ރިސޯޓެއްގެ ގޮތުގައި ތަރައްގީ ކުރަމުން އަންނަ ބ. ބޮޑުފިނޮޅުގައި ހަމަނުޖެހުން ހިންގައިގެން އިއްޔެ އެރަށުން ހައްޔަރު ކުރި 19 ބިދޭސީންގެ ބަންދަށް ކޯޓުން 15 ދުވަސް ޖަހައިފި އެވެ.

ފުލުހުން ބުނީ ބޮޑުފިނޮޅުން އިއްޔެ ހައްޔަރުކުރި 19 މީހުންގެ ބަންދާ މެދު ގޮތެއް ނިންމުމަށް އޭދަފުށި މެޖިސްޓްރޭޓް ކޯޓަށް ހާޒިރު ކުރުމުން، ހޯމް މިނިސްޓްރީން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބައިތިއްބައިގެން ތަހުގީގު ކުރިއަށް ގެންދިއުމަށް 15 ދުވަހުގެ މުއްދަތެއް ކޯޓުން ދީފައިވާ ކަމަށެވެ.

އެމީހުންނަކީ ބޮޑުފިނޮޅުގައި ބުރާސްފަތި ދުވަހުން ފެށިގެން ހިންގި ހަމަނުޖެހުންކުގައި އަމަލީ ގޮތުން ބައިވެރިވި 19 ބިދޭސީންނެވެ. އެމީހުން އިއްޔެ ތުޅާދުއަށް ގެންދިޔަ އިރު ތިބީ އަތުގައި ބިޑި އަޅުވައިފަ އެވެ. އަދި އެމީހުން އޭދަފުށި ޕޮލިސް ސްޓޭޝަނަށް ގެންގޮސްފައިވަނީ އިއްޔެގެ ވަގުތެއްގައި އެވެ.

ބޮޑުފިނޮޅުގައި މަސައްކަތްކުރާ މުވައްޒަފުން ހަމަނުޖެހުން ހިންގާފައިވަނީ އެމީހުންގެ މުސާރަ ނުދޭތާ ގިނަ މަސްތަކެއް ވެފައި ވާތީ ކަމަށް އެމީހުން ބުނެ އެވެ. އެ ރުޅިވެރިކަމުގައި އިހްތިޖާޖުކޮށް، އެރަށުގައި ތިބި 13 ދިވެހިން ވެސް ވަނީ ރަހީނުކޮށްފަ އެވެ. އަދި ރަށުގެ އަގުބޮޑު މުދަލަށާއި އެކޮމަޑޭޝަން ބްލޮކްގެ ރޫމްތަކަށާއި އޮފީސް ބަޔަށް ވަނީ ވަރަށް ބޮޑަށް ގެއްލުންދީފަ އެވެ.

އެކަމާ ގުޅިގެން ފުލުހުން ނެރުނު ބަޔާނެއްގައި ބުނީ، ބޮޑުފިނޮޅުގައި ހަމަނުޖެހުން ހިންގާކަމުގެ މައުލޫމާތު ލިބުމާ ގުޅިގެން ފުރަތަމަ އެރަށަށް ދިޔައީ ތުޅާދޫ ޕޮލިސް ސްޓޭޝަންގައި މަސައްކަތްކުރާ ފުލުހުން ކަމަށެވެ.

ނަމަވެސް ބޮޑުފިނޮޅުގައި ތިބި ބިދޭސީ މަސައްކަތްތެރިން ރުޅިވެރިކަން އިސްކޮށް ފުލުހުންނަށް ދެކޮޅުވެރިކަން ދެއްކުމުން އިތުރު ފުލުހުންނާއެކު ބުރާސްފަތި ދުވަހުގެ ރޭ އިރާކޮޅުގެ ވަގުތެއްގައި ފުލުހުން އެރަށަށް ދިޔަ ކަމަށާއި އެ މީހުން ދިއުމުން ފުލުހުންނާ ދިމާއަށް އޮށްގަލާއި ދަގަނޑުބުރިތައް އުކައި ހަމަނުޖެހުން ހިންގި ކަމަށް ފުލުހުން ބުނެ އެވެ.

ފުލުހުން ބުނީ، އެ ހަމަނުޖެހުންތަކުގައި އެއް ފުލުހެއްގެ ބޯފަޅައިގެން ގޮސް ސީރިއަސް އަނިޔާތަކެއް ލިބުމާއި ގުޅިގެން ބ. އަތޮޅު ސިއްހީ މަރުކަޒުން ފަރުވާ ހޯދި ކަމަށެވެ. އަދި އެހެން ފުލުހެއްގެ އިނގިލި ބިންދައިގެން ގޮސް އަނިޔާވެފައިވާއިރު ގިނަ އަދަދެއްގެ ފުލުހުންނަށް އެކިވަރުގެ އަނިޔާތައް ވެފައިވާ ކަމަށް ބުންޏެވެ.