ޕްރިޔަދަރްޝަން ޑައިރެކްޓުކޮށް، އަކްޝޭ ކުމާރާއި ސައިފް އަލީ ހާން ލީޑު ރޯލުން ފެނިގެންދާ ސައިކޮލޮޖިކަލް ތްރިލާ ފިލްމު "ހައިވާން"ގެ ޓީޒާ އާންމުކޮށްފިއެވެ.

މި ޓީޒާއިން ފެންނަ ގޮތުގައި ސައިފް އަލީ ހާން ކުޅެނީ ލޮލަށް ނުފެންނަ މީހެއްގެ ރޯލެވެ. އޭނާ ހުދު އަސާގަނޑެއްގެ އެހީގައި ހިނގާ މަންޒަރު ފެންނައިރު، އަކްޝޭ ކުމާރު ފެންނަނީ ވަރަށް ނުރައްކާތެރި އަދި ބިރުވެރި ކެރެކްޓާއެއްގެ ގޮތުގައެވެ.

ޓީޒާގައި އެއްވެސް ޑައިލޮގެއް ނުހިމެނޭއިރު، މައިގަނޑު ގޮތެއްގައި ބޭނުންކޮށްފައިވަނީ ހިޔަނިތަކާއި ބިރުވެރި މިޔުޒިކެވެ. ސައިފްގެ ކެރެކްޓާއަކީ ލޮލަށް ނުފެންނަ މީހުން ބޭނުންކުރާ ހާއްސަ ގަޑިއެއް އަޅައިގެން އުޅޭ މީހެއްކަން ޓީޒާއިން ދައްކުވައިދެއެވެ. އަކްޝޭގެ ކެރެކްޓާ ސައިފަށް ފާރަލަމުންދާ މަންޒަރުތަކެއް ފެނިގެންދެއެވެ. ޓީޒާ ނިމޭއިރު އަކްޝޭގެ ބިރުވެރި ހިނިގަނޑެއް އިވިގެންދެއެވެ. މީގެ އިތުރުން "ހީރޯ ނުވަތަ ހައިވާން؟" މި ސުވާލު ޓީޒާގައި އުފައްދާފައިވެއެވެ.

https://youtu.be/ph58109Guaw?si=fGxE33Kx4Bz6eRFh

މި ޓީޒާއާ ގުޅޭގޮތުން ހިންދުސްތާން ޓައިމްސްއިން ރިޕޯޓުކޮށްފައިވާ ގޮތުގައި، މިއީ ޓީޒާއެއްގެ ސިފަތައް ބޮލީވުޑަށް ހަނދާންކޮށްދިން ޓީޒާއެކެވެ. އެ ނޫހުން ފާހަގަކުރި ގޮތުގައި، ފަހަކަށް އައިސް ބޮލީވުޑްގެ ގިނަ ޓީޒާތަކުން ފިލްމުގެ މުޅި ވާހަކަ އެނގޭއިރު، ޕްރިޔަދަރްޝަންގެ މި ޓީޒާއިން ފިލްމުގެ ވާހަކަ ސިއްރުކޮށް، ބެލުންތެރިންގެ ޝައުގުވެރިކަން ވަނީ އިތުރުކޮށްފައެވެ.

ޓައިމްސް އޮފް އިންޑިއާއިން ރިޕޯޓުކޮށްފައިވާ ގޮތުގައި، ޓީޒާ ބެލުމަށްފަހު ގިނަ ބަޔަކު ވަނީ މިއީ "އަސްލު ކްލެސިކް ތްރިލާއެއް"ގެ ގޮތުގައި ސިފަކޮށްފައެވެ. ޓީޒާގެ ފަހުކޮޅު އިވޭ ބިރުވެރި ހިނިގަނޑަކީ ގިނަ ބައެއްގެ ސަމާލުކަން ހުއްޓުނު ކަމެއް ކަމަށްވެސް އެ ނޫހުން ބުނެފައިވެއެވެ.

"ހައިވާން" އަކީ 2016 ވަނަ އަހަރު ނެރުނު މަލަޔާލަމް ފިލްމު "އޮއްޕަމް"ގެ ހިންދީ ރީމޭކެކެވެ. މި ފިލްމަކީ 2008 ވަނަ އަހަރު ނެރުނު "ތަޝަން" އަށްފަހު އަކްޝޭއާއި ސައިފް އެކުގައި ފެނިގެންދާ ފުރަތަމަ ފިލްމެވެ. މި ފިލްމުގައި ސައިޔާމީ ކޭރް އަދި ބޯމަން އިރާނީވެސް މުހިންމު ރޯލުތަކެއް ކުޅެއެވެ. ކޭވީއެން ޕްރޮޑަކްޝަންސްއިން ޕްރޮޑިއުސްކުރާ މި ފިލްމު ސިނަމާތަކަށް ނެރުމަށް ހަމަޖެހިފައިވަނީ 2026 ވަނަ އަހަރުގެ ސެޕްޓެންބަރު މަހުގެ 11 ވަނަ ދުވަހުއެވެ.