ދިވެހި ނޫސްތަކުގެ "އެޑިޓަރުންގެ" ސައްލާގެ ނަމުގައި މަހާސިންތާއެއް މިއަދު ބާއްވަން ނިންމައިފިއެވެ.

މޯލްޑިވްސް މީޑިއާ ކައުންސިލްގެ މެންބަރު އަޒުމީ އަލީ ވަން އޮންލައިން އަށް ވިދާޅުވީ، މި މަހާސިންތާ ބޭއްވުމުގެ މައިގަނޑު މަގުސަދަކީ، މީޑިއާތަކުގެ އިސް މަސްލަހަތު ވެރިންގެ ހުރި ޝަކުވާ ތަކާއި ކަންބޮޑުވުންތައް އަޑުއަހައި، އެކަންކަމަށް ހައްލު ހޯދަން މަސައްކަތް ކުރުން ކަމަށެވެ. މީޑިޔާގެ އިސްފަރާތްތައް އެއްތަނެއްގައި ތިބެގެން، މީޑިޔާއަށް ދިމާވާ މައްސަލަތަކާމެދު ވާހަކަ ދައްގައި އެކަންކަމަށް ހައްލު ހޯދުންވެސް މި މަހާސިންތާގެ މަގުސަދު ތަކުގެ ތެރޭގައި ހިމެނެއެވެ.

މި މަހާސިންތާ ބޭއްވުމުގެ ބޭނުމަކީ، މީޑިއާގެ މިނިވަން ކަމަށް އެޅިފައިވާ ހުރަސްތައް ދެނެގަނެ، އެކަންކަމަށް އެބޭފުޅުންގެ ހިޔާލު ހޯދުން ކަމަށްވެސް އަޒްމީ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ދިވެހިރާއްޖޭގެ އަޑުގެ ސެނެކޯ މާލަމުގައި، މިއަދު 4:00 ގައި ފަށާ މި ބައްދަލުވުމުގައި، އޮންލައިންކޮށް ހަތަރު މީޑިއާ އަކާއި، އޮފްލައިންކޮށް 16 މީޑިއާ ބައިވެރިވާ ކަމަށެވެ.

ދެގަޑިއިރަށް ކުރިއަށް ގެންދާ މި މަހާސިންތާގައި، އެކަން ތައާރަފް ކުރުމަށް މީޑިއާ ކައުންސިލުން، ބޭނުން ކުރާނީ 10 ވަރަކަށް މިނިޓް ކަމަށާއި، ދެން އޮތް ހުރިހާ ވަގުތެއްގައިވެސް ކުރިއަށްދާނީ އެޑިޓަރުންގެ މަޝްވަރާ ތައްކަމަށް އޭނާ ވިދާޅުވިއެވެ.

އަޒްމީ ވިދާޅުވީ، މިއަދު ކުރާ މަޝްވަރާތަކުން ލިބޭ ހިޔާލުތައް ކުތިއަށް ގެންދާނެ ގޮތަކާމެދުވެސް ގޮތެއް ނިންމާނީ އެޑިޓަރުން ކަމަށެވެ. އަދި އެ ނިންމުންތަކުގެ ތެރޭގައި އެކި ފަރާތް ފަރާތައް ހުށަހަޅަންޖެހޭ ކަންތައްތަކެއް ހިމެނޭނަމަ، އެކަންކަމުގައިވެސް އެޑިޓަރުން ބައިވެރި ކުރާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

"މިސާލަކަށް އެޑިޓަރުން ބޭނުންވެދާނެ ހޯމް މިނިސްޓްރީއާ ބައްލުކޮށް ކަމެއް ހުށަހަޅަން،، އެހެން ވެއްޖެނަމަ އެޑިޓަރުންގެ ބަޔަކު ހިމެނިގެން އެކަން ކުރާނީ،" އަޒްމީ ވިދާޅުވިއެވެ.

މި މަހާސިންތާގައި މަޝްވަރާ ކުރުމަށް ހަމަޖެހިފައިވާ ކަންތައްތަކުގެ ތެރޭގައި، ނޫސްތަކަށް މާލީ ގޮތުން ހުރި ގޮންޖެހުންތައް ހައްލު ކުރުމަށް ކުރެވިދާނެ ކަންތައްތަކާއި، މީޑިއާތައް ރެގިއުލޭޓް ކުރަން ހުރި މުއައްސަސާތަކުގެ ދައުރާއި، އެކަމުގައި ހުރި މައްސަލަތައް ހިމެނެއެވެ.

މީގެ އިތުރުން މީޑިއާ އެތިކްސް އާއި ނޫސްވެރިން ތަމްރީން ކުރުމުގެ މުހިއްމުކަމް ވެސް ހިމެނެއެވެ.