ތިން މިލިއަނަށް ވުރެ ގިނަ ރުފިޔާގެ ބޭރު ފައިސާ ރާއްޖެއިން ބޭރަށް ގެންދަން އުޅެނިކޮށް އަތުލައިގަތް މީހުންގެ ބަންދަށް އިތުރު 15 ދުވަސް ކުރިމިނަލް ކޯޓުން ޖަހައިފިއެވެ.
ސީރިއަލް ޕެކެޓުތަކެއްގެ ތެރޭގައި ފޮރުވައިގެން، ގަވާއިދާ ހިލާފަށް ބޭރު ފައިސާ ގަނެވިއްކުމުގެ މުއާމަލާތްތައް ހިންގާ ފަރާތްތައް ހޯދައި، ގާނޫނީ ފިޔަވަޅު އެޅުމަށް ކުރަމުން އަންނަ މަސައްކަތްތަކުގެ ތެރެއިން، އެ ކަމަށް ހާއްސަ ކޮށްފައިވާ ޓާސްކްފޯހަށް ލިބުނު މައުލޫމާތަކާ ގުޅިގެން މިދިޔަ ސެޕްޓެމްބަރު މަހުގެ 18 ގައި ހިންގި އޮޕަރޭޝަނެއްގައި އެ މީހުން އަތުލައިގަތީ، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ފުރަން ގޮސް ތިއްބައެވެ.
އެ ފަހަރު ހަ ބިދޭސީއަކު އެއާޕޯޓުން ހިފެހެއްޓިއެވެ. އަދި އެމީހުން ހައްޔަރުކޮށް ކޯޓު އަމުރެއްގެ ދަށުން 30 ދުވަހުގެ މުއްދަތަށް ބަނދު ކުރިއެވެ.
ނަމަވެސް އޭގެ ތެރެއިން ހަތަރު މީހެއްގެ ބަންދުގެ މުއްދަތު އިތުރު ކުރުމަށް ކުރިމިނަލްކޯޓަށް ހާޒިރު ކުރުމުގެން އެ މީހުން 15 ދުވަހުގެ މުއްދަތަަށް ބަންދު ކުރަން މިއަދު ކުރިމިނަލް ކޯޓުން ވަނީ އަމުރުކޮށްފައެވެ.
އޭގެ ތެރޭގައި ހިމެނެނީ:
-
- އެމްޑީ މޮހިއްދީން ޗޯދްރީ، 28އ
- އެމްޑީ ޝަހިން މިއާހް، 46އ
- މުހައްމަދު މައިނުއްދީން ސަލާހު، 35އ
- މުހައްމަދު އަބްދުﷲ، 38އ
ފުލުހުން ކުރިން ބުނެފައިވާ ގޮތުގައި މި މައްސަލައިގައި ހައްޔަރުކުރި ހަ މީހުންގެ އަތުން 174,161 ޔޫއެސް ޑޮލަރާއި 56,760 ޔޫރޯ އާއި 1،815 ސްޓާލިން ޕައުންޑް ހިމެނޭހެން ޖުމުލަ 18 ގައުމެއްގެ ފައިސާ ފެނުނު ކަމަށެވެ. އެ ފައިސާގެ ޖުމުލަ އަގު ގާތްގަނޑަކަށް 3.8 މިލިއަން ރުފިޔާ އަށް އަރާ ކަމަށް ވެސް ފުލުހުން ބުނެފައިވެއެވެ.
އިބްރާހިމް ޒަކީ
ކޮމެންޓް