މީޑިއާތަކަށް ހަމަހަމަ ފުރުސަތު ދިނުމަށް މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) އިން ފުލުހުންނަށް ގޮވާލައިފިއެވެ.

ބ. ބޮޑުފިނޮޅުގައި ބިދޭސީ މުވައްޒަފުން ދިވެހި މުވައްޒަފުންތަކެއް ރަހީނުކޮށް ހިންގާ ހަމަނުޖެހުން ކަވަރުކުރުމަށް ފުލުހުންގެ ޓީމު މިރޭ މާލެއިން ފުރި އިރު، ފުރުސަތު ދީފައިވަނީ ދެ މީޑިއާއަކަށެވެ.

ފުލުހުންގެ ތަރުޖަމާނު ޔޫނުސް ސޮބާހު ވިދާޅުވީ ދަތުރުކުރާ އުޅަނދުގައި ސޯޝަލް ޑިސްޓަންސިން ގާއިމުކުރަން ޖެހުމުގެ ސަބަބުން ފުރުސަތުދެވިފައިވަނީ މަދު މީޑިއާތަކަކަށް ކަމަށެވެ. އޭގެ އިތުރުން އޮޕަރޭޝަން ހާލަތުގައި މީޑިއާތަކަށް ފުރުސަތު ދިނުމުގައި ރިޕޯޓަރުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމުގެ ގޮތުން ފުރުސަތު ދެވެން އޮންނަނީ ވަކި މިންވަރަކަށް ކަމަށް ވިދާޅުވިއެވެ.

އެކަމާ ގުޅިގެން މީޑިއާ ކައުންސިލުން މިރޭ ނެރުނު ނޫސްބަޔާނެއްގައި ބުނީ ހަމަހަމަކަމާއި އިންސާފުވެރިކަމާއެކު މައުލޫމާތު ލިބުމުގެ ފުރުސަތު ހުރިހާ މީޑިއާތަކަށް ވެސް ލިބޭކަން ޔަގީންކުރުމަކީ އެ ކައުންސިލުގެ ގާނޫނީ ޒިންމާއެއް ކަމަށާއި މީގެ އިތުރުން ދައުލަތުގެ ހުރިހާ މުއައްސަސާތަކަކުން ވެސް އަދި އެހެނިހެން އިދާރާތަކުން ވެސް މައުލޫމާތު ފެތުރުމުގައި މީޑިއާތަކަށް ހަމަހަމަ ފުރުސަތު ދޭތޯ އެ ކައުންސިލުން އަބަދުވެސް ބަލަމުން އަންނަ ކަމަށެވެ.

"ބ އަތޮޅު ބޮޑުފިނޮޅުގައި މިހާރު ހިނގަމުންދާ ހަމަނުޖެހުންތަކާ ގުޅިގެން، އެކަމުގެ މައުލޫމާތު ކަވަރުކުރުމަށްޓަކައި މޯލްޑިވްސް ޕޮލިސް ސާވިސްއިން މީޑިއާތަކަށް ފުރުސަތު ދިނުމުގައި ހަމަހަމަ އުސޫލެއް ގެންގުޅެފައި ނުވާކަން މި ކައުންސިލުން ހިތާމައާއެކު ފާހަގަކުރަމެވެ..،" މީޑިއާ ކައުންސިލުގެ ބަޔާނުގައި ބުނެފައިވެއެވެ.

މީޑިއާ ކައުންސިލުން ބުނީ ގައުމުގައި ހިނގާ، މުޖުތަމައުގެ އާންމު މަސްލަހަތާ ގުޅުން ހުރި މިފަދަ ކަންކަމުގައި ފުލުހުންގެ އިދާރާއިން މީޑިއާތަކަށް އެކަށީގެންވާ މައުލޫމާތު ދިނުމުގައި ފަސް ޖެހޭކަމުގެ ޝަކުވާ މި ކައުންސިލަށް ލިބެމުން އަންނަ ކަމަށާއި މީޑިއާތަކަށް ހަމަހަމަ ފުރުސަތު ދިނުމަށާއި ވީހާވެސް ބޮޑަކަށް އަދި އަވަސްމިނުގައި މީޑިއާތަކަށް މައުލޫމާތުދިނުމަށް އެ ކައުންސިލުން ދިވެހިން ފުލުހުންނަށާއި ދައުލަތުގެ އެންމެހާ މުއައްސަސާތަކާއި އިދާރާތަކަށް އިލްތިމާސްކުރާ ކަމަށެވެ.