ބިއުޓީ

މޫނު އޮމާންކޮށް އަލިކުރަން ބޭނުންކުރެވިދާނެ ބައެއް މޭވާ

އީމާ މުހައްމަދު ވަހީދު

މޫނު ރީިތިކޮށް ބަހައްޓައި، ހަންގަނޑު އޮމާންކޮށް އަލިކޮށް ބަހައްޓަން އުނދަގޫވޭ ހެއްޔެވެ؟ ހަންގަނޑު ރީިތިކޮށް ބެހެއްޓުމަށް ކެމިކަލް އެކުލެވޭ، އަގު ބޮޑު މޫނުގައި ހާކާ ކްރީމުތައް ބޭނުން ކުރުމަށްވުރެ ގޭގައި އަމިއްލަޔަށް ފޭސް މާސްކް ހަދައިގެން ބޭނުން ކުރުން މާ ބުއްދިވެރިއެވެ. މޫނުގެ ހަންގަނޑަކީ ވަރަށް ނާޒުކު އެއްޗެކެވެ. އެހެންކަމުން މޫނުގައި ކެމިކަލް ފަދަ ބާވަތްތައް ހިމެނޭ ކްރީމުތައް އުނގުޅުމުގެ ބަދަލުގައި، މޭވާއާއި ތަރުކާރީގެ ބާވަތްތަކުން ކްރީމު ހަދައިގެން އުނގުޅުމަކީ ރަނގަޅު ކަމެކެވެ. އަހަރެމެންނަށް ގޭގައި ތިބެގެން މޭވާ ބޭނުންކޮށްގެން މޫނުގައި ހާކަން ކްރީމާއި ފޭސް ޕެކް ތައްޔާރު ކުރެވިދާނެއެވެ.

މޭވާގެ ބާވަތްތަކަކީ ހަށިގަނޑަށާއި ހަންގަނޑަށް ބޭނުންތެރި އެތައް ފައިދާތަކުން މުއްސަނދިވެފައިވާ ބާވަތް ތަކެކެވެ. ކެއުމުގައި ގިނައިން މޭވާގެ ބާވަތްތައް ހިމެނުމަކީ ހަށިގަނޑަށް ވަރަށް ފައިދާހުރި ކަމެކެވެ. މޭވާ ކެއުމުގެ އިތުރުން، ހަންގަނޑާއި މޫނު ރީތިކުރަން، މޫނުގައި ހާކައި އެކި ކަހަލަ މާސްކުތައްވެސް މޭވާ ބޭނުންކޮށްގެން ތައްޔާރު ކުރެވިދާނެއެވެ. ސްޓްރޯބެރީ އަދި ދޮންކެޔޮ ފަދަ މޭވާތައް އިތުރު އެއްޗެކާ އެއްނުކޮށް ވެސް މޫނުގައި ހޭކިދާނެއެވެ. މޫނުގައި ހާކަން މޭވާ ބޭނުންކޮށްގެން ފޭސް މާސްކް ހަދާނަމަ އޭގެތެރެއަށް އެލޯވިރާ އާއި މާމުއި ފަދަ އެއްޗެހި އެޅިދާނެއެވެ.

ފޭރަކީ ހަންގަނޑަށް ވަރަށް ބޭނުންތެރި މާއްދާތަކުން ފުރިފައިވާ މޭވާއެކެވެ. ފޭރަކީ އެންޓޮއޮކްސިޑެންޓްގެ މާއްދާއިންނާއި ވިޓަމިންގެ މާއްދާތަކުން މުއްސަނދި ވެފައިވާ މޭވާއެކެވެ. އެހެންކަމުން ހަންގަނޑަށް ލިބޭ ގެއްލުންތައް ފޭރު ބޭނުންކުރުމުން މަދުވާނެއެވެ. މީގެ އިތުރުން އަވަހަށް މުސްކުޅި ވައްތަރު ޖެހުން ލަސްކޮށް، މޫނުގައި ހުންނަ އިމްޕިއުރިޓިސް އެއް ސާފު ކޮށްދޭނެއެވެ. ދޮން ފޭރެއް ޗަސްކޮށްލުމަށްފަހު އެތިކޮޅު ކޮޅުން މޫނުގައި ހާކައި މޫނު ކުޑަކޮށް މަސާޖު ކޮށްލާށެވެ.

ލޯ ކައިރި ކަޅުވުމާއި ރޫއެރުމުން ސަލާމަތް ނުވެވިގެން އުޅޭނަމަ އެކަމަށް އޮތް ހައްލަކީ ޓޮމާޓޯއެވެ. ޓޮމާޓޯއަކީ ޕޮޓޭޝިއަމްއާއި ސެލިސީލިކް އެސިޑްގެ މާއްދާއިން މުއްސަނދިވެފައިވާ މޭވާއެކެވެ. އެހެންކަމުން ލޯކައިރި ކަޅުވުމާއި ރޫޖެހުމުން ސަލާމަތްވާން ބޭނުން ވާނަ ކޮންމެ ދުވަހަކު 10 މިނެޓު ވަންދެން ޓޮމާޓޯ ފޮއްޗެއް ލޯކައިރީގައި އަޅައިގެން އޮންނާށެވެ. މިހެން ހެދުމުން ހަންގަނޑުގައި ހުންނަ ސެލްތައް ދިރުމަށް އެހީތެރިވެދޭނެއެވެ.

ކިވީއަކީ ވިޓަމިން ސީ އާއި އީ އިން މުއްސަނދިވެފައިވާ މޭވާއެކެވެ. މީގެ އިތުރުން ކިވީގައި އެންޓި އޮކްސިޑެންޓްގެ މާއްދާތައްވެސް އެކުލެވެއެވެ. އެހެންކަމުން ކިވީއަކީ އިރުގެ އަވިން ހަންގަނޑު އެނދުމުގެ ސަބަބުން ލިބޭ ގެއްލުންތަކަށް ފަރުވާ ދިނުމަށް ބޭނުން ކުރެވިދާނެ މޭވާގެ ބާތަކެވެ. ކިވީ ޗިސްކޮށްފައި އޮލިވް އޮއިލް އާއި އެއްކުރުމަށްފަހު އެ މޫނުގައި ހޭކުމަށްފަހު 10 މިނެޓު ވަންދެން މަސާޖު ކޮށްލާށެވެ.