ކުޅިވަރު ކުޅުމުގެ ހުއްދަ މިއަދުން ފެށިގެން ދޭން ނިންމާފައިވާއިރު، ކުޅިވަރެއް ކުޅޭ ތަނެއްގައި އެއްފަހަރާ ގިނަވެގެން ކުޅެވޭނީ 30 މީހުންނަށް ކަމަށް ޔޫތު މިނިސްޓްރީން ބުނެފި އެވެ.
ޔޫތު މިނިސްޓްރީން މިއަދު ނެރުނު ނިއުނޯމަލްގައި ކުޅިވަރު ކުޅުމުގެ އުސޫލުގައި ބުނެފައިވަނީ ކުޅޭއިރު މާސްކު ނޭޅުމަށާއި އަދި ކޮވިޑްގެ އެއްވެސް އަލާމާތެއް ފާހަގަ ވެއްޖެނަމަ ކުޅިވަރު ކުޅުމުގައި ބައިވެރި ނުވުމަށެވެ. ކުޅުންތެރިން ގެންގުޅޭ ދަބަސްފަދަ ތަކެތި ދުރުދުރުގައި ބެހެއްޓުމަށް ވެސް ވަނީ އިރުޝާދު ދީފައެވެ.
ކުޅިވަރު ކުޅޭއިރު ބޭނުންކުރާ ބިބްސްފަދަ ތަކެތި އަނެއް ކުޅުންތެރިން ބޭނުން ނުކުރުމަށާއި ގެއިން ނިކުތުމުގެ ކުރިންނާއި ކުޅެ ނިމުމަށްފަހު މަދުވެގެން 20 ސިކުންތު ވަންދެން އަތް ދޮވުމަށް ވެސް އެ އުސޫލުގައި ވަނީ ބުނެފައެވެ. ތަންތަނުގައި އަތް ލުމަށްފަހު ނޭފަތާއި އަނގަޔާއި ލޮލުގައި އަތް ނުލުމަށާއި ކުޅެނިމިގެން ގެޔަށްގޮސް އަވަހަށް ފެންވެރުމާއި ޖާޒީ ބޭނުން ކުރުމަށްފަހު ނުދޮވެ ދެވަނަ ފަހަރަށް ބޭނުން ނުކުރުމަށް އެއުސޫލުގައި ބުނެފައި ވެއެވެ.
މީގެ އިތުރުން އަމިއްލަ ފެންފުޅި ބޭނުންކުރުމަށާއި ސާފުތާހިރުކަމަށް އިސްކަން ދިނުމާއި ކޮންމެ ކުޅުންތެރިޔަކު ވެސް ވަކިން ހޭންޑް ސެނިޓައިޒާ ބޭނުން ކުރުމުގެ އިތުރުން ކޮވިޑާއި ގުޅިގެން ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) ގެ އެންގުންތަކާއި އާންމު ކުރަމުންގެންދާ އުސޫލުތަކާއި އެއްގޮތަށް އަމަލުތައް ބެހެއްޓުމަށް ޔޫތު މިނިސްޓްރީން އާންމު ކުރި އުސޫލުގައި ވަނީ ބުނެފައެވެ.
މިގޮތަށް ހުއްދަ ދިން ކަމުގައި ވިޔަސް ކުޑަކުދިންނަށް ހިންގާ ސްޕޯޓްސް އެކަޑަމީތަކުގައި 12 އަހަރުން ދަށުގެ ކުދިން ބައިވެރިކޮށްގެން ހަރަކާތްތައް ހިންގުން އަދި މަނާވާނެ ކަމަށް އެޗްޕީއޭއިން ވަނީ ބުނެފައެވެ.
ކުޅިވަރު
ކުޅިވަރު
ކުޅިވަރު
ކުޅިވަރު