މާލެ ސަރަހައްދާއި އުތުރުގެ ސަރަހައްދުތަކަށް ވައިގެ ކޮލިޓީ ނުރައްކާ މިންވަރެއްގައި ހުރި ކަމަށް މޮނިޓަރިން ނިޒާމުތަކުން ދައްކައިފިއެވެ.

އެއާ ކޮލިޓީ އިންޑެކްސްގައި މާލޭގެ ވައިގެ ހާލަތު މިއަދު 158 ގައި ހުރި އިރު، މިއަދު ރާއްޖޭގައި ވައި އެންމެ ތަގައްޔަރުވެފައިވަނީ ކުޅުދުއްފުށި ސިޓީގައި ކަމަށް ރެކޯޑުތަކުން ދައްކައެވެ. އެ ރަށުގެ ވައިގެ ކޮލިޓީ 168 ގައި ހުރި ކަމަށް ސިސްޓަމުން ދައްކައެވެ. މީގެ އިތުރުން ށ. ފުނަދޫގައި ވައިގެ ކޮލިޓީ ހުރީ 157 ގައެވެ.

މި އިންޑެކްސް 150 އިން މައްޗަށް ދިއުމަކީ އެންމެންނަށް ވެސް ސިއްހީ ނުރައްކާ ބޮޑުވާ ފެންވަރެކެވެ. 100 އާއި 150 އާ ދެމެދު ނަމަ ހާއްސަކޮށް ހައި ރިސްކު ފަރާތްތަކަށް ނުރައްކާ ބޮޑުވާ އިރު، 50 އިން މައްޗަށް ދިއުމުންވެސް ރައްކާތެރިކަމުގެ ފިޔަވަޅު އެޅުން ލާޒިމުވެއެވެ.

މިދިޔަ މަހު ވެސް ރާއްޖޭގެ އުތުރަށް ނުރައްކާ މިންވަރަށް ވަނީ ވައި ނުސާފުވެފައެވެ. އެގޮތުން މިދިޔަ މަހުގެ ފަހުކޮޅު ކުޅުދުއްފުށީގެ ވައިގެ ކޮލިޓީ 170 ގައި ހުރި އިރު، ފުނަދޫގައި ވައިގެ ކޮލިޓީ ހުރީ 162 ގައެވެ. އަދި މާލޭ ސަރަހައްދުގައި އޭރުގެ ވައިގެ ކޮލިޓީ ހުރީ 102 ގައެވެ.