ޚަބަރު

ނާސްތާ ޕްރޮގްރާމު މެދުކަނޑާލިކަން ރައީސް ނަޝީދަކަށް ނޭނގުނު

އަލީ ޔާމިން

2

ކޮވިޑުގެ ހާލަތު މެދުވެރިވިފަހުންވެސް ނާސްތާ ޕްރޮގްރާމު ކުރިއަށްދާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

މިރޭ ބޭއްވި އެމްޑީޕީގެ ގައުމީ މަޖިލީހުގެ 169 ވަނަ ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން ރައީސް ނަޝީދު އެހެން ވިދާޅުވި ނަމަވެސް ކޮވިޑްގެ ބަލިމަޑުކަމާ ގުޅިގެން ސުކޫލްތައް ބަންދުކުރުމަށްފަހު އަލުން ހުޅުވިއިރު ނާސްތާ ޕްރަގްރާމު ވަނީ މެދުކަނޑާލައިފައެވެ.

އެމްޑީޕީގެ ގައުމީ މަޖިލީހުގެ 169 ވަނަ ބައްދަލުވުމުގައި ރައީސް ނަޝީދު ވިދާޅުވީ، މި ސަރުކާރުން ރައްޔިތުންނަށް ވެފައިވާ މުހިންމު ވައުދުތައް ފުއްދައި ނިމިފައިވާ ކަމަށާއި އެގޮތުން ހެނދުނުގެ ނާސްތާ ޕްރޮގްރާމަކީ ރަނުން ރަނަށް މި ސަރުކާރުން ފުއްދާފައިވާ ވައުދެއް ކަމަށެވެ. އަދި ކޮވިޑުގެ ފަހުންވެސް ކޮންމެ ދުވަހަކު ހެނދުނު ދަރިވަރުން ކިޔެވުން ފަށަނީ ސުކޫލްތަކުގައި ހެނދުނުގެ ނާސްތާ ކޮށްގެން ކަމަށް ވިދާޅުވިއެވެ.

"ކޮންމެ ދުވަހަކު ހެނދުނު ކޮވިޑުގެ ފަހުންވެސް އަޅުގަނޑުމެންގެ އެންމެންގެ ދަރިވަރުން، 94،000 ކުދިން މަދަރުސާއަށް ގޮސް އެ ފަށަނީ ހެނދުނުގެ ނާސްތާއާއެކުގައި،" ރައީސް ނަޝީދު ވިދާޅުވިއެވެ.

ކޮވިޑުގެ ބަލިމަޑުކަމުގެ ސަބަބުން ތިން މަހެއްހާ ދުވަހު ސްކޫލުތައް ބަންދުކޮށްފައި އޮތުމަށް ފަހު ބަލި ނެތް ރަށްރަށުގެ އިތުރުން މާލޭގެ ގްރޭޑް 9 އިން 12ގެ ދަރިވަރުންނަށް ސްކޫލުތައް ހުޅުވައި ކިޔަވައިދޭން ފަށާފައިވަނީ މިމަހުގެ ފުރަތަމަ ދުވަހުއެވެ.

ސުކޫލްތައް ހުޅުވުމުގެ ކުރިން ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ)ގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ ވިދާޅުވީ މިދުވަސްވަރަށް ނާސްތާ ޕްރޮގްރާމް މެދުކަނޑާލާފައިވާ ކަމަށާއި އެހެންކަމުން ސުކޫލަށް ދަރިވަރުން ދާއިރު ގެއިން ރަނގަޅަށް ނާސްތާކޮށްގެން ދިއުމަކީ މުހިންމު ކަމެއް ކަމަށެވެ.