މިއަދު މަޖިލީހަށް ހުށަހެޅި ރިއަލް އެސްޓޭޓްގެ ބިލުން ކޭޕާކް ފަދަ މަޝްރޫއުތަކުން ވެސް ރައްޔިތުން ސަލާމަތް ކޮށްދޭނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ވިދާޅުވީ، ރިއަލް އެސްޓޭޓް ބިލް ހުށަހަޅަނީ ނިޒާމީ ގޮތެއްގައި ރިއަލް އެސްޓޭޓްގެ ކަންކަން ކުރެވޭނެ ގޮތް މަގުފަހި ކުރުމަށް ކަމަށެވެ.

"ވަރަށް ގިނައިން ފެންނާނެ، ދިމާވެފައި ހުންނާނެ މީސް މީހުންގެ ގޯތި ހަދަން ބޭންކަށްވެސް ދެވޭނެ ފަދައެއް ނެތިގެން ކޮންމެވެސް މީހަކު ހަދައިދޭނަމޭ ބުނީމާ މިދެނީ ގޯތި ދިގު މުއްދަތަށް. އެތައް ބަޔަކަށް އޭގެ ލަނޑު ލިބިފައި އެބަހުރި. ދެރަ ލިބިފައި އެބަހުރި. ގޯތި ގެއްލިފައި އެބަހުރި. ބޮޑެތި ލޯނު ބޮލުގައި އަޅުވާފައި މަކަރު ހަދާފައި އެބަހުރި،" ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ، މިއަދު ހުށަހެޅި ރިއަލް އެސްޓޭޓް ބިލުން އެ ފަދަ ހުރިހާ މައްސަލައަކަށް ހައްލު ލިބޭނެ ކަމަށެވެ.

" މިފަދަ ހުރިހާ ކަމަކުން ރައްޔިތުން ސަލާމަތްކޮށްދޭ ބިލެއް މީ. އަޅުގަނޑުމެންނަށް މަޝްހޫރު ކޭ ޕާކު، ސީލައިފް މިކަހަލަ ކަންކަމުންވެސް ރައްޔިތުން ސަލާމަތްވާނެ މި ބިލުން،" ރައީސް ވިދާޅުވިއެވެ.

ރައީސް އިތުރަށް ވިދާޅުވީ، ރިއަލް އެސްޓޭޓް ބިލަކީ، ރިއަލް އެސްޓޭޓްގެ ވިޔަފާރި ފުޅާކުރުމަށް ވެސް މުހިންމު ބިލެއް ކަމަށެވެ.

މީގެ އިތުރުން ރިއަލް އެސްޓޭޓްގެ ތެރެއިން ދައުލަތަށް އާމްދަނީ ހޯދޭނެ ގޮތްތައްވެސް އެ ބިލްގައިވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.