ޚަބަރު

ބޯކޮށާ ތަންތަނާއި ސެލޫންތައް ހުޅުވާއިރު ގާތުން ހިދުމަތްދޭނަމަ ފޭސް ޝީލްޑް އަޅައި އަންގި ލައްވަން ޖެހޭނެ

އަލީ ޔާމިން

ސެލޫންތަކާއި ބޯކޮށާ ތަންތަން އަލުން ހުޅުވާއިރު ގާތުން ހިދުމަތްދޭ ނަމަ ފޭޝް ޝީލްޑް އަޅައި އަންގި ލައްވަން ޖެހޭނެ ކަމަށް އެތަންތަން އަލުން ހުޅުވާއިރު އަމަލުކުރަން ޖެހޭނެ ގޮތް ބަޔާންކޮށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އާންމުކުރި އުސޫލުގައި ބުނެފިއެވެ.

މި އުސޫލުގައިވާ ގޮތުން ކޮވިޑުގެ އެއްވެސް އަލާމާތެއް ހުރި މީހަކަށް ސެލޫންތަކާއި ބޯކޮށާ ތަންތަނުން ހިދުމަތް ދީގެން ނުވާނެއެވެ.

މި އުސޫލު ބުނާގޮތުން މޭކަޕް ކުރުމުގައި އެކަކަށް ބޭނުންކުރާ ފުއްމާގަނޑު، ސްޕޮންޖް ފަދަ ތަކެއްޗަކީ ޑިސްޕޯޒަބަލް ތަކެތި ކަމުގައި ވާން ޖެހޭނެއެވެ. ޑިސްޕޯސަޕަބަލް ނޫން ތަކެތި ބޭނުންކުރާނަމަ ކޮންމެ ކަސްޓަމަރަކަށް ބޭނުން ކުރުމަށްފަހު އެތަކެތި ސައިބޯނި/ޑިޓާޖަންޓުން ރަނގަޅަށް ދޮވެ ސާފުކުރުމަށް ފަހު ޑިސްއިންފެކްޓް ކުރުމަށާއި ކޮންމެ ކަސްޓަމަރަކަށް ބޭނުންކުރާ އޭޕްރަނެއް ނުވަތަ ފޮތިގަނޑު އަދި ބޯކޮށާއިރު ކަރުވަށައިގެން އަޅައި ތުވާލިކޮޅު ދޮވެ ސާފުކުރުމަށްފަހު އަނެއް ކަސްޓަމަރަކަށް ބޭނުންކުރުމަށް ވެސް އުސޫލުގައި ކަނޑައަޅާފައިވެއެވެ.

މީގެ އިތުރުން މުވައްޒަފުންނާއި ކަސްޓަމަރުންނަށް މަދުވެގެން ތިން ފޫޓުގެ ގައިދުރުމިން ބަހައްޓައިގެން ހިދުމަތްދެވޭނެ ވަރަށް މީހުންގެ އަދަދު ކަނޑައަޅާ ތަނަށް ވަންނަ މީހުންނަށް ފެންނަ ގޮތަށް ބަހައްޓަން ޖެހޭނެ ކަމަށްވެސް އުސޫލުގައި ބުނެފައިވެއެވެ. އަދި ވެއިޓިން އޭރިއާ ހުރިނަމަ މަދުވެގެން ތިން ފޫޓުގެ ގައިދުރުމިން ބެހެއްޓޭ ގޮތަށް ގޮނޑިތައް ބަހައްޓަންވެސް އުސޫލުގައި އަންގާފައިވެއެވެ.

އުސޫލުގައި ބުނީ، ކަސްޓަމަރުންނާ ގާތުން ހިދުމަތް ދިނުމުގައި ފޭސް ޝީލްޑް ނުވަތަ ގޮގްލްސް އަޅައި އަންގި ލައްވަން ޖެހޭނެ ކަމަށެވެ. އަދި ކޮންމެ ކަސްޓަމަރަކަށް ހިދުމަތްދިނުމުގެ ކުރިން އަންގި ބޭލުމަށްފަހު ސައިބޯނިލައިގެން ރަނގަޅަށް އަތް ދޮވެ އަންގި ބަދަލު ކުރަން ޖެހޭނެ ކަމަށާއި ކޮންމެ ކަސްޓަމަރަކަށް ހިދުމަތް ދިނުމުގެ ކުރިންނާއި ފަހުން މަދުވެގެން 20 ސިކުންތު ވަންދެން ސައިބޯނިލައިގެން ރަނގަޅަށް އަތްދޮންނަށް ޖެހޭނެ ކަމަށެވެ. ސެލޫންގެ ހިދުމަތް ހޯދަން އަންނަ ފަރާތްތަކަށް ސައިބޯނި ލައިގެން އަތްދޮވެވޭނެ ނުވަތަ ހޭންޑް ސެނިޓައިޒާއިން އަތް ސާފުކުރެވޭނެ އިންތިޒާމު ވެސް ހަމަޖައްސާފައި ބަހައްޓަން ޖެހޭނެ ކަމަށް އުސޫލުގައިވެއެވެ.

ފައިސާ ބަލައިގަތުމުގައި ވީވަރަކުން ކޭޝްލަސް ޕޭމަންޓް ހެދޭނެ އިންތިޒާމު ހަމަޖެއްސުމަށް ވެސް އުސޫލުގައި އެދިފައިވެއެވެ. އަދި ކޮންމެ ކަސްޓަމަރަކަށް ހިދުމަތްދީ ނިމުމަށްފަހު ބޭނުންކުރި ތަކެއްޗާއި ގޮނޑި އާއި ސަރަޙައްދު ރަނގަޅަށް ސާފުކޮށް ގިނަގިނައިން ޑިސްއިންފެކްޓްކުރަން ޖެހޭނެ ކަމަށްވެސް އުސޫލުގައި ބުނެފައިވެއެވެ.

ސެލޫން އަދި ބޯކޮށާ ތަންތަން ހުޅުވުމަށް ހުއްދަދޭން ނިންމާފައިވަނީ އަންނަ މަހުގެ އެއްވަނަ ދުވަހުން ފެށިގެންނެވެ.