ރާއްޖޭގެ ހާއްސަ އިގުތިސޯދީ ސަރަހައްދުގައި ގަވައިދާ ހިލާފަށް މަސްވެރިކަން ކުރަމުންދިޔަ ބޭރުގެ މަސްބޯޓެއް ހިފަހައްޓައިފިއެވެ.

އެމްއެންޑީއެފުން ބުނީ ރާއްޖޭގެ އިގުތިސޯދީ ސަރަހައްދުގައި ގަވައިދާ ހިލާފަށް މަސްވެރިކަން ކުރަމުންދިޔަ މަސްބޯޓެއް އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޯސްޓުގާޑު ސްކޮޑްރަންގެ ފާސްޓް އިންޓެސެޕްޓް ކްރާފްޓް "މާފަތް"ގެ އެހީތެރިކަމާއެކު ކޯސްޓްގާޑުގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށެވެ.

ހަ މީހުންނާއެކު މ. އަތޮޅުގެ އިރުމަތީ ފަރާތުން 37 ނޯޓިކަލް މޭލު ބޭރުގައި އެ ބޯޓު މަސްވެރިކަން ކުރަމުންދާ ކަމުގެ މައުލޫމާތު އެމްއެންޑީއެފް ކޯސްޓްގާޑަށް ރިޕޯޓްކޮށްފައިވަނީ އެ ސަރަހައްދުގައި މަސްވެރިކަން ކުރަމުންދިޔަ "އަސަރީ" އަދި ''އަސުރުމާ 02'' ދޯނިން ކަމަށް އެމްއެންޑީއެފުން މައުލޫމާތުދެއެވެ.

އެ ބޯޓު ރާއްޖޭގެ އިގުތިސޯދީ ކަނޑުގެ ސަރަހައްދުގައި މަސްވެރިކަން ކުރަމުންދިޔަ މައްސަލަ ސަރުކާރުގެ ކަމާ ގުޅުންހުރި އިދާރާތަކާ ގުޅިގެން އަންނަނީ ތަހުގީގުކުރަމުންނެވެ.