މުނިފޫހިފިލުވުން

ޓީވީ އިންޑަސްޓްރީ ދޫކޮށްލި ބައެއް މަޝްހޫރު ތަރިން

އީމާ މުހައްމަދު ވަހީދު

އިންޑިއަން ޓެލެވިޒަން އިންޑަސްޓްރީއަކީ ބައެއް ފަހަރު މަސައްކަތް ކުރަން ވަރަށް ފަސޭހަ ދާއިރާއަކަށް ވާއިރު، ބައެއް ތަރިންނަށް މަސައްކަތް ކުރަން ވަރަށް އުނދަގޫވެސް ދާއިރާއެކެވެ. ބައެއް ތަރިން ސީރީޒްތަކުގައި މަސައްކަތް ކުރަމުން ގޮސް، ކުރިއަރައިގެން ބޮލީވުޑާ ހަމަޔަށްވެސް ދެއެވެ. އަނެއްބައި ތަރިން ކާމިޔާބު ދެތިން ސީރީޒްގައި މަސައްކަތް ކުރުމަށްފަހު އިންޑަސްޓްރީއާ ދުރަށްވެސް ދެއެވެ. އެގޮތުން އާއިލީ މައްސަލަތަކާއި، މަސައްކަތް ނުލިބުމުގެ ސަބަބުންވެސް އިންޑަސްޓްރީގައި ވަރަށް ކާމިޔާބު ތަރިންވަނީ ދާއިރާއާ ދުރަށް ގޮސްފައެވެ. އެގޮތަށް ޓީވީ އިންޑަސްޓްރީއާއި ދުރުވި ބައެއް ތަރިންނަށް ބަލައިލާނަމެވެ.

ކުނާލު ތާކުރު:

ކުނާލު ތާކުރު ޓީވީ އިންޑަސްޓްރީއަށް ތައާރަފުވެފައިވަނީ ސްޓަރ ޕްލަސްއިން ގެނެސްދޭ ކާމިޔާބު ސީރިއަލް ކަސޯޓީ ޒިންދަގީ ކޭ 2 އިންނެވެ. ކަސޯޓީގައި އަނުރާގުގެ ދައްތަގެ ދަރިފުޅުގެ ރޯލު އަދާކުރި ކުނާލު ވަނީ މާޗް މަހު އެ ސީރިއަލް ދޫކޮށްލައިފައެވެ. ކަސޯޓީގެ ޝޫޓިންތައްވެސް ލޮކްޑައުންގެ ސަބަބުން ގިނަ ދުވަސްތަކަކަށް މެދުކަނޑައިލުމަށްފަހު މިހާރު ވަނީ އަލުން ފަށައިފައެވެ. ކުނާލު ބުނީ އޭނާ އެ ޝޯ ދޫކޮށްލީ، ކޮވިޑް ފެތުރެމުންދާ މި ދަނޑިވަޅުގައި ބޭރަށް ނިކުމެ ޝޫޓިންތަކަށް ދިއުމަކީ އެހާ ރައްކާތެރި ކަމަކަށް ނުވާތީ ކަމަށެވެ.

މޮހެނާ ކުމާރީ

މޮހެނާ ކުމާރީ ސިންގު ވަނީ ސްޓަރ ޕްލަސްއިން ގެނެސްދޭ ޔޭ ރިޝްތާ ކިޔާ ކެހެލާތޭހޭ ސީރައަލްގައި ކިރިތީސިންގާނިއާ ގޮއެންކާ ގެ ރޯލުން އަދާކޮށްފައެވެ. އެގޮތުން މިދިޔަ އަހަރުގެ އޮކްޓޫބަރު މަހު ޝުޔޭޝް ރާވަތު އާއި ކައިވެނި ކުރުމަށްފަހު މޮހެނާ ވަނީ ޓީވީ އިންޑަސްޓްރީ ދޫކޮށްލައިފައެވެ. އެކަމާ ބެހޭ ގޮތުން މޮހެނާ ބުނީ އޭނާ ދެހްރަދުން އަށް ދިރިއުޅުން ބަދަލުކުރުމަށް މުމްބާއީ އާ އެކްޓިން ދޫކޮށްލީ ކަމަށެވެ. އޭނާގެ އެ ނިންމުމުން އެކީ މަސައްކަތް ކުރި ބައެއް އެކުވެރިންވެސް ހިތްހަމަ ނުޖެހުނު ކަން މޮހެނާ ފާހަގަކުރިއެވެ.

ދިޝާ ވަކާނީ

ދިޝާ ވަކާނީ ވަނީ ކޮމެޑީ ސީރިއަލްއެއް ކަމަށްވާ ތާރަކު މެހެތާކީ އުލްޓާ ޗަޝްމާގައި ދަޔާ ބެހެން ގެ ރޯލު އަދާކޮށްފައެވެ. އެހެންނަމަވެސް ބަނޑުބޮޑުވުމަށްފަހު ވިހަންދެން ޗުއްޓީ ނެގި ގޮތަށް ދިޝާ ގެއްލުނީއެވެ. އޭގެ ފަހުން އޭނާ އެ ސީރިއަލް އިން ފެނިފައެއް ނުވެއެވެ.

އަނަސް ރަޝިދު

އަނަސް އަކީ ސްޓަރ ޕްލަސްއިން ކުރިން ދެއްކި ކާމިޔާބު ސީރިއަލް ދިޔާ އޯރު ބާތީ ހަމްގައި ސޫރަޖުގެ ރޯލު އަދާކުރި ތަރިއެވެ. 2017 ވަނަ އަހަރު ކައިވެނި ކުރުމަށްފަހު އަނަސް ވަނީ ޓީވީ އިންޑަސްޓްރީއާ ދުރަށް ގޮސްފައެވެ. އަނަސް އަށް މިހާރު އަންހެން ކުއްޖަކު ލިބިފައިވާއިރު، އެކުއްޖާއަށް އަހަރެއް ވީ މީގެ ދުވަސްކޮޅެއް ކުރިންނެވެ. އަނަސް ބުނީ ކައިވެނި ކޮށްގެން އަނބިމީހާ ބަނޑުބޮޑު ވުމުން އޭނާގެ ހުރިހާ ވަގުތެއް ހުސްކުރީ އަންހެނުންނަށް ހިދުމަތް ކުރަން ކަމަށާއި އަލުން އަނބުރާ ޓީވީ އިންޑަސްޓްރީއާ ގުޅުމުގެ ހިޔާލެއް ނެތް ކަމަށެވެ.