ތިލަފުށީގައި ހުރި ގުދަނެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ.

އެމްއެންޑީއެފްގެ އިންފޮމޭޝަން އޮފިސަރު އިބްރާހިމް އާޒިމް ވިދާޅުވީ ތިލަފުށީގައި ހުރި ގުދަނެއްގައި އަލިފާން ރޯވެގެން ހަރަކާތްތެރިވަމުން އަންނަ ކަމަށާއި އެ ހާދިސާގެ ރިޕޯޓު ލިބިފައިވަނީ މިރޭ 8:24 ހާއިރު ކަމަށެވެ.

އަލިފާން ކޮންޓްރޯލްކުރުމަށް ތިލަފުށި ފަޔާ ޓީމުން ސައިޓުގައި ހަރަކާތްތެރިވަމުން އަންނަ ކަމަށާއި ފަޔާ ބެކްއަޕް ޓީމެއް ވެސް ތިލަފުއްޓަށް ދަތުރުކުރަމުން އަންނަ ކަމަށް އާޒިމް ވިދާޅުވިއެވެ. އަދި ތިލަފުށީގައި އަލިފާން ރޯވެފައިވަނީ "ސެކިއާ ބޭގް" ގުދަނުގައި ކަމަށް ވެސް ވިދާޅުވިއެވެ.

އާޒިމް ވިދާޅުވީ އަލިފާން ނިއްވާލުމަށް ފޯމްއާއި ފެން ބޭނުންކުރަމުން އަންނަ ކަމަށާއި އަލިފާން ރޯވެފައިވާ ގުދަނުގައި ހުރީ ފަސޭހައިން އަލިފާން ރޯވާ ޒާތުގެ ތަކެތި ކަމަށެވެ. އޭގެ ތެރޭގައި ގިނަ އަދަދަކަށް ދަވާދު ސްޓޮކްކޮށްފައިވާ ކަމަށް ވިދާޅުވިއެވެ.

އަލިފާން އަދި ކޮންޓްރޯލް ނުވާ ކަމަށާއި އަލިފާން ނިއްވުމަށް މާލެއިން އިތުރު ފަޔާ ޓީމެއް ތިލަފުއްޓަށް ގޮސް، އަލިފާން ނިއްވުމުގެ މަސައްކަތުގައި ހަރަކާތްތެރިވަމުން އަންނަ ކަމަށް އާޒިމް ވިދާޅުވިއެވެ.