ފާޒިލު އަހުމަދު (ފިޓްފާޒިލް)، އަގުބޮޑު އިނާމުތަކަކާ އެކު މިދިޔަ މަހުގެ 5 ވަނަ ދުވަހު ހުޅުވާލި ގިވް އަވޭ ވެގެން ގޮސްފައިވަނީ ތަފާތު އަދި އެތައް ބަޔަކު ހައިރާންކޮށްލި ގިވްއަވޭ އަކަށެވެ. އެ ގިވްއަވޭ އެތައް ބަޔަކު ހައިރާން ކޮށްލައި މުޅި މީސްމީޑިއާ ފަތަހަ ކުރީ އެލިބުނު ފަރާތަށް އަމާނާތްތެރިކަމާއިއެކު ހަވާލުކޮށް ނިންމައިލުމުންނެއް ނޫނެވެ. ބައިވެރިވި އެންމެންނަށް ބޮޑު ލަނޑެއްދީ އާއްމުންނަށް ވެސް އޮޅުވައިލީމައެވެ.
ފިޓްފާޒިލްގެ ގިވްއަވޭ ކާމިޔާބު ކުރިކަމަށް ބުނާ ޝަރުމީލާއަކީ ވުޖޫދުގައި ނުވާ މީހެއްކަން މީހާރު އެންމެންނަށްވެސް އެނގެއެވެ. ގިނަ ބަޔަކު ދިޔައީ ފިޓްފާޒިލު އެކަމަށް އެއްބަސްވެ އާއްމުންނަށް އޮޅުވާލި ސަބަބު ކިޔައިދޭނެ އިރަކަށް އިންތިޒާރުކުރަމުންނެވެ.
އަނެއްކާ ވެސް މިވަނީ ފިޓްފާޒިލްގެ ގިވްއަވޭއަށް ވަރަށް ބޮޑު ޓްވިސްޓެއް އައިސްފައެވެ. ފިޓްފާޒިލު މިވަނީ މީސްމީޑިއާގައި މީހުން ކިޔަމުންދިޔަ ފާޑުކިޔުންތަކަށް ފިލައިގެން އުޅުމަށްފަހު އާއްމުންނާ ކުރިމަތިލައި ޖަވާބުދާރީ ވެފައެވެ. އެކަމަކު ފިޓްފާޒިލް އެކަމަށް ޖަވާބުދާރީ ވިގޮތް ވަރަށް ތަފާތެވެ. މިފަހަރުވެސް އާންމުންނަށް އަރަނީ އިތުރު އޮޅުންތަކެކެވެ.
ފިޓަފާޒިލް ބުނީ އޭނާގެ މެނޭޖަރު އަދި ފޮޓޯގްރާފަރު އަލީ މުހައްމަދު ގާތުގައި ގިވްއަވޭއަށް އެއްޗެހި ދޭނެ ކަމަށް ބުނި ކަމަށެވެ. އަދި ގިވްއަވޭއަށް ފޮޓޯ ނަގަން ރެޑީ ވުމުން އެތަނަށް އިތުރު ސަމާނު އަޅައި އޭތި މަޖާކޮށްލަން ހިނގާށޭ މެނޭޖަރު ބުނިކަމަށެވެ. އެހުރިހާ އެއްޗެހި އެޅުމަށްފަހު ފޮޓޯ ނަގާފައި، ޕޯސްޓް ކުރުމުން އާއްމުން އެޔަށް ވަރަށް ބޮޑު ތަރުހީބެއް ދިނުމުން އިތުރު ގޮތެއް ނެތިގެން ނިންމީ ގިވްއަވޭގެ ގޮތުގައި އެހުރިހާ އެއްޗެއްވެސް ދޭން ކަމަށެވެ.
ފިޓްފާޒިލް ބުނީ މެނޭޖަރު ދެއްކި ހުރިހާ ވަހަކަތަކެއް ދެލޯ މަރައިގެން އޭނާ ގަބޫލުކުރި ކަމަށާއި، ގުރުއަތުގެ ހުރިހާ ކަމެއް ނިންމައި ނަސީބުވެރިޔަކު ހޮވީވެސް މެނޭޖަރު އަމިއްލައަށް ކަމަށެވެ.
ފިޓްފާޒިލް ބުނީ ގިވްއަވޭގެ ހަދިޔާތައް ނަސީބުވެރިޔާއާ ހަވާލުކުރީވެސް މެނޭޖަރު ކަމަށެވެ. ގިވްއަވޭ ލިބުނު ކުއްޖާ އެއްވެސް ފޮޓޯއެއް ނަގަން ބޭނުން ނުވާ ކަމަށް ބުނި ކަމަށާއި ފަހުން އާއްމުންގެ ޝައްކުތަކާއި ވަހުމު ދުރުކުރަން ޝަރުމީލާ އަތުން އެ ސާމާނުތައް ގެނެސް އެހެން މީހަކު ލައްވައި ފޮޓޯނަގަން މެނޭޖަރު ބުނި ކަމަށެވެ.
ފިޓްފާޒިލް ބުނީ އޭނާ އޭރުވެސް ހީކޮށްގެން ހުރީ މެނޭޖަރު އަސްލުގައިވެސް ޝަރުމީލާއަށް ގިވްއަވޭގައި ހުރި ހަދިޔާތައް ދިން ކަމަށެވެ. ވަކި ހިސާބަކުން އާއްމުންނަށް ހުރިހާ ކަމެއް ފަޅާ އެރުމުން މެނޭޖަރުގެ ހަބަރެއް ނުވާ ކަމަށްވެސް ފިޓްފާޒިލް ބުންޏެވެ.
ފިޓްފާޒިލްގެ މިވާހަކަތައް މީހުން ގަބޫލުކުރާނީ ކިހާ ވަރަކަށް ކަމެއް ނޭނގެ އެވެ. މި ކަމާ ގުޅިގެން މިހާރުވެސް ވަނީ އިތުރު ފާޑުކިޔުންތައް އަމާޒުވެފަ އެވެ.
މުނިފޫހިފިލުވުން
މުނިފޫހިފިލުވުން
މުނިފޫހިފިލުވުން
މުނިފޫހިފިލުވުން