އުރަމަތީގެ ކެންސަރުގެ ފުރަތަމަ މަރުހަލާތަކުގައިވާ ބަލިމީހުންނަށް ފަރުވާ ދިނުމަށް، ސުވިސްޓްޒަލޭންޑުގެ ރޯޝް ކުންފުނިން އުފެއްދި އެސްޓްރޯޖަން ރިސެޕްޓަރަށް އަމާޒުކޮށްގެން ދޭ އާ ގުޅަ ބޭސް "ވިލްސާޑްލީ" ބޭނުންކުރުމުގެ ހުއްދަ އެމެރިކާގެ ފުޑް އެންޑް ޑްރަގް އެޑްމިނިސްޓްރޭޝަން (އެފްޑީއޭ) އިން ދީފިއެވެ.
މިއީ ވޭތުވެދިޔަ 20 އަހަރަށްވުރެ ދިގު މުއްދަތެއްގެ ތެރޭގައި އުރަމަތީގެ ކެންސަރުގެ ފުރަތަމަ މަރުހަލާގެ ބަލިމީހުންނަށް ލިބުނު ފުރަތަމަ އާ ހޯމޯނަލް ފަރުވާއެވެ. މި ބޭސް ހާއްސަކޮށްފައިވަނީ އެސްޓްރޯޖަން ރިސެޕްޓަރ-ޕޮޒިޓިވް އަދި އެޗް.އީ.އާރު2-ނެގަޓިވް މަރުޙަލާ 1 އިން 3 އާ ދެމެދުގެ ކެންސަރު ހުންނަ ބަލިމީހުންގެ ތެރެއިން، ބަލި އެނބުރި އައުމުގެ ފުރުސަތު ބޮޑު މީހުންނަށް ދިނުމަށެވެ.
އެފްޑީއޭގެ މި ނިންމުން ބިނާކޮށްފައިވަނީ "ލިޑްއީއާރުއޭ" ގެ ނަމުގައި ކުރިއަށްގެންދިޔަ ތިންވަނަ މަރުހަލާގެ ކްލިނިކަލް ޓްރަޔަލްގެ ނަތީޖާތަކުގެ މައްޗަށެވެ. މި ދިރާސާއިން ދެއްކި ގޮތުގައި، މިހާރު ދެމުން އަންނަ އާންމު ހޯމޯން ފަރުވާއާ އަޅައިބަލާއިރު، ވިލްސާޑްލީ ބޭނުންކުރުމުން ކެންސަރު އެނބުރި އައުމުގެ ނުވަތަ ބަލީގައި މަރުވުމުގެ ފުރުސަތު 30 ޕަސެންޓަށް ކުޑަކޮށްދެއެވެ.
މީގެއިތުރުން، 3 އަހަރުގެ މުއްދަތަކަށް ކުރިއަށްދިޔަ މި ދިރާސާގައި ވިލްސާޑްލީ ބޭނުންކުރި ބަލިމީހުންގެ 92.4 ޕަސެންޓް މީހުންގެ ހަށިގަނޑަށް ކެންސަރު އެނބުރި އައިސްފައެއް ނުވެއެވެ. އާންމު ފަރުވާ ލިބުނު މީހުންގެ ތެރެއިން މި ނިސްބަތް އުޅެނީ 89.6 ގައެވެ.
ސިއްހީ މާހިރުން ފާހަގަކުރާ ގޮތުގައި، މި ބޭހަކީ ގުޅައެއްގެ ގޮތުގައި ކައިގެން ބޭނުންކުރެވޭ ބޭހަކަށް ވުމާއި، ފަރުވާގެ ނޭދެވޭ އަސަރުތައް ކުޑަވުމުގެ ސަބަބުން ބަލިމީހުންނަށް ފަރުވާ ފުރިހަމަކުރުމަށް ބޮޑު ލުޔެއް ލިބިގެންދާނެ ބޭހެކެވެ. ރޯޝް ކުންފުނިން މަސައްކަތް ކުރަމުން އަންނަނީ އެމެރިކާގެ އިތުރުން އެހެން ގައުމުތަކުގައިވެސް މި ބޭސް ބޭނުންކުރުމުގެ ހުއްދަ ހޯދުމަށް ކަމަށް ރިޕޯޓުތައް ބުނެއެވެ.
ކޮމެންޓް