މި އަހަރު ނިމުމުން އިސްރާއީލަށް އެމެރިކާއިން ދޭ 4 ބިލިއަން ޑޮލަރުގެ އަހަރީ އެހީ ދިނުން ހުއްޓާލާނެ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އިއްޔެ ވިދާޅުވެއްޖެއެވެ.

އެމެރިކާގެ މިޑްޓާމް އިންތިހާބުގެ ވޯޓުލުން ފެށުނު ފަހުން ފޮކްސް ނިއުސްގެ ”ފޮކްސް އެންޑް ފްރެންޑްސް“ ޕްރޮގްރާމަށް ފޯނުން ދެއްވި އިންޓަވިއުއެއްގައި ޓްރަމްޕް ވިދާޅުވީ، އިސްރާއީލަށް އަހަރަކު 4 ބިލިއަން ޑޮލަރު ދޭން އޮތް ނަމަވެސް، މި އަހަރުގެ ނިޔަލަށް އެ ފައިސާ ދިނުން ހުއްޓާލުމަށް އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫއާ އެކު މީގެ މަސްތަކެއް ކުރިން އެއްބަސްވެވަޑައިގެންފައިވާ ކަމަށެވެ.

މީގެ އިތުރުން، މި ބަދަލާ މެދު އިސްރާއީލުން ރުހޭ ކަމަށާއި، އެ ގައުމަށް މިހާރު އެމެރިކާގެ މާލީ އެހީތެރިކަން ބޭނުން ނުވާ ކަމަށް ޓްރަމްޕް ފާހަގަކުރެއްވިއެވެ. ނަމަވެސް އިސްރާއީލަށް އެހީތެރިކަމެއް ބޭނުންވެއްޖެ ހާލަތެއްގައި އެމެރިކާއިން އެހީތެރިވާނެ ކަމަށް ވެސް ވިދާޅުވިއެވެ. ހަމައެއާއެކު، އިސްރާއީލަށް ދޭ އަސްކަރީ އަދި މާލީ އެހީއަކީ ރިޕަބްލިކަން ޕާޓީއަށް ފާޑުކިޔުމަށް ޑިމޮކްރެޓިކް ޕާޓީގެ ބައެއް ސިޔާސީ ފަރާތްތަކުން ބޭނުންކުރާ ކަމެއް ކަމަށް ވެސް ޓްރަމްޕް ވިދާޅުވިއެވެ.

ބީބީސީން ރިޕޯޓުކޮށްފައިވާ ގޮތުގައި، ޓްރަމްޕް އެ އިޝާރާތްކުރެއްވީ ކޮން ފައިސާއަކަށް ކަން ސާފުވެފައެއް ނުވެއެވެ.

އެ ނޫހުން ބުނި ގޮތުގައި، އިސްރާއީލަށް އަސްކަރީ އެހީގެ ގޮތުގައި އަހަރަކު 3.8 ބިލިއަން ޑޮލަރު ފޯރުކޮށްދިނުމަށް މިހާރު ހަދާފައިވާ ފަހުމުނާމާގެ މުއްދަތު ހަމަވަނީ 2028 ވަނަ އަހަރުގެ ނިޔަލަށެވެ. ޓްރަމްޕްގެ މި ވާހަކަތަކާ ގުޅިގެން އިސްރާއީލުގެ ބޮޑުވަޒީރު ނަތަންޔާހޫގެ އޮފީހުން އަދި އެއްޗެއް ބުނެފައެއް ނުވެއެވެ.