އެމެރިކާގެ މިޑްޓާމް އިންތިހާބުގެ ނަތީޖާ ގަބޫލުކުރައްވާ ކަމަށާއި، ރިޕަބްލިކަން ޕާޓީއަށް ކުރިމަތިވި ނާކާމިޔާބީގައި އީރާނާ ދެކޮޅަށް ކުރާ ހަނގުރާމައިގެ ދައުރެއް އޮތް ކަމަށް އެ ގައުމުގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެއެވެ.
އަންގާރަ ދުވަހުގެ ރޭ ނިއުޔޯކް ޓައިމްސްއަށް ދެއްވި އިންޓަވިއުއެއްގައި ޓްރަމްޕް ވިދާޅުވީ، އިންތިހާބުގެ ނަތީޖާ ފުރިހަމައަށް ގަބޫލުކުރައްވަން ތައްޔާރަށް ހުންނެވި ކަމަށާއި، ކޮންގްރެސްގެ ކޮންޓްރޯލް ހޯދި ވާދަވެރި ޑިމޮކްރެޓިކް ޕާޓީއާ އެކު މަސައްކަތްކުރައްވާނެ ކަމަށެވެ. އަދި 2020 ވަނަ އަހަރުގެ ރިޔާސީ އިންތިހާބާ ހިލާފަށް މި ފަހަރުގެ ވޯޓުގެ ނަތީޖާ ގަބޫލުކުރައްވާކަން ތަކުރާރުކުރައްވައި، އިއްޔެ ނޫސްވެރިންނާ ވާހަކަދައްކަވަމުން ޓްރަމްޕް ވަނީ ޑިމޮކްރެޓުންނާ އެކު ގުޅިގެން މަސައްކަތްކުރެއްވިދާނެ ކަމަށް ވިދާޅުވެ، އެހެން ނަމަވެސް ވީޓޯކުރުމުގެ ބާރު އަދިވެސް އޮތްކަން ހަނދާންކޮށްދެއްވާފައެވެ.
މި އިންތިހާބުގައި ރިޕަބްލިކަން ޕާޓީއަށް ލިބުނު ބޮޑު ނާކާމިޔާބީއާ ގުޅޭ ގޮތުން އަންގާރަ ދުވަހުގެ ރޭ ފޮކްސް ނިއުސްގެ ބްރެޓް ބެއާއަށް ދެއްވި ފޯނު އިންޓަވިއުއެއްގައި ޓްރަމްޕް ވިދާޅުވީ، ޕާޓީ ބަލިވުމުގެ އެއް ސަބަބަކީ އީރާނުގެ މައްސަލަ ކަމަށެވެ. ނަމަވެސް އީރާނާ މެދު އެޅުއްވި ފިޔަވަޅުތަކުގެ މުހިންމުކަން އާންމުންނަށް އެނގޭނެ ކަމަށް ވެސް ވިދާޅުވިއެވެ.
މީގެ އިތުރުން، ބޯލްރޫމް އިމާރާތްކުރުމާ ގުޅޭ ހަރަކާތެއްގައި އިއްޔެ ނޫސްވެރިންނާ ވާހަކަދައްކަވަމުން ޓްރަމްޕް ވިދާޅުވި ގޮތުގައި، ހަނގުރާމައިގެ ސަބަބުން ކުރު މުއްދަތަކަށް ތެލުގެ އަގު އުފުލިގެންދިއުމަކީ އިންތިހާބުން ބަލިވުމުގެ ސަބަބެއް ކަމަށް ބުނާ ބުނުމަކީ ވެސް ތެދެކެވެ. އެހެން ނަމަވެސް، ތެހެރާނުން ނިއުކްލިއާ ހަތިޔާރެއް އުފެއްދުން ހުއްޓުވުމަށް އެ ހަނގުރާމަ ކުރަންޖެހުނު ކަމަށާއި، އެކަމުގައި ތަފާތު ގޮތަކަށް އެއްވެސް ކަމެއް ނުކުރައްވާނެ ކަމަށް ވެސް ޓްރަމްޕް ވިދާޅުވިއެވެ.
ޑޮނަލްޑް ޓޮރަމްޕް
ޑޮނަލްޑް ޓޮރަމްޕް
ޑޮނަލްޑް ޓޮރަމްޕް
ޑޮނަލްޑް ޓޮރަމްޕް
ކޮމެންޓް