އަންހެން ކުއްޖަކު ރޭޕްކުރި ކަމުގެ ތުހުމަތުތަކެއް ކޮށްފައިވާ މަޝްހޫރު ފިލްމީ ތަރި ޖުމައްޔިލު ނިމާލު އާއެކު މަސައްކަތް ކުރުން އައި ފިލްމްސް އިންވެސް ހުއްޓާލައިފިއެވެ.

މިއަދު އައިފިލްމްސް އިން ނެރުނު ބަޔާނެއްގައި ބުނީ، އެ ކުންފުނިން އުފެއްދި ދެވަނަ ފިލްމު "ނީނާ" އަކީ ޖުމައްޔިލު ފެނިގެންދާ ފިލްމެއް ކަމަށާއި އެ ފިލްމުގެ ހުރިހާ ޝޫޓިންތަކެއް މިއަހަރުގެ ފެބްރުއަރީ މަހު ނިމިފައިވާ ކަމަށެވެ. ޖުމައްޔިލުގެ މައްޗަށް ދެބެންގެ ދެދަރި އަންހެން ކޮއްކޮއެއް ރޭޕް ކުރިކަމުގެ ތުހުމަތުތައް ކުރެވިފައިވާތީ ކުރިއަށް އޮތްތަނުގައި ޖުމައްޔިލު އާއެކު އެއްވެސް މަސައްކަތެއް ނުކުރުމަށް ނިންމާފައިވާ ކަމަށް އައި ފިލްމްސް އިން ނެރުނު ބަޔާނުގައި ބުނެފައިވެއެވެ.

މީގެ އިތުރުން މިހާރު ޝުޓީންތައް ނިންމާފައިވާ ޖުމައްޔިލު ލީޑްރޯލުން ފެނިގެންދާ ފިލްމު ނީނާ ކުރިއަށްގެންދާނެ ގޮތަކާ ދޭތެރޭ މަޝްވަރާކުރަމުން އަންނަ ކަމަށްވެސް އެ ކުންފުނިން ނެރުނު ބަޔާނުގައި ބުނެފައިވެއެވެ.

ޖުމައްޔިލުގެ މައްޗަށް ކުރެވޭ ރޭޕްގެ ތުހުމަތުތަކުގެ ސަބަބުން ޑާކްރެއިން އެންޓަޓައިމެންޓުން ވެސް ވަނީ އޭނާއާއެކު މަސައްކަތް ކުރުން ހުއްޓާލައިފައެވެ.