ސިއްހަތަށް ގެއްލުން ލިބޭ ބާވަތްތަކުގެ ޑިއުޓީ 200 ފަސެންޓަށް ބޮޑުކޮށް، ކިޔެވުމަށް ބޭނުންކުރާ ތަކެތިން ޑިއުޓީ ކަނޑާލައި ބައެއް ތަކެތީގެ ޑިއުޓީ ކުޑަކުރަން އެކްސްޕޯޓް އިމްޕޯޓްގެ ގާނޫނަށް އިސްލާހު ގެންނަން ހުށަހަޅާފައިވާ ބިލު މަޖިލީހަށް ހުށަހަޅައި ބަހުސް ފަށައިފިއެވެ.

ސަރުކާރުން ހުށަހެޅި މި ބިލު ރައްޔިތުންގެ މަޖިލިހުގެ މިއަދުގެ ޖަލްސާއަށް ހުށަހެޅުއްވީ ގަމު ދާއިރާގެ މެންބަރު މުހައްމަދު ވިސާމް އެވެ.

މިއީ އެކި ސިނާއަތްތައް ފަށައި، ތަރައްގީކުރުމަށް ބޭނުންވާ ތަކެއްޗާއި، އާންމު ދިރިއުޅުމުގައި ބޭނުންކުރާ ބައެއް ތަކެތީގެ ޑިއުޓީ ރޭޓު ކުޑަ ކުރުން ނުވަތަ ޑިއުޓީ ކަނޑާލުމަށް އިސްކަން ދީގެން އެކުލަވާލާފައިވާ ބިލެކެވެ.

އެގޮތުން ތިމާވެއްޓާއި، އިގްތިސާދީ ހަރަކާތްތައް އިތުރުކުރުމަށްޓަކައި، މަސްވެރިކަމަށް ބޭނުންކުރާ އޮޑި ދޯނި ފަހަރާއި ބޯޓު ބަނުމާއި އިމާރާތްކުރުމާއި އަންނައުނު އުފެއްދުމަށް ބޭނުންކުރާ ގިނަ ތަކެތިން ޑިއުޓީ ކަނޑާލުމަށްވެސް ބިލުގައި ހުށަހަޅާފައިވެއެވެ.

އެއްގަމު އުޅަނދުފަހަރު ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅާ ރަށްތަކެއްގައި ބޭނުންކުރާ ހާލަތުގައި އެ އުޅަނދުފަހަރަށް ކަނޑައަޅާފައިވާ އިމްޕޯޓް ޑިއުޓީ މާފުކުރެވޭ ގޮތަށް ހަމަޖެއްސުމުގެ އިތުރުން، އިމްޕޯޓް ޑިއުޓީ ދެއްކުމަކާ ނުލައި ވަގުތީ ގޮތުން އެތެރެކުރުމުގެ ހުއްދަ ދެމުން އައި އުޅަނދުފަހަރު އެތެރެކުރުން ހުއްޓާލައި، ވަކި ތާރީހެއްގެ ފަހުން އެފަދަ އުޅަނދުތަކުން އިމްޕޯޓް ޑިއުޓީ ދައްކަން ޖެހޭ ގޮތަށް ކަނޑައެޅުންވެސް ބިލުގައި ވަނީ ހިމަނައިފައެވެ.

ފަސިންޖަރުން އުފުލަން ހާއްސަކޮށްގެން ދުއްވާ އެއްގަމު އުޅަނދު ތަކުގެ ތެރެއިން ކާރު ޖީޕް އަދި ވޭންގެ ޑިއުޓީ 100 ޕަސެންޓަށް ކުޑަކުރަން ވެސް ބިލުގައި ވަނީ ހިމަނައިފައެވެ.

މީގެ އިތުރުން ނުކުޅެދޭ މީހުން ދުއްވާ އިންޖީނުލީ ތަކެއްޗާއި، އެތަކެތީގެ އިންޖީނާއި އޭގެ ބައިތަކުން މިހާރު ނަގަމުން އަންނަ ފަސް ޕަސެންޓްގެ ޑިއުޓީ ސުން ޕަސެންޓަށް ހަމަޖެއްސުމަށްވެސް މި ބިލުގައި ވަނީ ހުށަހަޅައިފައެވެ.

ބޭބީކެރިއާ އާއި ބައިސްކަލާއި އޭގެ ބައިބައި ތަކުން ޑިއުޓީ ސުންޕަސެންޓަށް ކަނޑައެޅުމަށްވެސް ވަނީ ހުށަހަޅައިފައެވެެ.

ބިލުުގައި ބުނާގޮތުން މި ގާނޫނަށް އަމަލުކުރަން ފެށުމާއެކު، އެކިއެކި ލިޔުންތަކުގައި ރެވެނިޔު ސްޓޭމްޕް ޖެހުމުގެ ގާނޫނުގެ ދަށުން އެކްސްޕޯޓް ލައިސަންސްއާއި އިމްޕޯޓް ލައިސަންސަށް، ލައިސަންސް ދޫކުރެވޭ އަދަދުގެ ކޮންމެ 100 ރުފިޔާއަކަށް 10 ލާރީގެ މަގުން ޖަހަމުން އައި ރެވެނިޔު ސްޓޭމްޕް ޖެހުން ނިމުމަކަށް އަންނާނެއެވެ. އަދި މިގާނޫނުގެ ދަށުން ލައިސަންސް ދޫކުރެވޭ އަދަދުގެ ކޮންމެ 100 ރުފިޔާއަކުން 1 ރުފިޔާގެ ރެވެނިއު ފީއެއް ދައްކާގޮތަށްވެސް ވަނީ ބަދަލު ގެނެސްފައެވެ.

މިގާނޫނަށް އަމަލުކުރަން ފެށުމުގެ ކުރިން މި ގާނޫނުގެ 7 ވަނަ މާއްދާގެ (ރ) ގެ ދަށުން އެތެރެކޮށްފައިވާ އުޅަނދުފަހަރު، މި ގާނޫނަށް އަމަލުކުރަން ފެށުމަށްފަހު ދިވެހިރާއްޖޭގައި ބޭނުންކުރެވޭނީ، އެ އެއްޗެއް ދިވެހިރާއްޖެ އެތެރެކުރިއިރު އެ އެއްޗެއް ބޭނުންކުރަން ހުއްދަކޮށްފައިވާ ތާރީހުގެ ނިޔަލަށް ނުވަތަ 31 ޑިސެމްބަރ 2023 ގެ ނިޔަލަށެވެ.

އެ ތާރީހުގެ ފަހުން އެފަދަ އުޅަނދެއް ދިވެހިރާއްޖޭގައި ބޭނުންކުރެވޭނީ، އެފަދަ އުޅަނދުތަކަށް ކަނޑައެޅިފައިވާ ޑިއުޓީ ދެއްކުމަށްފަހުގައެވެ.

މި ގާނޫނުގެ 7 ވަނަ މާއްދާގެ ޗެޕްޓަރުތަކުގައި ހިމެނޭ ތަކެތީގެ ތެރެއިން ޕްލާސްޓިކާއި، ޕްލާސްޓިކުން ތައްޔާރުކޮށްފައި ހުންނަ ތަކެތީގެ ތެރެއިން، ސިންގަލް ޔޫސް ޕްލާސްޓިކްގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅާ ބާވަތްތައް، 1 ޖަނަވަރީ 2021 އިން ފެށިގެން ދިވެހިރާއްޖެއަށް އެތެރެ ކުރުމަކީ މަނާކަމެއްކަމަށްވެސް ބިލުގައި ވަނީ ކަނޑައަޅާފައެވެ.

  • ޑްރިންކިންގ ސްޓްރޯއިން %400
  • ދުންފަތް އެކުލެވޭ ބާވަތްތަކުން %200
  • ހައިޑްރޯކްލޯފްލޯރޯފްލޯރޯކާބަންސް އެކުލެވޭތަކެތިން %100
  • ސިނގިރޭޓާއި ބިޑި ހެދުމަށް ބޭނުންކުރާ ކަރުދާސް %200
  • ބަޔޯގްރޭޑަބަލް ނޫން ޕްލާސްޓިކް ކޮތަޅާއި، ޕްލާސްޓިކް ގޯނިން %400
  • އީސިގިރޭޓް އަދި ދުނަފަތުގެ އިސްތިއުމަލު ކުރުމަށްބޭނުންކުރާ އާލާތްތައް އަޅާ ފްލޭވާތަލާއި ކެމިކަލްސް %200
  • ދުންފަތާއި ދުންފަތުން ތައްޔާރުކޮށްފައި ހުންނަ ބާވަތްތަކާއި، ދުންފަތުގެ ބަދަލުގައި ބޭނުންކުރާ ބާވަތްތައް %200
  • ސިންގަލް ޔޫސް ނުވަތަ ޑިސްޕޯސަބަލް ފިލްމާއި، ޝީޓާއި، ޓިއުބުރޯލް އަދި ޕްލޭޓްސްއާއި، ކަލްޓަރީސް ފަދަ ތަކެތިން %200
  • ފަސިންޖަރުން އުފުލުމަށް ޚާއްސަކޮށް ހަދާފައި ހުންނަ އެއްގައުމުގައި ދުއްވާ އެއްޗެހީގެ ތެރެއިން ބޭނުންކޮށްފައި ހުންނަ، ކާރު، ޖީޕް، ވޭން %300
  • ފަސިންޖަރުން އުފުލުމަށް ޚާއްސަކޮށް ހަދާފައި ހުންނަ އެއްގަމުގައި ދުއްވާ އުޅަނދުގެ ތެރެއިން ކާރު، ޖީޕް، ވޭން، އޮޓޯ ސައިކަލާއި، މޮޓޯސައިކަލް ފިޔަވައި އެހެނިހެން އުޅަދުން %150
  • ފަސިންޖަރުން އުފުލުމަށް ހާއްސަކޮށް ހަދާފައި ހުންނަ އެއްގައުމުގައި ދުއްވާ އުޅަނދުގެ ތެރެއިން އެއްގަމުގައި ދުއްވާ ހައިބްރިޑް އުޅަނދު ތަކުގެ ތެރެއިން ބޭނުންކޮށްފައިވާ އުޅަދުން %150