އެމްއެންޑީއެފްގެ ހާއްސަ އަސްކަރީ ތަމްރީންތަކެއް މިއަދު މާލެ ސަރަހައްދުގައި ފަށައިފިއެވެ.
އެމްއެންޑީއެފްގެ "އެކްސަސައިޒް ޖައްރާފާ 2026" ކުރިއަށްދާނީ މާލެ، ހުޅުމާލެ، ވިލިމާލެ، އަދި ކްރޮސްރޯޑް މޯލްޑިވްސްގެ އެއްގަމާއި ކަނޑުގެ ސަރަހައްދުގައެވެ. މި އަސްކަރީ ތަމްރީނުތައް ބޭއްވުމަށް ހަމަޖެހިފައިވަނީ ދެ ދުވަހުގެ މުއްދަތަށެވެ.
މިއަދު ކަޅުތުއްކަލާކޮށީގައި ބޭއްވި ރަސްމިއްޔާތެއްގައި އެ ހަރަކާތް ޝަރަފުވެރިކޮށްދެއްވީ ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް އިބްރާހިމް ހިލްމީއެވެ. މި ރަސްމިއްޔާތުގައި އެފްއާރްއެސްގެ ކޮމަޑާންޓް ބްރިގޭޑިއާ ޖެނެރަލް ހުސައިން އަލީ އާއި އެފްއާރްއެސްގެ ޕްރިންސިޕަލް ޑައިރެކްޓާ ލެފްޓިނެންޓް ކާނަލް އަހްމަދު ފާއިޒު ރަޝާދާއި އެފްއާރްއެސްގެ ކޮމާންޑް ސާޖެންޓް މޭޖާ އާޒާދު ރުޝްދީގެ އިތުރުން އެފްއާރްއެސްގެ އޮފިސަރުންނާއި ވޮރަންޓް އޮފިސަރުންނާއި އެންލިސްޓެޑް ރޭންކުތަކުގެ ސިފައިން ބައިވެރިވެވަޑައިގެންނެވިއެވެ.
އެމްއެންޑީއެފުން ބުނީ މިއަދު ތަމްރީނުތައް ކުރިއަށްދާ ވަގުތު، މާލޭގެ މަގުތަކުގައާއި ގްރޭޓާ މާލެ ސަރަހައްދުގައި އެފްއާރްއެސްގެ ފަޔާ ވެހިކަލްތައް ސައިރަން އަދި ބީކަންއާ އެކު ބާރު ސްޕީޑްގައި ދަތުރުކޮށް ހަރަކާތްތެރިވާނެ ކަމަށެވެ.
އެމްއެންޑީއެފުން ބުނި ގޮތުގައި، މި އެކްސަސައިޒަކީ އެފްއާރްއެސްއިން އަމަލުކުރަމުންދާ ފަޔާ އިމަޖެންސީ އޮޕަރޭޝަނަލް ޕްލޭނަށް އަހުލުވެރިވުމަށާއި އެ ޕްލޭނަށް ފަރިތަކުރުމުގެ ގޮތުން ބާއްވަމުންގެންދާ ތަމްރީނެކެވެ.
އަދި ބޮޑެތި އަދި އުނދަގޫ އަލިފާނުގެ ހާދިސާތަކަށް އިޖާބަދީ ފަޔަރ ފައިޓަރުން ހަރަކާތްތެރިވާއިރު، އެ ފަރާތްތަކަށް ލިބިފައިވާ އިލްމާއި ހުނަރާއި ވަސީލަތްތައް އެންމެ ފުރިހަމަ ގޮތުގައި ބޭނުންކޮށްގެން ހާދިސާތައް މެނޭޖްކުރާ މިންވަރު ދެނެގަތުމަކީވެސް މި އެކްސަސައިޒްގެ މަގުސަދެއް ކަމަށް އެ އިދާރާއިން ބުންޏެވެ.
ކޮމެންޓް