ދުބާއީގެ އިމާރާތްކުރުމުގެ ދާއިރާގައި ދައުރުވާ އިގުތިސާދެއް ގާއިމުކުރުމަށްޓަކައި އިސްޓީލާއި އެލްމިނިއަމް އަދި ސިމެންތިއަށް ޚާއްސަ "ބިލްޑިންގ މެޓީރިއަލްސް ޕާސްޕޯޓު" އަންނަ އަހަރުގެ ކުރީކޮޅު ތައާރަފުކުރަން ދުބާއީ މުނިސިޕަލިޓީން ނިންމައިފިއެވެ.
މި ނިންމުން އިއުލާނުކުރެއްވީ އެމިރޭޓްސް ޓަވަރުގައި ބޭއްވި ދުބާއީ ފިއުޗާ ވީކް 2026 ގައެވެ. މިއީ އިމާރާތްތައް ތަޅާލުމަށްފަހު އުފެދޭ ކުނި މަދުކޮށް، ތަކެތި އަލުން ބޭނުން ކުރެވޭނެ މަގުފަހިކުރުމަށް އެކުލަވާލި ނިޒާމެކެވެ.
މި ނިޒާމުގެ ދަށުން އުފައްދާ އަދި އެތެރެކުރާ ކޮންމެ މެޓީރިއަލަކަށް ޚާއްސަ ޑިޖިޓަލް ނަންބަރަކާއި މައުލޫމާތު ހިމެނޭ ރެކޯޑެއް މަރުކަޒީ ސިސްޓަމެއްގައި ރަޖިސްޓްރީ ކުރެވޭނެއެވެ. އިމާރާތްކުރާ ފަރާތްތަކާއި ސަޕްލަޔަރުން މި ނިޒާމަށް އަމަލުކުރުން މަޖުބޫރުވާނެއެވެ.
އިމާރާތެއް ތަޅާލުމަށްފަހު، އެ އިމާރާތުން ނަގާ ދަގަނޑާއި އެލްމިނިއަމް އަދި ސިމެންތި ލެބޯޓަރީތަކުގައި ޓެސްޓުކުރެވޭނެ އެވެ. އެ ތަކެތީގެ ވަރުގަދަކަން ހުރި މިންވަރު ބެލުމަށްފަހު، އަލުން ބޭނުން ކުރެވޭ ގޮތަށް ވަރުގަދަކޮށް އާ އިމާރާތްތަކުގައި ބޭނުންކުރެވޭނެ އެވެ.
މި މަޝްރޫއުގެ މައިގަނޑު މަގުސަދަކީ ބޭރު ގައުމުތަކުން ތަކެތި އެތެރެކުރުމަށް ކުރާ ހޭދަ ކުޑަކުރުމެވެ. މީގެ އިތުރުން ތިމާވެށްޓަށް ލިބޭ ގެއްލުން ކުޑަކޮށް، ކާބަން ބޭރުކުރާ މިންވަރު މަދުކުރުމަކީވެސް މި ކަމުގެ މުހިންމު އަމާޒެކެވެ.
ފުރަތަމަ މަރުހަލާގައި އިސްޓީލާއި އެލްމިނިއަމް އަދި ސިމެންތިއަށް މި ޕާސްޕޯޓު ދޫކުރި ނަމަވެސް، ކުރިއަށް އޮތް ތަނުގައި އިމާރާތްކުރުމަށް ބޭނުންކުރާ ހުރިހާ ތަކެއްޗަކަށް މި ނިޒާމު ފުޅާކުރުމަށް ދުބާއީ މުނިސިޕަލިޓީން ރާވާފައިވާ ކަމަށް ހަބަރުތައް ބުނެއެވެ. މިއީ ދުނިޔޭގެ ނިސްބަތުގައިވެސް އިމާރާތްކުރުމުގެ ދާއިރާގެ ދެމެހެއްޓެނިވިކަން އިތުރުކުރުމަށް އެޅޭ މުހިންމު ފިޔަވަޅެކެވެ.
ކޮމެންޓް