ލައިފް ސްޓައިލް

ފަޅޯ: ހަންގަނޑާއި އިސްތަށިގަނޑަށް ދިމާވާ ބައެއް މައްސަލަތަކަށް ހައްލެއް

އީމާ މުހައްމަދު ވަހީދު

މޭވާއާއި ތަރުކާރީގެ ބާވަތްތަކަކީ އޭގެން އެތައް ބޭނުންތަކެއް ހިފޭ ކެއުމުގެ ބާވަތްތަކެކެވެ. އޭގެ ތެރެއިން ފަޅޮލަކީ އަހަރެމެން ރަނގަޅު ގޮތުގައި ބޭނުން ކޮށްފިނަމަ ހަށިގަނޑާއި އިސްތަށިގަނޑަށް ދިމާވާ ބައެއް މައްސަލަތަކަށްވެސް އޮތް ހައްލެކެވެ. ފަޅޮލުގައި ހިމެނޭ ޕަޕައިން އަކީ ޕްރޮޓިންސް ޑޮސޮލްވް ކުރުމަށް އެހީތެރިވެދޭ އެންޒައިމުގެ ބާވަތެކެވެ.

އިސްތަަށިގަނޑުގައި ޑެންޑްރަފް އެޅުމަކީ ވަރަށް ގިނަ މީހުންނަށް ދިމާވާ މައްސަލައެކެވެ. ފަޅޮލުން އިސްތަށިގަނޑުގައި ޑެންޑްރަފު އެޅުން ރަނގަޅުކުރެވިދާނެ އެވެ. އެގޮތުން ފަޅޯ ޗިސްކޮށްފައި އެޕަލް ސައިޑް ވިނެގާ އާއި ތެޔޮ އެއްކުރުމަށްފަހު ބޮލުގައި ހާކާށެވެ. ހޭކުމަށްފަހު 15 ވަރަކަށް މިނަޓް ބަަހައްޓާށެވެ. މިގޮތަށް ހަދަން ފެށުމުން ބޮލުގައި ޑެންޑްރަފް އެޅުން ހުއްޓޭނެއެވެ. ފަޅޮލުގައި ހިމެނޭ ޕަޕައިން އިސްތަށިގަނޑުގައި ޑެންޑްރަފް އަޅަން މެދުވެރިވާ ސްކަލްޕް އުފެދުން މަދުކޮށްދޭނެ އެވެ.

ފަޅޮލަކީ ވިޓަމިން ސީ އާއި އޭ އިން މުއްސަނދި ވެފައިވާ މޭވާގެ ބަވާތަކެވެ. މީގެ އިތުރުން ފަޅޮލުގައި ހިމެނޭ ބީޓާ ކެރޮޓީންގެ މާއްދާ ހަންގަނޑު އަލިކޮށްދޭން އެހީތެރި ވެދެއެވެ. އެހެންކަމުން ހަންގަނޑު އަލިކުރަން ފޭސް ޕެކެއްގެ ގޮތުގައިވެސް ފަޅޯ ބޭނުން ކުރެވިދާނެއެވެ. ފަޅޯ ޗަސްކޮށްފައި އޭގެ ތެރެޔަށް ޔޯގަޓް އަޅައިގެން އެއްކޮށްފައި ޕޭސްޓް ހަދާފައި މޫނުގައި އުނގުޅާށެވެ. ޔޯގަޓްގައި ހުންނަ ލެކްޓިކް އެސިޑްގެ މާއްދާ އަދި ފަޅޮލުގައި ހުންނަ އެންޒައިމުގެ މާއްދާގެ އެހީގައި ހަންގަނޑު ރީތިކޮށް ސާފުކޮށްދީ އަލިކޮށްދޭނެ އެވެ.

އިސްތަަށިގަނޑު ކުރަކިވެ ހަރުވުމަކީ ވަރަށް ގިނަ އަންހެން ކުދިން ކުރިމަތިލާން ޖެހޭ ކަމެކެވެ. ހާއްސަކޮށް ބުރުގާ އަޅާނަމަ އިސްތަށިގަނޑު ކުރަކިވެ ހަލާކުވާ މިންވަރު އިތުރު ވެއެވެ. ފަޅޮލަކީ އިސްތަށިގަނޑު ކުރަކި ވެ ހަރުވާ ނަމަ އެކަމަށްވެސް އޮތް ހައްލެކެވެ. އެގޮތުން، ފަޅޯ ކުދިކުދިކޮށް ޗިސްކޮށްލާފައި ދޮންކޭލާއި އެއްކުރުމަށްފަހު ކުޑަ އޮލިވް އޮއިލް ކޮޅެއް އަޅައިލާށެވެ. އަދި އިސްތަަށިގަނޑުގައި ހަފުތާއަކު އެއްފަހަރު އުނގުޅާށެވެ. މިހެން ހެދުމުން އިސްތަށިގަނޑު އޮމާންވެ ކުރަކި ކަން ފިލައިގެން ދާނެއެވެ.

މޫނުގައި ބިހި ނަގައި އެތަންތަނުގައި ލަކުނު ލުމަކީވެސް ވަރަށް ގިނަ އަންހެން ކުދިން ކުރިމަތިލާން ޖެހޭ ކަމެކެވެ. މޫނުގައި އުނގުޅާ އަގުބޮޑު ކްރީމުތައް ގަނެގެން ލަކުނު ފިލުވަން މެދުނުކެނޑި މަސައްކަތް ކުރާ ކުދީން މަދެއް ނޫނެވެ. ފަޅޮލަކީވެސް މޫނުގައި ލާފައި ހުންނަ ލަކުނުގެ ކުލަ މަޑުކޮށްދީ އެ ފިލުވުމަށް އެހީތެރިވެދޭ އެއްޗެކެވެ. އެގޮތުން ފަޅޮލާއި މާމުއި އެއްކޮށްގެން ޕޭސްޓް ހަދާފައި މޫނުގައި ހާކާށެވެ. އޭރުން މޫނުގައި މަރުވެފައި ހުންނަ ސެލްތައް ސާފުކޮށް ލަކުނުތަކުގެ ކުލަ މަޑުކޮށްދިނުމަށް އެހީތެރިވާނެއެވެ.