ހާއްސަ ހާލަތްތަކުގައި ވީޑިއޯ އަދި އޯޑިއޯ ކޮންފަރެންސް މެދުވެރިކޮށް ޖިނާއީ މައްސަލަތަކުގެ ޝަރީއަތް ކުރެވޭ ގޮތަށް ޖިނާއީ އިޖުރާއަތުގެ ގާނޫނަށް ގެނައި އިސްލާހު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ތަސްދީގު ކުރައްވައިފިއެވެ.

އެ ބިލް ފާސްކޮށްފައިވަނީ މިދިޔަ މަހުގެ 29 ވަނަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައެވެ. ސަރުކާރުގެ ފަރާތުން ފޮނަދޫ ދާއިރާގެ މެންބަރު މޫސާ ސިރާޖު ހުށަހެޅުއްވި ބިލު ފާސްކުރީ 58 މެންބަރުންގެ ވޯޓުންނެވެ. ބިލު ފާސްކުރަން ނުފެންނަ ކަމަށް އެއް މެންބަރަކު ވޯޓު ދެއްވިއެވެ.

އެ ބިލަކީ ގާނޫނު އަސާސީގައި ބަޔާން ކުރާ ކުއްލި ނުރައްކަލުގެ ހާލަތު ނުވަތަ އާންމު ސިއްހަތު ރައްކާތެރި ކުރުމުގެ ގާނޫނުގައި ބަޔާން ކުރާ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށްފައިވާ ދަނޑިވަޅުގައި އޮންލައިން ޝަރީއަތް ހިންގުމުގެ އިޖުރާއަތްތައް ހިމެނޭ ބިލެކެވެ.

ޖިނާއީ އިޖުރާއަތުގެ ގާނޫނަށް ގެނެސްފައިވާ މި އިސްލާހާއެކު އޯޑިއޯ އަދި ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ހާއްސަ ހާލަތްތަކުގައި ޝަރީއަތް ހިންގުމުގެ އިހްތިޔާރު ފަނޑިޔާރަށް ލިބިދީފައިވެއެވެ.

އެގޮތުން ގާނޫނު އަސާސީ ބަޔާން ކުރާ ކުއްލި ނުރައްކަލުގެ ހާލަތެއް ނުވަތަ ކާރިސާގެ ހާލަތެއްގެ ސަބަބުން ޝަރީއަތުގެ މަޖިލީހަށް ހާޒިރުވުމުގައި ރައްކާތެރިކަމެއް ނެތްނަމަ އޮންލައިންކޮށް ބޭއްވޭނެއެވެ. އަދި ދަތުރުފަތުރު ކުރުމަށް، މޫސުމީ ގޮތުންނާއި ހަރަދުގެ ގޮތުން ހުރަސްތަކާއި ގޮންޖެހުންތަކަށް ރިއާޔަތްކޮށް ހުށަހެޅިފައިވާ މައްސަލައެއް ނިންމުމަށް ލަސްވާނަމަ ފަނޑިޔާރަށް އޮންލައިންކޮށް ޝަރީއަތް ކުރިއަށް ގެންދެވޭނެއެވެ.

ކުށަށް އިއުތިރާފުވާ މީހުންގެ މައްސަލަތަކާއި ސިިކުނޑީގެ އުނިކަމެއް ހުންނަ މީހުންގެ މައްސަލަތައް އެއްވެސް ހާލަތެއްގައި ވީޑިއޯ ކޮންފަރެންސްކޮށް ކުރިއަށްގެންދިއުމަކީ މަނާ ކަމެކެވެ. އަދި ދައުވާ ކުރުމުގެ މުއްދަތާއި އިސްތިއުނާފު ކުރުމުގެ މުއްދަތު އިތުރު ކުރެވޭނެ ކަމަށް ބިލުގައި ބުނެފައިވެއެވެ.

އޯޑިއޯ އަދި ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ކުރިއަށްގެންދާ ޝަރީއަތްތަކުގެ މަޖިލިސްތަކުގެ ރެކޯޑިން އެ މައްސަލައެއް ނިމޭ ތާރީހުން ފެށިގެން 25 އަހަރު ދުވަހުގެ މުއްދަތަށް ރައްކާތެރިކޮށް ބަލަހައްޓަންޖެހޭގޮތަށް ވެސް ބިލުގައި ކަނޑައަޅާފައިވެއެވެ. މީގެ އިތުރުން ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 30 ވަނަ ބާބުގެ ކުރިއަށް ކުއްލި ނުރައްކަލުގެ ޙާލަތެއްގައި ނުވަތަ ކާރިސާއެއްގައި ހާއްސަ އުސޫލުތައް ހިނގުމާ ބެހޭ ބާބެއް އިތުރުކޮށް މި ބިލުގައި ހިމަނާފައިވެއެވެ.