ޚަބަރު

އަޑިއަށް ދިޔަ ބޯޓު އޮޔާދަނިކޮށް ފެނިއްޖެ

އަލީ ޔާމިން

އިންޖީނު ހުއްޓިގެން އަޑިއަށްދިޔަ ދިޔަ ބޯޓު އޮޔާދަނިކޮށް ފެނިއްޖެއެވެ.

އެމްއެންޑީއެފުން ބުނީ މާލެއިން ފުރައިގެން ހއ. ދޮނަކުޅިއަށް ދަތުރުކުރަމުން ދަނިކޮށް އަޑިއަށް ދިޔަކަމަށް ރިޕޯޓްކޮށްފައިވާ "ފަތޮޅު" ބޯޓު އޮޔާދަނިކޮށް ފެނިފައިވަނީ އެމްއެންޑީއެފްގެ ކޯސްޓްގާޑުގެ ލޯންޗަކަށް ކަމަށެވެ.

ބަނޑުން ޖަހާލާފައިވާ މި ބޯޓް އޮޔާ ގެންދަނީ އިރު އުތުރަށް ވާގޮތަށްކަމަށް އެމްއެންޑީއެފުން ބުނެއެވެ. އެހެންކަމުން އެ ސަރަހައްދުން ދަތުރު ކުރާ ފަރާތްތަކުން އެކަމަށް ހާއްސަ ސަމާލުކަމެއް ދިނުމަށާއި ހާއްސަކޮށް ރޭގަނޑު އެސަރަހައްދުން ދަތުރުކުރާ އުޅަނދުތަކުން އެކަމަށް އިތުރަށް ސަމާލުކަން ދިނުމަށް އެމްއެންޑީއެފްގެ ކޯސްޓްގާޑުން ވަނީ އިލްތިމާސްކޮށްފައެވެ.

"ފަތޮޅު" ބޯޓުގެ އިންޖީނު ހުއްޓި ކ. ކާށީދޫ ކަނޑުތެރެއަށް އަޑިޔަށް ގޮސް އެބޯޓުން ދަތުރުކުރި ފަސް މީހުން ކަނޑުވެފައި ވަނިކޮށް އެމްއެންޑީއެފުން އެމީހުން ސަލާމަތް ކުރުމަށްފަހު ޅ. މާފިލާފުއްޓަށް ވަނީ ގެންގޮސްފައެވެ. އަޑިޔަށްދިޔަ މި ބޯޓުގައި ތިބީ ހަތަރު ދިވެހިންނާއި ބިދޭސީއެކެވެ.

އެމްއެންޑީއެފުން މީގެ ކުރިން ބުނީ އެ ބޯޓު އަޑިޔަށްގޮސްފައިވާ ކަމަށް ރިޕޯޓްކޮށްފައިވަނީ، ކ. ކާށިދޫގެ އުތުރުން ނުވަ މޭލު ބޭރުގެ ސަރަހައްދަކަށް ކަމަށެވެ. އަދި މި ހާދިސާގެ ރިޕޯޓް ލިބިފައިވަނީ މިއަދު މެންދުރު 12:29ގައި ކަމަށް އެމްއެންޑީއެފުން ބުނެއެވެ.

އަޑިއަށްދިޔަ "ފަތޮޅު" ބޯޓަކީ ރާއްޖޭގެ ލޮޖިސްޓިކްސް ކުންފުނީގެ ބޯޓެއް ކަމަށް އެމްއެންޑީއެފުން ބުނެއެވެ.