ކޮވިޑް 19 އާއި ގުޅިގެން، އޭޝިއަން އިންފްރާސްޓްރަކްޗާ އިންވެސްޓްމަންޓް ބޭންކް، އޭއައިއައިބީން ރާއްޖެއަށް 7.3 މިލިއަން ޑޮލަރުގެ ލޯނު އެހީއެއް ދިނުމަށް ނިންމައިފި އެވެ.
މި ލޯން ދޭން އެ ބޭންކުގެ ބޯޑުން ނިންމާފައި ވަނީ އިއްޔެ އެވެ.
އޭއައިއައިބީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މިއީ އެ ބޭންކުން ރާއްޖެއަށްދޭ ފައިސާގެ ފުރަތަމަ އެހީ ކަމަށާއި، މި ލޯނު އެހީއަކީ ކޮވިޑުގެ ބަލިމަޑުކަމާ ގުޅިގެން ގައުމުގެ ސިއްހީ ފެންވަރު އިތުރަށް ވަރުގަދަ ކުރުމަށް ދޭ ލޯނު އެހީއެއް ކަމަށެވެ.
މި ލޯނު އެހީއަކީ ވޯލްޑު ބޭންކާއި ގުޅިގެން ރާއްޖެއަށް ދޭ ފައިސާގެ އެހީއެއް ކަމަށްވެސް އޭއައިއައިބީން ބުނެއެވެ. މިއީ ކޮވިޑް 19ގެ ހާލަތުގައި ފްރަންޓްލައިނުގައި މަސައްކަތްކުރާ ސިއްހީ އެހީތެރިންގެ ރައްކާތެރިކަމަށް ބޭނުންވާ ޕީޕީއީ ފޯރުކޮށްދިނުމުގެ އިތުރުން ރާއްޖޭގެ ސިއްހީ ދާއިރާގެ ކަންކަން ކުރިއަށްވުރެ ހަރުދަނާކޮށް ރަނގަޅު ކުރުމަށްދޭ ފައިސާގެ އެހީއެއް ކަމަށްވެސް ބުނެފައި ވެއެވެ.
އޭއައިއައިބީން ވަނީ ރާއްޖެއަކީ ފަތުރުވެރިކަމަށް ބަރޯސާވެފައިވާ ގައުމަކަށް ވުމުން ރާއްޖެއަށް މި ބަލިމަޑުކަމުގެ ސަބަބުން ލިބޭ ގެއްލުން އަންދާޒާ ކުރަން އުނދަގޫ ކަމަށް ބުނެފައެވެ. އަދި ދިވެހި ސަރުކާރުގެ އާމްދަނީގެ ބޮޑުބަޔަކީ ފަތުރުވެރިކަމާ ގުޅޭ ޓެކްސްތަކުން ލިބޭ އާމްދަނީ ކަމަށް އޭއައިއައިބީން ފާހަގަ ކުރެއެވެ.
ރާއްޖެއަށް ދިނުމަށް ނިންމާފައިވާ މި ލޯނު އެހީއަކީ އޭއައިއައިބީގެ ކޮވިޑް 19 ކްރައިސިސް ރިކަވަރީ ފެސިލިޓީ (ސީއާރުއެފް) ގެ ދަށުން ހިންގާ ޕްރޮޖެކްޓް، ސްޕެޝަލް ފަންޑު ވިންޑޯ (އެސްއެފްޑަބްލިއު) އިން ދިނުމަށް ނިންމާފައިވާ ލޯނު އެހީއެއް ކަމަށް އޭއައިއައިބީން ބުނެއެވެ.
މިދިޔަ މަހުގެ ނިޔަލަށް އޭއައިއައިބީން ޖުމުލަ 5.5 ބިލިއަން ޑޮލަރުގެ އެހީ 13 ޕްރޮޖެކްޓަކަށް ދީފައިވާނެ ކަމަށް އޭއައިއައިބީން ބުނެއެވެ. އެއީ މެންބަރު 11 ގައުމަކަށް ދިން އެހީ ކަމަށްވެސް އެ ބޭންކުން ބުނެއެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ