރާތުގެ މަސައްކަތް މިދިޔަ ސަރުކާރުން ހުޅުމާލެއަށް ބަދަލުކުރަން ނިންމުމާ ގުޅިގެން ނޮވޭޝަން އެއްބަސްވުމެއްގެ ދަށުން ފިނޭންސް މިނިސްޓްރީގެ މައްޗަށްވާ ހުރިހާ އިލްތިޒާމްތައް މާޗް 2017ގައި އެ ކޯޕަރޭޝަނަށް ބަދަލުކުރެވިފައިވާ ކަމަށެވެ. މި އިލްތިޒާމުތައް އެޗްޑީސީއަށް ބަދަލުކުރި އިރު އެ މަޝްރޫއު ކުރިއަށް ގެންދިއުމަށް ބޭނުންވާ ފައިސާ އެ ކޯޕަރޭޝަނަށް ހަމަޖެހިފައި ނުވާ ކަމަށާއި އަދި މަޝްރޫއު ހުޅުމާލެ ދެވަނަ ފިޔަވައްސަށް ބަދަލުކުރުމާ ގުޅިގެން މަޝްރޫއުގެ އަގު 155 މިލިއަން ޑޮލަރަށް ބޮޑުވެގެން ދިޔަ ކަމަށް ބަޔާނުގައިވެއެވެ.
އެޗްޑީސީން ބުނީ، އެ މަޝްރޫއަކީ އެ ކޯޕަރޭޝަންގެ ބިޒްނަސް ޕްލޭނުގެ ބޭރުން އެ ދަނޑިވަޅުގައި ކުއްލި ގޮތަކަށް ކުރަން ޖެހުނު ކަމަކަށްވެފައި، މަޝްރޫއުގެ އަގު ބޮޑުވެގެން ދިއުމަކީ އެ ކޯޕަރޭޝަންގެ ބެލެންސް ޝީޓަށް އިތުރުވާނެ ބިޔަ ބޮޑު ލޯނަކަށް ވުމާއެކު ފީސިބިލިޓީއަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިވި ކަމަށެވެ. އަދި މި މައްސަލަ އާބިޓްރޭޝަން ސެންޓަރުން ދިރާސާ ކުރުމަށްފަހު ޑަބްލިޔުޒެޑްއާރުން ކޮށްފައިވާ މަސައްކަތްތަކަށް 22.8 މިލިއަން އެމެރިކާ ޑޮލަރު ކަނޑައަޅާފައިވަނީ ރަނގަޅަށް ކަމަށް ވެސް އެޗްޑީސީން ބުނެއެވެ.
ނަމަވެސް ޑަބްލިޔުޒެޑްއާރާއެކު ވެފައިވާ އެއްބަސްވުން ބާތިލްކުރުމަކީ އެންމެ އެކަށީގެންވާ ކަމަކަށް ނުފެންނާތީ އާއި އިޔާދަ ނުކުރެވޭނެ ފަދަ ބޮޑު ގެއްލުމަކުން ކޯޕަރޭޝަން ސަލާމަތް ކުރުމަށް އެ މަޝްރޫއު ކުރިއަށް ގެންދެވޭނެ އިންތިޒާމްތައް ހަމަޖެއްސުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް އެޗްޑީސީގެ ބަޔާނުގައިވެއެވެ.
"މި މަޝްރޫއު ދެކޮޅު ޖެހޭނެ ފަދަ ގޮތަކަށް ސްކޯޕަށް ބަދަލުތަކެއް ގެނައުމުގެ އިތުރުން، ސަރުކާރާއި މި ކޯޕަރޭޝަނަށް ގެއްލުން ނުވާފަދަ އެކަށީގެންވާ ފައިނޭންޝިއަލް ޓާމްސްއާއެކު މަޝްރޫއު ނިންމުމަށް ބޭނުންވާ ފައިސާ ހަމަޖެއްސުމުގެ ކަނަކްނ ކޮންޓްރެކްޓަރާއެކު މަޝްވަރާ ކުރެވެމުންދާކަމުގައި ވެސް ދަންނަވަމެވެ،" އެޗްޑީސީން ބުނެފައިވެއެވެ.
އެޗްޑީސީން އިތުރަށް ބުނީ، އާބިޓްރޭޝަން ސެންޓަރުން ނިންމި ނިންމުމާ ގުޅިގެން އެ ކޯޕަރޭޝަނުން އެ މައްސަލަ ހައްލުކުރުމަށް ފިނޭންސް މިނިސްޓްރީ އާއި ދައުލަތުގެ ކަމާގުޅޭ އިދާރާތަކާއެކު މަޝްވަރާ ކުރަމުން އަންނަ ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު