މުނިފޫހިފިލުވުން

ވައިރަލްވި ކަރުދާސް ހެދުން ދުށިންތަ؟

އީމާ މުހައްމަދު ވަހީދު

ލޮކްޑައުން އާއި ގުޅިގެން ގޭގައި ތިބެގެން ތަފާތު އެތައް ކަމެއް ކޮށް ބައެއް މީހުން ވަނީ އެމީހުންގެ ހުނަރުން އާއްމުން ސިއްސުވައިލައިފައެވެ. ސޯޝަލްމީޑިއާގައި ފެށި މެޓް ގާލާ ޗެލެންޖުގައިވެސް މިވަނީ އެންމެން އާޝޯހު ކުރުވާފަދަ ހެދުމެއް ފެޝަން ޑިޒައިނަރަކު ޑިޒައިން ކޮށްފައެވެ.

ފެޝަން ސްޓޫޑެންޓެއް ކަމަށްވާ ކަރިނާ ބޮންދަރޭވާ މިވަނީ ކަރުދާހުން ވަރަށަ ރީތި ހެދުމެއް ތައްޔާރުކޮށްއެވެ. އޭނާ އެ ހެދުން ޑިޒައިން ކުރާ ވީޑިއޯ އަދި އެ ހެދުން ވަނީ ސޯޝަލް މީޑިއާގައި ވައިރަލް ވެފައެވެ. އެތައް ބަޔަކު އަންނަނީ ކަރީނާ ގެ ހުނަރަށް ތައުރީފު ކުރަމުންނެވެ.

ކަރުދާން އެ ހެދުން ތައްޔާރުކޮށްފައިވަނީ ހަމައެކަނި ރަތް ކަރުދާހާއި ތެރަސް ބޭނުންކޮށްގެންނެވެ. އޭނާ އެ ހެދުން ތައްޔާރުކުރީ ފެޝަނިސްޓާ ބިލީ ޕޯޓާގައި ހުރި އޮންލައިން ޗެލެންޖެއްގައި ބައިވެރިވުމަށެވެ.

ކަރީނާ ބުނީ ނިއުޔޯކްގައި ކުރިން ބާއްވަން ހަމަޖެހިފައި އޮތް މެޓް ގާލާއަށް ފެޝަނަ އެސިސްޓެންޓެއްގެ ގޮތުގައި އެހީތެރިވުމަށް ދިއުމުގެ ފުރުސަތު ލިބުނު ކަމަށެވެ. އެހެންނަމަވެސް، ކޯވިޑް 19 އާއި ގުޅިގެން ގިނަ ގައުމުތައް ލޮކްޑައުން ކޮށް މެޓްގާލާވެސް ލަސްވީ ކަމަށެވެ.

ކަރީނާ އިތުރަށް ބުނީ، ގޭގައި ފޫހިވެގެން އުޅެނިކޮށް، ފެޝަނިސްޓާ ބިލީ ޕޯޓާގައި އިންސްޓަގްރާމު ޕޯސްޓެއްގައި ކުރީގެ މެޓް ގާލާގެ ހެދުމެއްގެ ޑިޒައިން ރިކްރިއޭޓް ކުރުމަށް ޗެލެންޖްކޮށްފައި އޮތުމުން އޭގައި ބައިވެރިވީ ކަމަށެވެ. އޭނާ ބޭނުންވީ ކާޑިބީ 2019 ވަނަ އަހަރު މެޓް ގާލާގައި ލީ ހެދުން ރިކްރިއޭޓް ކުރަން ނިންމީ ކަމަށެވެ.

ހުސް ކަރުދާހުން ޑިޒައިން ކުރި އެހެދުން ނިންމަން 6 ދުވަސް ނެގި ކަމަށް ކަރީނާ ބުންޏެވެ. އަދި ކޮންމެ ދުވަހަކުވެސް 12 ގަޑިއިރު މަސައްކަތް ކުރުމުގައި ހޭދަކުރި ކަމަށާއި އެ ހެދުން އިންސްޓަގްރާމުގައި ހިއްސާ ކުރުމުން އާއްމުންގެ ފަރާތުން ހީވެސް ނުކުރާ ފަދަ ރިއެކްޝަނެއް ލިބުމުން ވަރަށް އުފާވާ ކަމަށްވެސް ބުންޏެވެ.