ވ. ތިނަދޫ ކައުންސިލްގެ ރައީސް އަލީ ޝުޖާއު، އިންތިހާބުވި ޕާޓީ ނޫން އެހެން ޕާޓީއަކަށް ބަދަލުވުމާ ގުޅިގެން އޭނާގެ މަގާމު ގެއްލިފައިވާ ކަމަށް ލޯކަލް ގަވަމެންޓް އޮތޯރިޓީ (އެލްޖީއޭ) އިން ކަނޑައެޅި މައްސަލަ އަންނަ ހަފުތާގައި ކޯޓަށް ހުށަހަޅުއްވާނެ ކަމަށް އިދިކޮޅު އެމްޑީޕީގެ ޗެއާޕާސަން ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

މިދިޔަ އަންގާރަ ދުވަހު އެލްޖީއޭގެ ބޯޑު ނިންމި އެ ނިންމުމާ ގުޅިގެން އެލްޖީއޭއިން ބުނީ ޝުޖާއު ކައުންސިލަށް އިންތިހާބުވީ "ދަ ޑިމޮކްރެޓްސް" ގެ ޓިކެޓުގައި ކަމަށެވެ. ނަމަވެސް، ކައުންސިލްގެ އާ ދައުރު ފެށުނު ފަހުން، މިދިޔަ މެއި މަހުގެ 19 ވަނަ ދުވަހު އޭނާ އެމްޑީޕީއަށް ސޮއިކޮށް، އެ ޕާޓީގެ ދަފުތަރުގައި ހިމެނިފައިވާކަން އިލެކްޝަންސް ކޮމިޝަން (އީސީ)ން ވަނީ ކަށަވަރުކޮށްދީފައި ކަމަށް އެލްޖީއޭއިން ބުންޏެވެ.

ލާމަރުކަޒީ ގާނޫނުގައި ބަޔާންކުރާ ގޮތުގައި، ވަކި ސިޔާސީ ޕާޓީއެއްގެ ނަމުގައި އިންތިހާބުވާ މެމްބަރަކު، އެ ދައުރުގެ ތެރޭގައި ޕާޓީ ބަދަލުކޮށްފި ނަމަ، އެ މީހެއްގެ މަގާމު ގެއްލޭނެއެވެ.

އެހެންވެ، ޝުޖާއުގެ ގޮނޑި ހުސްވެފައިވާކަން އީސީއަށް އެންގުމަށް ނިންމާފައިވާ ކަމަށް އެލްޖީއޭއިން ބުންޏެވެ.

ނަމަވެސް އިދިކޮޅު އެމްޑީޕީން މިއަދު ބޭއްވި ނިއުސްކޮންފަރެންސްގައި، ރައީސް ނަޝީދު ވިދާޅުވީ، ތިނަދޫ ކައުންސލްގެ ރައީސްކަމުން ޝުޖާއުގެ މަގާމު ގެއްލިފައިވާ ކަމަށް އެލްޖީއޭއިން ކަނޑައަޅާފައި ވަނީ ގާނޫނާ ހިލާފަށް ކަމަށެވެ.

ނަޝީދު ވިދާޅުވީ، ލާމަރުކަޒީ ގާނޫނުގެ 29 ވަނަ މާއްދާއާ ހަވާލާދީ ޝުޖާއު މަގާމުން ވަކިކުރި ނަމަވެސް އެއީ ބޭފުޅަކު މަގާމުން ވަކިކުރުމަށް ބާރު ލިބޭ މާއްދާއެއް ނޫން ކަމަށެވެ.

ކައުންސިލް މެންބަރެއްގެ ޝަރުތުތައް ބަޔާން ކުރަނީ ލާމަރުކަޒީ ގާނޫނުގެ 12 ވަނަ މާއްދާގައި ކަމަށާއި އެ މާއްދާގައި ބުނާ އެއްވެސް ޝަރުތެއް ޝުޖާއުގެ ކިބައިން ނިގުޅައިގަނެ، ނުވަތަ ގެއްލިގެންނުދާ ކަމަށްވެސް ވިދާޅުވިއެވެ.

ރައީސް ނަޝީދު ވިދާޅުވީ، ޝުޖާއު ވަކިކުރަން ނިންމި ނިންމުން ކޯޓަށް ހުށަހަޅަން އެމްޑީޕީގެ ގާނޫނީ ވަކީލުން ދިރާސާ ކުރައްވަމުން ގެންދަވާ ކަމަށާއި އަންނަ ހަފުތާ ތެރޭގައި އެ މައްސަލަ ކޯޓަށް ހުށަހެޅޭނެ ކަމަށެވެ.