ރައްޔިތުންގެ މަޖިލީހުގައި ފުރަތަމަ ފަހަރަށް ކުއްލި މައްސަލައެއް ހުށަހަޅަން ގުރުއަތު ލައިފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ދެ މެންބަރަކު ވަނީ ކުއްލި މައްސަލަ ހުށަހަޅުއްވައިފައެވެ. އެއީ ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމް އާއި ތިނަދޫ ދެކުނު ދާއިރާގެ މެންބަރު އަބުދުﷲ ސަނީފް އެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ، އެއް ދުވަހެއްގައި ދެ މެންބަރަކު ކުއްލި މައްސަލަ ހުށަހަޅުއްވައިފިނަމަ މަޖިލީހުގެ ގަވާއިދު ބުނަނީ، އެ ދެ މެންބަރުންގެ މެދުގައި ގުރުއަތުލައި، ގުރުއަތުން ހޮވޭ ފަރާތަކަށް މައްސަލަ ހުށަހެޅުމުގެ ފުރުސަތު ދޭގޮތަށް ކަމަށެވެ.
އެހެންކަމުން އެ ދެ މެންބަރުންގެ މެދުގައި ބޭއްވި ގުރުއަތުލުމުން، ކުއްލި މައްސަލަ ހުށަހަޅަން ފުރުސަތު ލިބިވަޑައިގަތީ ނައިފަރު ދާއިރާގެ މެންބަރު ޝިޔާމަށެވެ.
މެންބަރު ސަނީފް ހުށަހެޅުއްވުމަށް ހަމަޖެހިފައިވަނީ ކޮން ކަމަކާބެހޭ ކުއްލި މައްސަލައެއް ކަމެއް މަޖިލިސް ރައީސް ވިދާޅެއް ނުވެއެވެ. ނަމަވެސް މެންބަރު ޝިޔާމު ކުއްލި މައްސަލަ ހުށަހެޅުއްވީ، ކުރީގެ ރައީސް އަބުދުﷲ ޔާމީން އަބުދުލް ގައްޔޫމުގެ ވެރިކަމުގެ އިމާރާތްކުރި 7000 ފުލެޓް ދިނުން ލަސްވާތީ އާއި، ސަރުކާރުގެ ބޯހިޔާވަހިކަމުގެ ވައުދާ ބެހޭގޮތުންނެވެ.
މި މައްސަލަ މަޖިލީހަށް ހުށަހެޅުމުން މައްސަލަ މަޖިލީހަށް ބަލައިގެންފައިވަނީ، މަޖިލީހުގައި ތިއްބެވި 47 މެންބަރުންގެ ތެރެއިން 45 މެންބަރުން ވޯޓު ދެއްވައިގެންނެވެ.
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް ގިނަ ދުވަސް ތަކަަކަށް ބޮއިކޮޓް ކުރެއްވުމަށްފަހު، މިއަދުގެ ޖަލްސާއަށް ވަޑައިގެން މި މައްސަލަ ހުށަހަޅުއްވަމުން ޝިޔާމު ވިދާޅުވީ ރައީސް ޔާމީންގެ ސަރުކާރުން އަޅާފައިވާ 7000 ފުލެޓު ހަވާލު ކުރުން މި ސަރުކާރުން ލަސް ކުރަމުންދާތީ ފްލެޓުތަކަށް ވަދެވޭނެ ދުވަހެއްގެ އިންތިޒާރުގައި އެތައް ހާސް ރައްޔިތުންނެއް ތިބިއިރު، އަދިވެސް އެ ތަނަށް ވަދެވޭނެ ވަކި ދުވަހެއް މި ސަރުކާރަށް ބުނެދެވިފައި ނުވާ ކަމަށެވެ.
ކޮވިޑް 19ގެ ސަބަބުން އެތައް ބައެއްގެ އާމްދަނީ ހުއްޓި، ކުއްޔާއި ބިލްތައް ދެއްކުމަށް ނުކުލެދި، ރައްޔިތުން ނިކަމެތިވެ، ބިކަވެގެންދާއިރު، ވީ އެންމެ އަވަހަކަށް ހިޔާ މަޝްރޫގެ ފްލެޓުތަކަށް އެ ރައްޔިތުންނަށް ވަދެވޭނެ ގޮތް ހަދައިދިނުމަކީ ބޭނުންވެފައިވާ ކަމެއްކަމަށާއި، ވީއެންމެ އަވަހަކަށް އެ ފުލެޓްތަކުގައި ދިރިއުޅެވޭނެގޮތް އެ ފަރާތްތަށް ފަހިކޮށްދިނުމަށް އެ ކުއްލި މައްސަލައިގައި ވަނީ ގޮވާލައްވައިފައެވެ.
މީގެ އިތުރުން މިސަރުކާރުން ރައްޔިތުންނަށް ވައުދުވެފައިވާގޮތަށް އިތުރު ފްލެޓްތައް އަޅައި، ބޯހިޔާވާކަމުގެ ވައުދު ފުއްދުމަށްވެސް ޝިޔާމް ވަނީ ގޮވާލައްވައިފައެވެ.
ރައްޔިތުންގެ މަޖިލިސް
ރައްޔިތުންގެ މަޖިލިސް
ރައްޔިތުންގެ މަޖިލިސް