ދަރަނީގެ އަޅުވެތިކަމުގައި ފަނާވާން ނުތިބެ، ފުދުންތެރިކަމުގެ ފާގަތި ފަތިހަކަށް މަރުހަބާ ކިޔަންޖެހޭ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ ޖުމްހޫރީ މައިދާނުގައި މިރޭ ބޭއްވި ނަސްރުގެ ދުވަހުގެ ރަސްމީ ޖަލްސާގައި ވާހަކަފުޅުދައްކަވަމުންނެވެ. ހަތިޔާރުގެ އަޅުވެތިކަމުން ގައުމު މިނިވަންކުރި ފަދައިން، ދަރަނީގެ އަޅުވެތިކަމުން ވެސް ދިވެހި ގައުމު މިނިވަންކުރަންޖެހޭ ކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވި ގޮތުގައި، ރައްޔިތުންނަށް ފުދުންތެރި އަދި އުފާވެރި ދިރިއުޅުމެއް ހޯދައިދިނުމުގެ އެންމެ އަސާސީ ބިންގަލަކީ ގައުމުގައި އިގުތިސާދީ މިނިވަންކަން ގާއިމުވެފައި އޮތުމެވެ. ގައުމެއްގެ އަމިއްލަ ބަސް ބުނެ، އަމިއްލަ ދީނާއި ގޮތްތައް ރައްކާތެރިކުރެވެނީ ސަލާންޖަހަން ނުޖެހޭ އިގުތިސާދެއް އޮވެގެން ކަމަށާއި، އެހެން ނޫން ނަމަ އަބަދުވެސް އޮންނަންޖެހޭނީ ދަރަނި ދޭ ފަރާތުގެ ކިޔަމަނުގައި އަދި އެ ފަރާތުން އަންގާ އެންގުންތަކަށް ރުހޭ ނުރުހޭ ގޮތެއްގެ މަޖުބޫރީ ހާލަތުގައި ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން، ރާއްޖެ ބަނގުރޫޓުވާނެ ކަމަށް އެކި ފަރާތްތަކުން ދެމުން އައި އިންޒާރުތަކުން ގައުމު ސަލާމަތްކޮށް، ފައިސާ ޗާޕުކުރުމުގެ ސަގާފަތް ނިމުމަކަށް ގެނެސް، ނަގާފައި ހުރި ދަރަނިތައް ދައްކައި ހަލާސްކުރަމުންދާ ކަމަށް ވެސް ވިދާޅުވިއެވެ. އަދި އޭގެ ސަބަބުން ބޭރުގެ އިންވެސްޓަރުންގެ އިތުބާރު ރާއްޖެއާ މެދު އިތުރުވަމުންދާ ކަމަށް ރައީސް ވިދާޅުވިއެވެ.
ގައުމުގެ މިނިވަންކަމާއި ސިޔާދަތު ދެމެހެއްޓުމަށް ކުރެވޭ މަސައްކަތްތަކަށް އަލިއަޅުއްވާލައްވަމުން ރައީސް ވިދާޅުވީ، ރާއްޖޭގެ މަސްލަހަތު ކުރިއަށް ނެރޭ ހާރިޖީ ސިޔާސަތެއް ގާއިމުކޮށް، ރާއްޖޭގައި ތިބި ބޭރުގެ ސިފައިން ފޮނުވާލެވިފައިވާ ކަމަށެވެ. އަދި ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ބައެއް ދޫކޮށްލުމަށް ފޮނުވި ސިޓީ އަނބުރާ ގެނެސް، އެ ސަރަހައްދު ހޯދުމަށް ބައިނަލްއަގުވާމީ މައިދާނުގައި ކުރަންޖެހޭ މަސައްކަތްތައް ފަށާފައިވާ ކަމަށާއި، ގައުމީ ދިފާއީ ބާރުގެ އަސްކަރީ ގާބިލުކަން އިތުރުކުރަމުންދާ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ. ހަމައެއާއެކު، ގައުމީ ވިސްނުމުގެ ޒުވާނުން ބިނާކުރުމަށް ފެށި ދިވެހި ވަތަނީ ހިދުމަތުން 1،000 އަށްވުރެ ގިނަ ޒުވާނުން މިހާރު ދަސްވެނިވެ، ވަޒީފާގެ މައިދާނަށް ނުކުންނަމުންދާ ކަމަށް ރައީސް ފާހަގަކުރެއްވިއެވެ.
ނަސްރުގެ ދުވަހުގެ ހާދިސާއަށް ގާތްގަނޑަކަށް 40 އަހަރު ފުރެން ކައިރިވެފައިވާކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ، ތާރީހުން ފިލާވަޅު ލިބިގަނެ، ސިޔާސީ ޖަޒުބާތާއި ޒާތީ އަރާރުންތަކުގެ ކުރިއަށް ގައުމީ އިހުލާސްތެރިކަމާއި ގައުމީ ސަލާމަތް ނެރެންޖެހޭ ކަމަށެވެ. އަދި ތައައްސުބާއި ފިތުނަ ފަސާދައިގެ އަލިފާން ގައުމީ މަސްލަހަތުގެ ކުރިމަތީގައި ނިއްވާލައި، ގައުމުގެ މާލިއްޔަތަށް ހެޔޮ އަސަރުކުރާނެ އިންގިލާބީ ބަދަލުތަކަކާ ކުރިމަތިލާންޖެހޭ ކަމަށް ވެސް ވިދާޅުވިއެވެ.
ރާއްޖޭގެ ސައްތައިން ސައްތަ އިސްލާމްވަންތަކަމާއި، ފުރިހަމަ މިނިވަންކަމާއި، އަމިއްލަވަންތަކަމަށް ކުޑަވެސް އުނިކަމެއް އަންނާނެ އެއްވެސް ކަމެއް ނުކުރައްވާނެ ކަމުގެ ޔަގީންކަން ރައްޔިތުންނަށް ދެއްވަމުން ރައީސް ވިދާޅުވީ، ސަރުކާރުން އަޅާ ކޮންމެ ފިޔަވަޅެއް އަޅާނީ ގައުމީ ބަހާތަކަށް ފުރިހަމަ ހިމާޔަތާއި ރައްކާތެރިކަން ކަށަވަރުކޮށްދިނުމަށް ކަމަށެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ކޮމެންޓް