ޑިމޮކްރެޓިކް ރިޕަބްލިކް އޮފް ކޮންގޯ (ޑީއާރްސީ) ގައި ފެތުރެމުންދާ އެބޯލާ ރޯގާއާ ގުޅުންހުރި ކޭހެއް ފްރާންސުން ފުރަތަމަ ފަހަރަށް ފެނިއްޖެއެވެ.
ފްރާންސްގެ ހެލްތު މިނިސްޓްރީން ބުނި ގޮތުގައި، މި ބަލި ޖެހިފައިވަނީ ކޮންގޯގައި އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތުގައި އުޅުމަށްފަހު އެނބުރި ގައުމަށް ދިޔަ ޑޮކްޓަރަކަށެވެ. އޭނާ މިހާރު ވަނީ ހާއްސަ ފަރުވާދޭ މަރުކަޒަކަށް ބަދަލުކޮށް، އެކަހެރިކޮށްފައެވެ. އަދި އޭނާގެ ހާލު ރަނގަޅު ކަމަށް އެ މިނިސްޓްރީން ވަނީ ބުނެފައެވެ.
ފްރާންސަށް އެތެރެވި ޑޮކްޓަރުގެ ފަރާތުން ބަލީގެ އަލާމާތްތައް ފެނިފައިވަނީ ވަރަށް ކުޑަކޮށް ކަމަށާއި، އޭނާގެ ކިބައިން ފެނުނީ ހަމައެކަނި ބޮލުގައި ރިއްސުމުގެ އަލާމާތް ކަމަށް މީޑިއާ ރިޕޯޓުތައް ބުނެއެވެ.
ބަލި ފެތުރުން ކޮންޓްރޯލް ކުރުމުގެ ގޮތުން، އެ ޑޮކްޓަރާ ކޮންޓެކްޓު ވި މީހުން ހޯދުމުގެ މަސައްކަތް ފަށާފައިވާ ކަމަށާއި، އެ މީހުން 21 ދުވަސް ވާންދެން ގޭގައި އެކަހެރިވާން ޖެހޭނެ ކަމަށް ފްރާންސްގެ ސިއްހީ އިދާރާތަކުން ބުނެފައިވެއެވެ. ފްރާންސްގެ ހެލްތު މިނިސްޓްރީން ބުނި ގޮތުގައި، ޔޫރަޕުގެ އާންމުންނަށް މި ބަލީގެ ނުރައްކާ އޮތް މިންވަރު ވަރަށް ކުޑައެވެ.
ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އިން ވަނީ ކޮންގޯގައި ފެތުރެމުންދާ އެބޯލާ ރޯގާއަކީ ބައިނަލްއަގުވާމީ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތެއްގެ ގޮތުގައި މިދިޔަ މެއި މަހު ކަނޑައަޅައިފައެވެ.
މިހާތަނަށް ކޮންގޯއިން 1،000 އަށްވުރެ ގިނަ މީހުންނަށް މި ބަލި ޖެހި، 260 އަށްވުރެ ގިނަ މީހުން ވަނީ މަރުވެފައެވެ.
މިހާރު ފެތުރެމުންދާ އެބޯލާ ރޯގާގެ ސަބަބަކީ "ބަންޑިބުގްޔޯ" ވައިރަސް ކަމަށްވާއިރު، މިއީ މިހާތަނަށް ވެކްސިނެއް ނުވަތަ ފަރުވާއެއް ހޯދިފައިނުވާ ވައިރަހެއް ކަމަށް ސިއްހީ މާހިރުން ފާހަގަކުރެއެވެ.
މި ބަލި ފެތުރުން ހުއްޓުވުމަށް ބައިނަލްއަގުވާމީ ފެންވަރުގައި މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށާއި، ބަލި ކޮންޓްރޯލް ކުރުމަށް އިތުރު ފިޔަވަޅުތައް އަޅަން ޖެހޭ ކަމަށްވެސް ޑަބްލިއުއެޗްއޯއިން ވަނީ ބުނެފައެވެ.
އެބޯލާ
އެބޯލާ
ކޮމެންޓް