ޕާކިސްތާނުގެ ޖަލުގައި ބަންދުކޮށްފައިވާ ކުރީގެ ބޮޑުވަޒީރު އިމްރާން ޚާނާއި އެމަނިކުފާނުގެ އަނބިކަނބަލުން ބުޝްރާ ބީބީއަށް ކުއްލި ބޭސްފަރުވާ ފޯރުކޮށްދިނުމަށް އެދިވަޑައިގެން އެ ގައުމުގެ ފަނޑިޔާރުންނަށް އިމްރާން ޚާން ސިޓީއެއް ފޮނުއްވައިފިއެވެ.
އިމްރާން ޚާންގެ ގާނޫނީ ވަކީލު ސަލްމާން ސަފްދަރު މީސްމީޑިއާގައި އާންމުކުރެއްވި މި ހުޅުވާލެވިފައިވާ ސިޓީގައި، އެމަނިކުފާނުގެ ސިއްހީ ހާލުކޮޅު ދަށްވަމުންދާތީ، ފުރާނައަށް ނުރައްކާވެފައިވާ ކަމަށް ވިދާޅުވެފައިވެއެވެ. މިއީ ސިއްހީ ހާލުކޮޅު ގޯސްވި ފަހުން އިމްރާން ޚާން ސުޕްރީމް ކޯޓަށާއި ފެޑެރަލް ކޮންސްޓިޓިއުޝަނަލް ކޯޓުގެ އުއްތަމަ ފަނޑިޔާރުންނަށް ފޮނުއްވި ފުރަތަމަ ސިޓީއެވެ.
އަދިއާލާ ޖަލުގައި ބަންދުކޮށްފައިވާ އުމުރުފުޅުން 74 އަހަރުގެ އިމްރާން ޚާން ވިދާޅުވީ، އެކަހެރިކޮށް ގިނަ ދުވަސްތަކެއް ވާންދެން ބެހެއްޓުމުގެ ސަބަބުން ލޭގެ ޕްރެޝަރު މަތިވެ، ސިކުނޑިއަށް ލޭ އޮހޮރުމުގެ ނުރައްކާ އޮތް ކަމަށް ޑޮކްޓަރުން އަންގަވާފައިވާ ކަމަށެވެ. މީގެ އިތުރުން، އެމަނިކުފާނުގެ އަނބިކަނބަލުން ބުޝްރާ ބީބީގެ ލޮލުގެ ފެނުން ގޯސްވަމުންދާތީ، އިތުރު ސާޖަރީއެއް ހެދުމުގެ ފުރުސަތު ދިނުމަށްވެސް އެދިވަޑައިގެންފައިވެއެވެ.
މީގެ ކުރިން ސުޕްރީމް ކޯޓުން އިމްރާން ޚާން ހޮސްޕިޓަލަށް ބަދަލުކުރުމަށް އަމުރުކޮށްފައިވީ ނަމަވެސް، ސަރުކާރުން އެ އަމުރަށް އަމަލުކޮށްފައި ނުވާކަމަށް ސިޓީގައި ފާހަގަކުރައްވާފައިވެއެވެ. ނަމަވެސް ޕާކިސްތާނު ސަރުކާރުން ވަނީ އިމްރާން ޚާނަށް ޖަލުގައި އެކަށީގެންވާ ސިއްހީ ފަރުވާ ލިބެމުންދާ ކަމަށް ބުނެ އެ ތުހުމަތުތައް ދޮގުކޮށްފައެވެ.
ޕާކިސްތާން
ޕާކިސްތާން
ޕާކިސްތާން
ޕާކިސްތާން
ކޮމެންޓް