ފުލުހުންގެ ތަހުގީގަށް ހުރަސް އެޅޭނެ އެއްވެސް މައުލޫމާތެއް ރައްޔިތުންގެ މަޖިލީހުގެ 241 ކޮމިޓީއަށް ނުހޯދޭ ގޮތަށް ފުލުހުންގެ ހިދުމަތުގެ ބިލުގައިވާ 241 ކޮމިޓީގެ ބާބަށް ބަދަލު ގެންނަން ނިންމައިފިއެވެ.

ފުލުހުން ހިދުމަތުގެ ބިލަށް ހިޔާލު ހޯދުމަށް ރައްޔިތުންގެ މަޖިލީހުގެ އިދާރާގައި މިރޭ ބޭއްވި ބައްދަލުވުމުގައި އާންމު ރައްޔިތަކު ކުރި ސުވާލަކަށް ޖަވާބުދެއްވަމުން ބިލު ހުށަހެޅުއްވި އެމްޑީޕީގެ ޗެއާޕާސަން އަދި މަޖިލީހުގެ ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފު ވިދާޅުވީ 241 ކޮމިޓީއަށް ބިލުން ދީފައިވާ ބާރުތަކަކީ ގާނޫނު އަސާސީން ކޮމިޓީއަށް މަތިކޮށްފައިވާ ކަންކަން ކަމަށާއި ނަމަވެސް ފުލުހުންގެ މުއައްސަސާއާއި ހޯމް މިނިސްޓްރީއާއެކު ބަންޑާރަ ނައިބުގެ އޮފީހުން މަޝްވަރާކުރުމަށް ފަހު އެ އޮފީހުން މިހާރު ބިލަށް 40 އިސްލާހެއް ހުށަހަޅާފައިވާ ކަމަށެވެ.

ހަސަން ލަތީފް ވިދާޅުވީ، އެ އިސްލާހުތަކާއެކު ބިލުގެ އާ ޑްރާފްޓެއް މިހާރު ތައްޔާރު ކުރެވިފައިވާ ކަމަށާއި ބިލަށް ހުށަހެޅި އިސްލާހުތަކުގެ ތެރޭގައި 241 ކޮމިޓީގެ ދައުރު ބަޔާން ކުރާ ބާބަށް ވެސް ބައެއް އިސްލާހުތައް ހުށަހެޅިފައިވާ ކަމަށެވެ. އެގޮތުން 241 ކޮމިޓީއަށް ހޯދޭނީ ފުލުހުން ހިންގަމުން އަންނަ ތަހުގީގުތަކަށް ހުރަސް ނޭޅޭ މައުލޫމާތު ކަމަށް އިސްލާހުގައިވާ ކަމަށް ހަސަން ވިދާޅުވިއެވެ.

"ބިލުގެ ޑްރާފްޓް ޑޮކިއުމަންޓްގައި އޮންނާނެ، ފުލުހުން ހިންގަމުންދާ ތަހުގީގުތަކަށް ހުރަސް ނޭޅޭ މައުލޫމާތު 241 ކޮމިޓީން އޮޅުންފިލުވުން. އެހެންވީމަ ހުރަސް އެޅޭނެ މައުލޫމާތެއް ނުހޯދޭނެ،" މެންބަރު ހަސަން ލަތީފް ވިދާޅުވިއެވެ.

ފުލުހުންގެ ހިދުމަތުގެ ބިލު ފުރަތަމަ އޮތް ގޮތުން މަޖިލީހުގެ 241 ކޮމިޓީއަށް އިތުރު ބާރުތަކެއް ލިބިދެއެވެ. އެގޮތުން ފުލުހުންނަށް ލިބޭ އިނާޔަތްތަކާ ގުޅޭ ކަންކަމަށް ބަދަލު ގެނައުމަށާއި ތަހުގީގަށް ބަންދު ކުރާ މީހުންނާ މެދު އަމަލު ކުރާ އުސޫލުތައް ބަދަލު ކުރަން ހޯމް މިނިސްޓަރަށާއި ފުލުހަށް އެންގުމުގެ ބާރު ކޮމިޓީއަށް އޮވެއެވެ. އަދި އެނޫންވެސް ބައެއް ބާރުތައް ވަނީ ކޮމިޓީއަށް ދީފައެވެ.