ދައުލަތުގެ އާމްދަނީއަށް 496،300،302 (496 މިލިއަން) ރުފިޔާ އިތުރު ކުރެވޭގޮތަށް އާމްދަނީން ޓެކްސް ނެގުމުގެ ގާނޫނަށް އިސްލާހު ގެންނަން ހުށަހެޅި ބިލު ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފިއެވެ.

ސަރުކާރުގެ ފަރާތުން ވިލުފުށި ދާއިރާގެ ޕީއެންސީ މެންބަރު ހަސަން ވަހީދު މި ބިލު މަޖިލީހަށް ހުށަހެޅުއްވީ، މިދިޔަ އޮކްޓޯބަރު މަހުގެ 21 ގައެވެ. ހަމަ އެ ދުވަހު ބިލުގެ އިބްތިދާއީ ބަހުސް ނިންމައި ބިލު މަޖިލީހަށް ބަލައިގަތެވެ.

އެހެންކަމުން އެ ބިލު އިތުރަށް ދިރާސާކުރުމަށް މުޅި މަޖިލީހުގެ ކޮމިޓީއަށް ފޮނުވިކަން އެ ދުވަހުގެ ޖަލްސާގައި ރިޔާސަތުގައި އިންނެވި މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އިއުލާން ކުރެއްވިއެވެ.

ނަމަވެސް އެ ބިލު ދިރާސާކުރަން މިމަހުގެ ދެވަނަ ދުވަހު ބޭއްވި މުޅި މަޖިލީހުގެ ކޮމިޓީ ބައްދަލުވުމުގައި، އެ ބިލު ދިރާސާކުރަން މަޖިލީހުގެ އިގުތިސާދީ ކޮމިޓީއަށް ފޮނުވިއެވެ.

ބިލު އިގުތިސާދީ ކޮމިޓީން ދިރާސާ ކުރުމަށްފަހު، ބަދަލެއް ނުގެނެސް ސަރުކާރުން ފޮނުވިގޮތަށް ފާސްކޮށް މުޅި މަޖިލީހުގެ ކޮމިޓީއަށް ފޮނުވުމުން އެ ކޮމިޓީންވެސް ބިލަށް އެއްވެސް ބަދަލެއް ނުގެނެސް ބިލު ފާސްކުރަން މަޖިލިސް ތަޅުމަށް އިއްޔެ ފޮނުވިއެވެ.

އެހެންކަމުން މަޖިލީހުގެ މިއަދުގެ ޖަލްސާއިން ބިލް ފާސްކުރީ، އެވަގުތު ޖަލްސާގައި ތިއްބެވި، 67 މެންބަރުންގެ ތެެރެއިން 65 މެންބަރުން ވޯޓު ދެއްވައިގެންނެވެ.

މި ބިލުގެ ބޭނުމަކީ ޓެކްސް ބިނާކުރެވޭ އާމްދަނީ ހިސާބު ކުރުމުގައި ޓެކްސް ދައްކާ ފަރާތުން ދައްކަން ޖެހޭ އިންޓްރެސްޓް އުނިކުރުމުގެ މިންގަނޑުތަކާއި އުސޫލުތައް މުރާޖައާ ކުރުމަށް އާމްދަނީން ޓެކްސް ނެގުމުގެ ގާނޫނަށް ގެންނަން ޖެހޭ އިސްލާހުތައް ގެނައުމެވެ.

ބިލުގައި ބުނެފައިވަނީ އިންޓަރެސްޓް ކެޕޭސިޓީގެ ގޮތުގައި ބަލާނީ، ޓެކްސް ހިސާބުކުރާ މުއްދަތުގައި އެ ފަރާތުގެ ޓެކްސް-އެބިޓްޑާގެ 25 ޕަސެންޓް ކަމަށެވެ. މިހާރު އަމަލުކުރަމުންދާ އާމްދަނީން ޓެކްސް ނެގުމާ ބެހޭ ގާނޫނުގައި ހިމެނޭ ބައެއް ބައިތައް އުނިކުރުމަށް ވެސް ބިލުގައި ހިމަނާފައިވެއެވެ.

މި ބިލު ތަންފީޒު ކުރަން ފެށުމުން ދައުލަތުގެ އާމްދަނީ އިތުރުވާނެ ކަމަށް ލަފާކޮށްފައިވާ އިރު، ބިލު ތަންފީޒު ކުރުމަށް ހުށަހަޅާފައިވަނީ އަންނަ ޖެނުއަރީ މަހުގެ އެއްވަނަ ދުވަހުން ފެށިގެންނެވެ. މި ބަދަލާއެކު އާމްދަނީން ނަގާ ޓެކްސްގެ ގޮތުގައި 496،300،302 ރުފިޔާ ލިބޭނެ ކަމަށް ބިލުގައި އަންދާޒާ ކޮށްފައިވެއެވެ.