މުނިފޫހިފިލުވުން

ތާޕްސީ ނެޕްޓިޒަމާއި އެއްކޮޅަށް ވާހަކަދެއްކުމުން ކަންގަނާ ފާޑުކިޔައިފި

އީމާ މުހައްމަދު ވަހީދު

ބޮލީވުޑްގައި ނެޕްޓިޒަމް އޮތް މިންވަރާއި ގުޅޭގޮތުން އެތައް ބަޔަކު އަންނަނީ ބަހުސް ކުރަމުންނެވެ. ބޮލީވުޑްގެ ބައެއް ތަރިން ނެޕްޓިޒަމް ދިފާއުކޮށްފައި ވާހަކަދައްކާއިރު އެކަމާ ދެކޮޅަށްވެސް ގިނަ ތަރިންތަކެއް އަންނަނީ ވާހަކަދައްކަމުންނެވެ.

ނެޕްޓިޒަމާއި ދެކޮޅަށް ފާޅުގައި އެންމެ ބޮޑަށް އަަޑުއުފުލި އެކަކީ ކަންގަނާ ރަނޯއަތުއެވެ. 2017 ވަނަ އަހަރު ތާޕުސީ ޕަންނޫ ވަނީ ނެޕޮޓިޒަމާ އެއްކޮޅަށް ވާހަކަދައްކައި ކަންގަނާ އަށް ވަރަށް ބޮޑަށް ކިޔައިފައެވެ. އެގޮތުން ކަންގަނާއަށް ފިލްމުތަކުގައި މަސައްކަތް ކުރަން ނުލިބުމަކީ އޭގެ ޒިންމާ މަޝްހޫރު ތަރިންގެ ދަރިން ނަގަން ޖެހޭ ކަމެއް ނޫން ކަމަށް ތާޕުސީ އޭރު ބުންޏެވެ.

އޭރު ތާޕުސީ ނެޕްޓިޒަމާއި އެއްކޮޅަށް ވާހަކަދެއްކުމަށްފަހު، ދާދި ފަހުން ސުޝާންތު ސިންގު ރާޖުޕުތު މަރުވުމާ ގުޅިގެން ބޮލީވުޑްގައި ނެޕްޓިޒަމް އޮތް މިންވަރާ ގުޅޭ ގޮތުން ގިނަ ބަޔަކު ވާހަކަދައްކަން ފެށުމުން ތާޕުސީ ވެސް ވަނީ ނެޕްޓިޒަމާއި ދެކޮޅަށް އަޑު އުފުލައިފައެވެ. ކުރިން މަޝްހޫރު ތަރިންގެ ދަރިން ދިފާއުކޮށް ވާހަކަދެއްކުމަށްފަހު މިހާރު ބޮލީވުޑްގައި ތިބި މަޝްހޫރު އާއިލާއަކަށް ނިސްބަތް ނުވާ ތަރިންނާއި އެއްކޮޅަށް ތާޕުސީ ވާހަކަދައްކަމުންދާތީ ގިނަ މީހުން ވަނީ އޭނާއަށް ފާޑުކިޔައިފައެވެ.

އެގޮތުން ތާޕުސީ 2017 ވަނަ އަހަރު ނެޕްޓިޒަމާއި ގުޅޭގޮތުން ދެއްކި ވާހަކަތައް އެތައް އަހަރަކަށް ފަހު އަލުން ފެންމަތިވުމާ ގުޅިގެން ކަންގަނާ ވެސް ތާޕްސީއަށް ފާޑުކިޔައިފައެވެ. އެގޮތުން ކަންގަނާ ކުރި ޓްވީޓެއްގައި ބުނީ ތާޕުސީ އެވޯޑްތަކާއި ފިލްމުތަކުގެ ބޭނުމުގައި މަޝްހޫރު ތަރިންގެ ގުރޫޕާއި ގުޅިގެން އަންހެނަކަށް މަލާމާތް ކުރަން ލަދުގަންނަން ޖެހޭ ކަމަށެވެ.