ގައުމުގެ މުޅި މާލިއްޔަތަށް ހެޔޮ އަސަރުކުރާނެ ފަދަ އިންގިލާބީ ބަދަލުތަކަކާ ކުރިމަތިލާންޖެހޭ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ޖުމްހޫރީ މައިދާނުގައި މިރޭ ބޭއްވި ނަސްރުގެ ދުވަހުގެ ރަސްމީ ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ، އެ ބަދަލުތަކާ ކުރިމަތިލާންޖެހެނީ ދިވެހިރާއްޖޭގެ ގައުމިއްޔަތާއި މިނިވަންކަމާއި ސިޔާދަތުގެ ރަތް ރޮނގަށް ކުޑަވެސް ހީނަރުކަމެއް ނާންނާނެކަން ކަށަވަރުވާނެ ގޮތަށް ކަމަށެވެ. އަދި އޭގެ ސަބަބުން އެތެރޭގެ ތަރައްގީއަށް ދައުލަތުގައި ފުދުންތެރިކަން ގާއިމުވެ، ބޭރު ދުނިޔެއާ މުއާމަލާތްކުރުމުގައި ދައުލަތުގެ އިގުތިސާދީ މައިކަށި ހަރުދަނާވެގެންދާނެ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.
ރައްޔިތުންނަށް ފުދުންތެރި އަދި އުފާވެރި ދިރިއުޅުމެއް ހޯދައިދިނުމުގެ އެންމެ އަސާސީ ބިންގަލަކީ ގައުމުގެ އިގުތިސާދީ މިނިވަންކަން ގާއިމުވެފައި އޮތުން ކަމަށް ރައީސް ފާހަގަކުރެއްވިއެވެ. އެ މަނިކުފާނު ވިދާޅުވި ގޮތުގައި، ވަކި ފަރުދަކަށް ވިޔަސް އަދި ގައުމަކަށް ވިޔަސް، އެހެން ފަރާތްތަކުގެ ނުފޫޒުން ސަލާމަތްވެ މިނިވަންކަމާއެކު އަމިއްލަ ބަސް ބުނެވޭނީ ފުދުންތެރިކަން އޮވެގެންނެވެ. އެ ނޫން ނަމަ އަބަދުވެސް އޮންނަންޖެހޭނީ ދަރަނި ދޭ ފަރާތުގެ ކިޔަމަނުގައި، އެ ފަރާތުން އަންގާ އެންގުމަށް ރުހޭ ނުރުހޭ ގޮތެއްގެ މަޖުބޫރީއާއި ހާސްކަމުގެ ތެރޭގައި ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ. އެހެންކަމުން، ހަތިޔާރުގެ އަޅުވެތިކަމުން ގައުމު މިނިވަންކުރި ފަދައިން، ދަރަނީގެ އަޅުވެތިކަމުން ވެސް ރާއްޖެ މިނިވަންކޮށް، ސަލާންޖަހަން ނުޖެހޭ އިގުތިސާދަކަށް ފުރާނައަޅަންޖެހޭ ކަމަށް ރައީސް ވިދާޅުވިއެވެ.
ނޮވެމްބަރު 17، 2023 ގައި ރައްޔިތުންނާ އެންމެ ފުރަތަމަ މުހާތަބުކުރެއްވިއިރު ވެސް، ފުން އަނދަވަޅެއްގައި އޮތް އިގުތިސާދު އަލުން ކޮޅަށް ޖަހައި ދަރަނީގެ ދަންތުރަތަކުން ދައުލަތް ސަލާމަތްކޮށްދެއްވާނެ ކަމަށް ދެންނެވިކަން ރައީސް ހަނދާންކޮށްދެއްވިއެވެ. އެ ސިޔާސަތުތަކުގެ ދަށުން ކުރެވުނު މަސައްކަތްތަކުން، ރާއްޖެ ބަނގުރޫޓުވާނެ ކަމަށް އެކި ފަރާތްތަކުން ދެމުން އައި އިންޒާރުތަކުން ގައުމު ސަލާމަތްކުރެވިފައިވާ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ. މީގެ އިތުރުން، ޒިންމާދާރުކަމެއް ނެތި ދަރަނި ނަގައި ފައިސާ ޗާޕުކުރަމުންދިޔަ ސަގާފަތް ނިމުމަކަށް ގެނެސް، ނަގާފައި ހުރި ދަރަނިތައް ދައްކައި ހަލާސްކުރަމުންދާ ކަމަށާއި، އޭގެ ސަބަބުން ބޭރުގެ އިންވެސްޓަރުންގެ އިތުބާރު ދުވަހެއް ދުވަހަކަށް އިތުރުވަމުންދާ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.
ގައުމީ މިނިވަންކަމާއި އިސްތިގުލާލު ހިމާޔަތްކުރުމަށް އެޅުއްވި ފިޔަވަޅުތަކަށް އަލިއަޅުއްވާލައްވަމުން ރައީސް ވިދާޅުވީ، ރާއްޖޭގެ މަސްލަހަތު ކުރިއަށް ނެރޭ ހާރިޖީ ސިޔާސަތެއް ގާއިމުކޮށް، ގައުމުގައި ތިބި ބޭރުގެ ސިފައިން މިހާރު ފޮނުވާލެވިފައިވާ ކަމަށެވެ. އަދި ރާއްޖޭގެ ސިޔާދަތީ ބާރުގެ ދަށުގައި އޮތް ކަނޑުގެ ބޮޑު ސަރަހައްދެއް ދޫކޮށްލުމަށް ފޮނުވި ސިޓީ އަނބުރާ ގެނެސް، އެ ސަރަހައްދާ ގުޅޭގޮތުން ބައިނަލްއަގުވާމީ މައިދާނުގައި ކުރަންޖެހޭ މަސައްކަތްތައް ފަށައި، އަސްކަރީ ގޮތުން ގައުމީ ދިފާއީ ބާރު (އެމްއެންޑީއެފް) ގެ ގާބިލުކަން އިތުރުކުރަމުންދާ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.
ހަމައެއާއެކު، ދިވެހި ވަތަނީ ހިދުމަތުގެ ދަށުން 1،000 އަށްވުރެ ގިނަ ޒުވާނުން މިހާރު ވެސް ދަސްވެނިވެ ވަޒީފާގެ މައިދާނަށް ނުކުންނަމުންދާކަން ފާހަގަކުރައްވައި، ރާއްޖޭގެ އިސްލާމްވަންތަކަމާއި ފުރިހަމަ މިނިވަންކަމަށް ކުޑަވެސް އުނިކަމެއް އަންނާނެ އެއްވެސް ކަމެއް ނުކުރައްވާނެ ކަމުގެ ޔަގީންކަން ރައީސް ދެއްވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ކޮމެންޓް