ސަރުކާރުން އަޅާ ކޮންމެ ފިޔަވަޅެއް އަދި ނިންމާ ކޮންމެ ނިންމުމެއް ވެސް ނިންމާނީ ދިވެހި ގައުމީ ބަހާތަކަށް ފުރިހަމަ ހިމާޔަތާއި ރައްކާތެރިކަން ކަށަވަރުކޮށްދިނުމަށް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ޖުމްހޫރީ މައިދާނުގައި މިރޭ ބޭއްވި ނަސްރުގެ ދުވަހުގެ ރަސްމީ ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ، ދިވެހިރާއްޖޭގެ ސައްތައިން ސައްތަ އިސްލާމްވަންތަކަމާއި، ފުރިހަމަ މިނިވަންކަމާއި، އަމިއްލަވަންތަކަން ފަދަ ގައުމީ އެއްވެސް ރުކުނަކަށް ކުޑަވެސް އުނިކަމެއް އަންނާނެ ގޮތަކަށް އެއްވެސް ކަމެއް ނުކުރައްވާނެ ކަމަށެވެ.
ރައީސްގެ ވާހަކަފުޅުގައި، ރައްޔިތުންނަށް ފުދުންތެރި އަދި އުފާވެރި ދިރިއުޅުމެއް ހޯދައިދިނުމުގެ އެންމެ އަސާސީ ބިންގަލަކީ ގައުމުގެ އިގުތިސާދީ މިނިވަންކަން ގާއިމުވެފައި އޮތުން ކަމަށް ފާހަގަކުރެއްވިއެވެ. އެ މަނިކުފާނު ވިދާޅުވި ގޮތުގައި، އަމިއްލަ ބަސް ބުނެ، އަމިއްލަ ދީނާއި ގޮތްތައް ރައްކާތެރިކުރެވެނީ ސަލާންޖަހަން ނުޖެހޭ އިގުތިސާދަކަށް ފުރާނަ އެޅިގެންނެވެ. އެހެން ނޫން ނަމަ، އަބަދުވެސް ހުންނަން ޖެހޭނީ ދަރަނި ދޭ ފަރާތުގެ ކިޔަމަނުގައި އަދި މަޖުބޫރީގެ ތެރޭގައި ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.
ހަތިޔާރުގެ އަޅުވެތިކަމުން ގައުމު މިނިވަންކުރި ފަދައިން، ދަރަނީގެ އަޅުވެތިކަމުން ވެސް ގައުމު މިނިވަންކުރަންޖެހޭ ކަމަށާއި، ގައުމިއްޔަތާއި ސިޔާދަތުގެ ރަތް ރޮނގަށް ހީނަރުކަމެއް ނާންނާނެ ގޮތަށް މުޅި މާލިއްޔަތަށް ހެޔޮ އަސަރުކުރާނެ އިންގިލާބީ ބަދަލުތަކަކާ ކުރިމަތިލާންޖެހޭ ކަމަށް ރައީސް ވިދާޅުވިއެވެ.
މީގެ އިތުރުން، ދިވެހިރާއްޖެ ބަނގުރޫޓުވާނެ ކަމަށް އެކި ފަރާތްތަކުން ދެމުން އައި އިންޒާރުތަކުން ގައުމު ސަލާމަތްކުރައްވާފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ. ޒިންމާދާރުކަމެއް ނެތި ދަރަނި ނަގައި ފައިސާ ޗާޕުކުރަމުން ދިޔަ ސަގާފަތް ނިމުމަކަށް ގެނެސް، ނަގާފައި ހުރި ދަރަނިތައް ދައްކައި ހަލާސްކުރަމުންދާ ކަމަށާއި، އޭގެ ސަބަބުން ބޭރުގެ އިންވެސްޓަރުންގެ އިތުބާރު އިތުރުވަމުންދާ ކަމަށް ވެސް އެ މަނިކުފާނު ފާހަގަކުރެއްވިއެވެ.
ގައުމީ ސިޔާދަތު ހިމާޔަތްކުރުމަށް ކުރެވުނު މަސައްކަތްތަކަށް އަލިއަޅުއްވާލައްވަމުން ރައީސް ވިދާޅުވީ، ދިވެހިރާއްޖޭގެ މަސްލަހަތު ކުރިއަށް ނެރޭ ހާރިޖީ ސިޔާސަތެއް ގާއިމުކޮށް، ރާއްޖޭގައި ތިބި ބޭރުގެ ސިފައިން ފޮނުވާލެވިފައިވާ ކަމަށެވެ. އަދި ރާއްޖޭގެ ސިޔާދަތީ ބާރުގެ ތެރޭގައި އޮތް ކަނޑުގެ ސަރަހައްދެއް ދޫކޮށްލުމަށް ފޮނުވި ސިޓީ އަނބުރާ ގެނެސް، އެ ސަރަހައްދާ ގުޅޭގޮތުން ބައިނަލްއަގުވާމީ މައިދާނުގައި ކުރަންޖެހޭ މަސައްކަތްތައް ފަށާފައިވާ ކަމަށް ވިދާޅުވިއެވެ. ހަމައެއާއެކު، އަސްކަރީ ގޮތުން ގައުމީ ދިފާއީ ބާރުގެ ގާބިލުކަން ހުރިހާ ގޮތަކުން އިތުރުކުރަމުންދާ ކަމަށާއި، ދިވެހި ވަތަނީ ހިދުމަތުގެ ދަށުން 1،000 އަށްވުރެ ގިނަ ޒުވާނުން މިހާރު ވެސް ދަސްވެނިވެ، ވަޒީފާގެ މައިދާނަށް ނުކުންނަމުންދާ ކަމަށް ރައީސް ވިދާޅުވިއެވެ.
ނޮވެމްބަރު 17، 2023 ގައި ރައީސްކަމުގެ ހުވާކުރެއްވުމަށްފަހު ރައްޔިތުންނާ އެންމެ ފުރަތަމަ މުހާތަބުކުރެއްވީ ވެސް ހަމަ އެ ތާރީހީ ބިމުގައި ހުންނަވައިގެންކަން ފާހަގަކުރައްވައި، އެ ދުވަހު ވެސް އިގުތިސާދު ކޮޅަށް ޖަހައި، މާނަވީ އަދި މާއްދީ ތަރައްގީއަށް އެއްވަރަކަށް އިސްކަންދެއްވާނެކަން ބަޔާންކުރެއްވި ކަމަށް ވިދާޅުވިއެވެ. ނަސްރުގެ ދުވަހުގެ ހާދިސާއަށް ގާތްގަނޑަކަށް 40 އަހަރު ފުރެން ކައިރިވެފައިވާ އިރު، ތާރީހުން ފިލާވަޅު ލިބިގަނެ، ސިޔާސީ ޖަޒުބާތާއި، ޒާތީ އަރާރުންތަކާއި، ވެރިކަމުގެ ދަހިވެތިކަމުގެ ކުރިއަށް ގައުމީ އިހުލާސްތެރިކަމާއި ސަލާމަތް ނެރެންޖެހޭ ކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ކޮމެންޓް