ރާއްޖޭގެ މިނިވަންކަމަށް ބުރޫއެރި ތާރީހީ ހަމަލާތަކުގެ ހަނދާން ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު އާކޮށްދެއްވައިފިއެވެ.
ޖުމްހޫރީ މައިދާނުގައި މިރޭ ބޭއްވި ނަސްރުގެ ދުވަހުގެ ރަސްމީ ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވި ގޮތުގައި، ތާރީހަކީ މުސްތަގުބަލުގެ މޫނުބަލާ ލޯގަނޑު ކަމަށްވާ އިރު، ރާއްޖޭގެ މިނިވަންކަމަށް ބުރޫއެރި ހާދިސާތަކުންނާއި ކާބަފައިންނަށް ނަސްރު ލިބުނު ގޮތުން މުހިންމު ފިލާވަޅުތަކެއް ލިބެއެވެ.
މީލާދީން 16 ވަނަ ގަރުނުން ފެށިގެން ޕޯޗުގީޒުން ރާއްޖެއަށް ދެމުންދިޔަ ހަމަލާތަކަށް އިޝާރާތްކުރައްވައި ރައީސް ވިދާޅުވީ، އޭރު ހިނގި ނުރައްކާތެރި ހަނގުރާމައެއްގައި ޕޯޗުގީޒުންގެ ގުރާބުތައް އަތުރާލާފައި އޮތީ ޖުމްހޫރީ މައިދާނު ސަރަހައްދުގެ ބޭރުމަތީގައި ކަމަށެވެ. އަދި އިސްލާމީ މަރުކަޒު ކައިރީގައި އޮންނަ ސަލްޓަން ޕާކް ހުރި ބިމަކީ އޭރު ރަސްކަމުގެ ރަސްމީ ބޮޑުގަނޑުވަރު ހުރި ތަން ކަމަށާއި، އެންމެ ވަރުގަދަ ހަމަލާތައް ބަދަލުކުރެވުނީ އެ ދެމެދުގައި ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ރައީސް ވިދާޅުވި ގޮތުގައި، ޕޯޗުގީޒުން ރާއްޖެއަށް އެފަދަ ބޮޑު ގެއްލުމެއް ދިނުމަށް މަގުފަހިވީ، ކުރިން ރަސްކަމުގައި ހުންނެވި ރަސްގެފާނު އަލުން ވެރިކަމަށް ވަޑައިގަތުމުގެ ބޭނުންފުޅުގައި ބަޔަކު ފޮނުއްވައިގެން ދިވެހިންގެ އިސްތިގުލާލާއި ދާހިލީ ހަމަޖެހުން ނަގާލުމުންނެވެ.
މީގެ އިތުރުން، 1753 ވަނަ އަހަރު މަލާބާރީން ދިން ހަމަލާގައި 800 އަހަރުވީ ރަސްމީ ބޮޑުގަނޑުވަރާއި، އެތައް މިސްކިތްތަކަކާއި، އާންމުންގެ ގެދޮރު އަންދާލައި، ރަސްގެފާނު ހައްޔަރުކޮށް އެތައް ރައްޔިތުންނެއް މަރާލިކަން ރައީސް ފާހަގަކުރެއްވިއެވެ. އަދި 800 އަހަރު ވަންދެން ރައްކާކޮށްފައި ހުރި ދައުލަތުގެ އަރުޝީފާއި ލިޔެކިޔުންތައް އެ ހާދިސާގައި އަނދައިގެން ދިޔަ ކަމަށާއި، އެ ހަނގުރާމަ ވެސް އުފަންކުރުވީ ވެރިކަމުގެ ދަހިވެތިކަމުގައި ދިވެހިންގެ ބަޔަކު އަޑީގައި ތިބެގެން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ހަމަ އެހެންމެ، މަޝްހޫރު ބޮޑުހުޅުގެ ހާދިސާއަކީ ވެސް ބޭރުން ވާގިވެރިވާ އިސްތިއުމާރީ ދައުލަތެއް އޮވެގެން، ވެރިކަމަށް ދަހިވެތިވި ދިވެހިންތަކެއް އަޑީގައި ތިބެގެން ހިންގި ކަމެއް ކަމަށް ރައީސް ވިދާޅުވިއެވެ. އެގޮތުން، ހަގީގަތެއް ނެތް ވާހަކަތައް ފަތުރައި، ރައްޔިތުންނަށް އޮޅުވާލައިގެން ނެރެ، ގޯތިގެދޮރާއި ދައުލަތުގެ ތަރިކަތައް ފަނާކޮށް ގައުމުގެ އަމާންކަން ނަގާލި ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ނަސްރުގެ ދުވަހުގެ އުދުވާނަށް އަލިއަޅުއްވާލައްވަމުން ރައީސް ވިދާޅުވީ، އެއީ ވެސް ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ހިޔާނާތްތެރިވި ދިވެހިންގެ ބަޔަކު އަޑީގައި ތިބެގެން 19 ދިވެހިންގެ ލޭ އޮހޮރުވާލި ހަމަލާއެއް ކަމަށެވެ. އެ ދުވަހު ޝަހީދުވި ބޭފުޅުން ތިއްބެވި ތަންތަނާއި ޝަހީދު ހުސައިން އާދަމްގެ ނަންފުޅުގައިވާ ހާއްސަ ބިނާއިން ދިވެހިންގެ ހިތްތަކުގައި މިނިވަންކަމަށާއި ޝަހީދުންނަށް އޮތް ގަދަރު އާކޮށްދޭ ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އަދި އެ ޝަހީދުން އަނބިދަރިންނާއި މައިންބަފައިންނަށް ވުރެ ގައުމުގެ މިނިވަންކަމާއި ސަލާމަތް އިސްކުރެއްވި ކަމަށާއި، ގައުމަށް ވަފާތެރިވުމުގެ ނަތީޖާއަކީ ބާއްޖަވެރިކަން ކަމަށާއި ގައްދާރުވުމުގެ ނަތީޖާއަކީ އަބާއްޖަވެރިކަން ކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ކޮމެންޓް